ހެއްކެއްނެތި އަނބިމީހާއަށްވެސް ފިރިމީހާއަށްވެސް ޝައްކުތައް ކުރުމަކީ ބޮޑުފާފައެއް! އެޖެހެވެނީ ޝައިޠޯނާގެ ދަންތުރައެއްގަ!: ޝައިޚް ޢާސިމް އަލް ޙަކީމް

ކިޔުމަށް ހޭދަވާނީ 3މ 1ސ
ހެއްކެއްނެތި އަނބިމީހާއަށްވެސް ފިރިމީހާއަށްވެސް ޝައްކުތައް ކުރުމަކީ ބޮޑުފާފައެއް! އެޖެހެވެނީ ޝައިޠޯނާގެ ދަންތުރައެއްގަ!: ޝައިޚް ޢާސިމް އަލް ޙަކީމް

ޢާއިޝަތު ރަފާޙް ޢަލީ

 

ޝައިޚް، "އަޅުގަނޑަކީ ކައިވެނިކޮށްގެން އުޅޭ މީހަކީމެވެ. އިރާދަކުރެއްވިގެން ނިމިދިޔަ ނޮވެމްބަރު މަހު އަޅުގަނޑުމެންނަށް ވަނީ ދަރިއަކުވެސް ލިބިފައެވެ. ނަމަވެސް، އަޅުގަނޑުގެ ހިތުގައި އަބަދުވެސް ނޭދެވޭ ވަހުމްތަކާއި ޝައްކުތަކެއް އުފެދެއެވެ. އެގޮތުން އަޅުގަނޑުގެ ހިތުގައި އެންމެ ބޮޑަށް އުފެދޭ ޝައްކަކީ އަޅުގަނޑުގެ އަންހެނުން ސިއްރުން އެހެން މީހަކާ ފޯނުން ވާހަކަދައްކަފާނެ ކަމުގެ ޝައްކެވެ. 

މިކަމުގެ އެއްވެސް ހެއްކެއް ނެތް ނަމަވެސް، ކައިވެނީގެ ކުރިން އޭނާ އެހެން މީހަކާ ވާހަކަދެއްކި ހާދިސާއެއް ހިނގާފައިވުމުން، ކައިވެންޏަށް ފަހުވެސް އެފަދަ ކަމެއް ހިނގާފާނެ ކަމަށް އަޅުގަނޑަށް ހީވަނީއެވެ. ސާބިތު ހެއްކެއް ނެތި، ހަމައެކަނި ހިތަށް އަރާ ވަހުމެއްގެ މައްޗަށް ބިނާކޮށް މިގޮތަށް ޝައްކު ކުރުމަކީ ދީނީ އަދި އިޖުތިމާޢީ ގޮތުން ކިހާވަރެއްގެ ކަމެއްތޯއެވެ؟" 

ޝެއިޚްގެ ޖަވާބު:  

އާމިރު އެވެ. ތިޔަ ކުރިމަތިލާން ޖެހިފައިވާ މައްސަލައަކީ މުޅިންވެސް ޝައިތާނާގެ ފަރާތުން އަންނަ ވަސްވާސްތަކެކެވެ. ސޫރަތުލް ބަގަރާގެ 102 ވަނަ އާޔަތުގައި ﷲ ބަޔާންކުރައްވާފައިވާ ގޮތުގައި، ހާރޫތާއި މާރޫތު ކިޔާ ދެ މަލާއިކަތުން ބިމަށް ފޮނުއްވުނީ އިމްތިހާނެއްގެ ގޮތުގައެވެ. އެބޭކަލުން މީސްތަކުންނަށް ސިހުރު ދަސްކޮށްދެއްވުމުގެ ކުރިން، މިއީ ފިތުނައެއް ކަމަށާއި މީގެ ސަބަބުން ކާފަރުވެދާނެ ކަމުގެ އިންޒާރު ދެއްވައެވެ. ނަމަވެސް، ޝައިތާނުން އެބޭކަލުންގެ ކިބައިން ދަސްކުރި ކަންތައްތަކުގެ ތެރޭގައި، ފިރިމީހާއާއި އަނބިމީހާ ވަކިކުރުވާނެ ގޮތްތައް ހިމެނެއެވެ. ﷲ މި އާޔަތުގައި ބަލިމަޑުކަމެއް ނުވަތަ ފަގީރުކަމެއްގެ ވާހަކަ ބަޔާންކުރެއްވުމުގެ ބަދަލުގައި، ދެމަފިރިން ދުރުކުރުވުމުގެ ވާހަކަ ބަޔާންކުރެއްވުމުން އެނގެނީ މިއީ ކިހާ ނުރައްކާތެރި ކަމެއް ކަމެވެ. ޝައިތާނާގެ އެންމެ ބޮޑު މަގުޞަދަކީ ދެމަފިރިން ވަކިކުރުމެވެ. 

މީގެ އިތުރުން ރަސޫލާ ﷺ ގެ ހަދީޘްފުޅެއްގައިވެއެވެ. އިބިލީސް އޭނާގެ ތަހުތު ފެންމަތީގައި ބަހައްޓައި، އޭނާގެ ލަޝްކަރުތައް މުޅި ދުނިޔެއަށް ފޮނުވައެވެ. އެކި މީހުން އައިސް އެމީހުން ކުރި ކަންތައްތަކުގެ ވާހަކަ ކިޔައިދެއެވެ. އެކަކު އައިސް ޒިނޭކުރުވި ވާހަކަ ބުނުމުން، އެއީ މާބޮޑު ކަމެއް ނޫން ކަމަށާއި އޭނާ ފަހުން ތައުބާވެދާނެ ކަމަށް އިބިލީސް ބުނެއެވެ. ވައްކަން ކުރި ވާހަކަ ބުނުމުންވެސް އެފަދައިން ބުނެއެވެ. ނަމަވެސް، މީހަކާއި އޭނާގެ އަނބިމީހާ ވަކިކުރުވި ވާހަކަ ބުނުމުން، އިބިލީސް އެމީހަކަށް ތައުރީފުކޮށް އޭނާގެ ގާތުގައި ބައިތިއްބައެވެ. މިއިން އެނގެނީ މުސްލިމް އާއިލާއެއް ރޫޅާލުމަކީ ޝައިތާނާ އެންމެ ބޭނުންވާ ކަންތައް ކަމެވެ. 

އާމިރު އެވެ. ﷲ އަށް ބިރުވެތިވާށެވެ. ކައިވެންޏަށް ފަހު ތިޔަބޭފުޅާގެ އަންހެނުންނަކީ ވަފާތެރި، ކިޔަމަންތެރި، އަދި ތިޔަބޭފުޅާގެ މައިންބަފައިންނަށް އިހުތިރާމާއެކު ޚިދުމަތްކުރާ އަންހެނެކެވެ. އޭނާ ތިޔަބޭފުޅާ އުފާކޮށްދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާއިރު، ތިޔަބޭފުޅާ އޭނާއަށް ޝުކުރުވެރިވަމުތޯއެވެ؟ އޭނާއަށް ތައުރީފު ކުރަމުތޯއެވެ؟ ނޫނެކެވެ. ތިޔަބޭފުޅާ ތިޔަ އުޅެނީ އޭނާގެ ކައިވެނީގެ ކުރީގައި ހިނގާފައިވާ، މާޒީގައި ހިނގާފައިވާ ޙަދީޘާތަކާއި ހެދި ޝައްކުކުރާށެވެ. ކައިވެނީގެ ކުރިން ތިޔަބޭފުޅާއަކީ ހުރިހާ ގޮތަކުން ފުރިހަމަ، އެއްވެސް ފާފައެއް ނުކުރާ މީހެއްތޯއެވެ؟ ތިޔަބޭފުޅާގެ އަމިއްލަ ފާފަތައް ﷲ ފަޟީހަތް ކުރައްވައިފިނަމަ، މީހަކު ތިޔަބޭފުޅާގެ ގާތުގައި އިށީންނަންވެސް ބޭނުން ނުވެދާނެ ކަމާމެދު ބިރުވެތިނުވަނީތޯއެވެ؟ 

ކީރިތި ގުރުއާނުގައި ﷲ ވަނީ ނުބައި ހީތަކާއި ޝައްކުތަކުން ދުރުހެލިވުމަށް އަމުރުކުރައްވާފައެވެ. ސަބަބަކީ ބައެއް ކަހަލަ ހީތަކަކީ ފާފައެއް ކަމުގައިވާތީއެވެ. ތިޔަބޭފުޅާ ތިޔަ ކުރައްވާ ކަމަކީ ކަނޑައެޅިގެން ފާފައެކެވެ. އެހެންކަމުން، މިހާރުން މިހާރަށް ތިޔަ ނުބައި ޚިޔާލުތައް ހުއްޓާލާށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އަންހެނުންނަށް ހެޔޮކޮށް ހިތައި، އޭނާއަށް ތައުރީފުކޮށް، ޝުކުރުވެރިވުމަށް މަސައްކަތްކުރާށެވެ. އެއީ ކުރެވުނު ނުބައި ހީތަކުގެ ބަދަލުގައި ކުރެވޭ ހެޔޮ ކަމެއް ކަމުގައި ވާނެއެވެ. ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ.

 

- މިއަދުނޫސް

 

 

މިއަދު އޮންލައިން