އެދެމަފަރިންގެ ކައިވެންޏަށް އަދި އެންމެ 5 އަހަރެވެ. ދަރިއަކު ނުލިބޭތީ ކަންބޮޑުވެގެނެއް ދެމަފިރިން އަދި ނުއުޅެއެވެ. އެކަމާއި ކަންބޮޑުވެގެން އުޅެނީ ފިރިމީހާގެ މަންމައެވެ. އެހެންވެ ދަރިފުޅަށް ބުންޏެވެ.
"ދަރިފުޅާއެވެ! އަދިވެސް ދަރިއަކު ލިބުނީއެއް ނޫނެވެ! އެއީ ވިހާނެ އަންހެނެއްވެސް ނޫނެވެ. ގިނައިން ވިހާ ޒާތުގެ އަންހެނަކު ހޯދައި ދެއަންތބަށް ކައިވެނިކޮށް އެކަން ސިއްރުކުރާށެވެ. އަވަހަށް ބަލިވެބައިންދާށެވެ. ބަލިވެއިނީމާ އަނބިމީހާގެ ގާތުގައި ބުނާށެވެ! އަދި އެއީ ކުރެވުނު ކުށެއްކަމަށްވެސް ބުނާށެވެ. ދަރިފުޅުގެ އަނބިމީހާއަކީ ދަރިފުޅުދެކެ ނުލާހިކު ލޯބިވާ އަންހެނެކެވެ. ދަރިފުޅަށް މާފުކުރާނެއެވެ."
ދަރިފުޅު ބުންޏެވެ! "ލޯބިވާ މަންމާއެވެ! މަންމައަށް ތިއަދެއްކޭ ވާހަކައިގެ އަޑު މަންމައަށް އިވޭހެއްޔެވެ؟ މަންމަ ތިއަ ބުނަނީ އަނބިމީހާއަކީ އަހުރެންދެކެ ނުލާހިކު ލޯބިވާ އަންތބެއް ކަމަށެވެ. މަންމަ ނުބުނި ނަމަވެސް އެއީ އަހުރެންނަށް ވަރަށް ޔަޤީންކަމެކެވެ. ކައިވެނިކުރީވެސް އެކަން ޔަޤީންކޮށްފައެވެ. ދެން މަންމަ ތިއަބުނަނީ އޭނާއަށް މަކަރުހަދައި އޭނާގެ ހިތުގައި ޖެއްސުމަށެވެ. އެއީ ހަަމހޭގައި ހުރެގެން އަހުރެން ކުރާނެ ކަމެއް ނޫނެވެ.
މަންމާއެވެ! ދަރިއަކު ލިބުން ލަސްވެގެން އަހުރެމެން އަދި ނުއުޅެމެވެ. އެހެންވެ ޑޮކްޓަރަކަށްވެސް އަދި ނުދައްކަމެވެ. ދެމީހުންކުރެ އެކެއްގެވެސް މައްސަލައެއް ނެތްކަމަށްވެދާނެއެވެ. މައްސަލަހުރީ އަހުރެންގެ ކިބައިގައިކަމަށްވެސް ވެދާނެއެވެ.
އެކަންކަން ނުބަލައި އަމިއްލައަށް ކަންކަން ކުރީމާ ދެން ކައިވެނިކުރެވޭ މީހާއަކީ ނިގޫރޯޅިއަކަށްވެއްޖިއްޔާ ކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ މަންމަ ދެކެ ލޯބިނުވާ އަންހެނަކަށް ވެއްޖިއްޔާޔޯއެވެ. އަދި އޭނާއަށްވެސް ދަރިއަކު ނުލިބިއްޖިއްޔާޔޯއެވެ. ނަމަނަމަ ތިއަބާވަތުގެ ވާހަކައެއް ދެން ދައްކައިގެން ނުވާނެއެވެ. އަހުރެމެން ދެމަފިރިންގެ ކަންކަމުގަ ގޮތް ނިންމަން އަހުރެމެންނަށް ދޫކޮށްލާށެވެ!"
ވާހަކަ އެހިށާބަށް ދިއަތަނާ އަނބިމީހާ ދޮރުފޮތިގަނޑުދޮށުން ނުކުތުމުން ދެމައިން ދިއައީ ސިއްސައިގެންނެވެ. "ވަރަށް ބޮޑަށް މާފުކުރާށެވެ! ފާރަލީއެއް ނޫނެވެ! ބިއްލޫރިތައް ފުހެން ހުއްޓައި ތިއަ ވާހަކައެއް ފެށުނީމަ މަޑުކޮށްލެވުނީއެވެ. ސާފުކުރާފުޅިއާ ފޮތިގަނޑުވެސް މިއޮތީއެވެ." ބުނުމުން މަންމައަށް ރޮވިއްޖެއެވެ.
މަންމަ ބުންޏެވެ! "ދަރިފުޅާއެވެ! މާފަށް އެދެނެވީ މަންމައެވެ. މިވާހަކަ ދެއްކުނީ ދަރިފުޅަށް ރުޅިއަކުން ނޫނެވެ. މާމަކިޔާ ދަރިއަކަށް ބޭނުންވާ ވަރުބޮޑުކަމުންނެވެ!" ޅީދަރިފުޅު ބުނީ "ފިރިމީހާ ދެކެ އަހުރެން އިންތިހާއަށް ލޯބިވާކަމަށްބުނީ އެކަން ޤަބޫލުކުރާތީ ނޫންހެއްޔެވެ؟ އެއީ އެކަން އޮތް ގޮތެވެ. ތިއައީ ފިރިމީހާގެ މަންމަވީމާ އަދިވެސް ލޯބިވަމެވެ. އެކަމަކު ކުރިން މަންމަދެކެ ވެވުނު ލޯބި ޖެހޭނީ މަންމަގެ ޢަމަލުތަކުން އަނބުރައި ހޯދާށެވެ! ފިރިމީހާއަށްޓަކާ އެފުރުޞަތު އަދިވެސް ދޭނަމެވެ."
ކިޔުންތެރިންނޭވެ! އެމައިދައިތަގެ ނިޔަތް އެނގޭނީ އޭނާއަށެވެ. އެކަމަކު ދަރިފުޅަށް އެދިން ނަޞީޙަތަކީ އެއްވެސް ޙާލެއްގައި ދީގެންވާނެ ނަޞީޙަތެއް ނޫނެވެ. ޚާއްޞަކޮށް ދަރިއަކު ނުލިބިގެން ދެމަފިރިން ކަންބޮޑުވެގެން ނުއުޅޭއިރު އެކަމުގެ ތެރެއަށް ބޭނިގަތުމަކީ އެއްވެސް ނިޔަތެއްގައި ކޮށްގެންވާނެ ކަމެއް ނޫނެވެ. ދީނުގެ ގޮތުން ބެލިނަމަވެސް އެދިނީ ފާފަވެރިވާނެ ނަޞީޙަތެކެވެ. މިފަދަ ނަޞީޙަތްތަކުގެ ރޭޅޭ ކައިވެނިތައް ވަރަށް ގިނައެވެ.
ދެން ބުނެލަން އޮތީ މިފެންވަރަށް ތިމާދެކެ ލޯބިވާ ފިރިއަކު އަދި އަންތބަކު ލިބުނަސް އެއީ ލައްވަވާނެ އެންމެ ރަޙްމަތް ކަމަށް ޤަބޫލުކުރާށެވެ! ފައިދޮވެދީގެންވެސް އެކުގައި އުޅެން މަސައްކަތްކުރާށެވެ! އެވަރަށް ލޯބިވާ ބައިވެރިން މަދުކަމުންނެވެ.
- މިއަދުނޫސް