ދެދުނިޔޭގެ ކާމިޔާބީވެސް ލިބުން އޮތީ ފަރުޟްނަމާދުތައް ކުރުމާއެކު ސީދާ ﷲ ތަޢާލާ ތިބާއަށް ގޮވާލައްވަވާ ނަމާދަށްވެސް ސަމާލުކަންދީގެން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ދެދުނިޔޭގެ ކާމިޔާބީވެސް ލިބުން އޮތީ
ފަރުޟްނަމާދުތައް ކުރުމާއެކު ސީދާ ﷲ ތަޢާލާ ތިބާއަށް ގޮވާލައްވަވާ ނަމާދަށްވެސް
ސަމާލުކަންދީގެން!

 

މިވާހަކަކޮޅު ޚާއްޞަމިކުރަނީ ރޭއަޅުކަން ކުރަން

ބޭނުންވާ ކަމަށާއި ނަމަވެސް ނުހޭލެވެނީކަމަށް ބުނާ މީހުންނަށް އެކަން މެދުވެރިވާ ސަބަބު ވިސްނައިދިނުމަށެވެ. ވީމާ ސަމާލުކަންދީގެން އަޑުއަހައި ވިސްނާށެވެ! 

ލޮބުވެތި އެކުވެރިންނޭވެ! ފުރަތަމަކަމަކަށްވެސް

ފަރުޟު ނަމާދާއި ދަމުނަމާދުގެ ހުރި ބައެއް ތަފާތުތަކަށް ބަލައިލަމާ ހިނގާށެވެ!  

--ފުރަތަމަ ކަމަކީ ފަރުޟުނަމާދުގެ ވަޤުތުޖެހުން އިމާމް މީހާ ބަންގިގޮވާނެއެވެ. ބަންގީގައި ގޮވާނެއެވެ. ނަމާދުކުރަން އަންނާށެވެ! ކާމިޔާބުލިބިގަންނަން އަންނާށެވެ.  

--އެއިގެ ބަދަލުގައި ދަމުނަމާދަށް ދަޢުވަތު ދެއްވަވަނީ ﷲ ތަޢާލާއެވެ. ކޮންމެ ރެއެއްގެ ފަހުބައިގައި ބިމުގެ އުޑަށް ފައިބާވަޑައިގެން 3 ސުވާލު ކުރައްވަވަނީއެވެ. (1) ތިމަން ﷲ ގެ ޙަޟްރަތުން ކަމަކަށް ބޭނުންވެގެން ތިބީ ކޮންބައެއް ހެއްޔެވެ؟ (2) ތިމަން ﷲ ގެ ޙަމްރަތުން ފާފަފުއްސަވައިދެއްވެވުމަށް އެދެނީ ކޮން ބައެއް ހެއްޔެވެ؟ (3) ކަމަކަށް ބޭނުންވެގެން ދުޢާކުރަން ބޭނުންވަނީ ކޮންބައެއް ހެއްޔެވެ؟ އެމީހަކަށް ފުއްދަވައިދެއްވަވާނަމެވެ.  

ވީމާ ފަރުޟުނަމާދަށް ގޮވާލެވޭ އަޑު އެންމެންނަށް އިވޭނެއެވެ. ނަމަވެސް ދަމުނަމާދަށް ގޮވައިލެވޭ އަޑު އެންމެންނަކަށް ނުއިވޭނެއެވެ. އެއަޑު އިވޭނީ ﷲ ތަޢާލާ އެމީހަކަށް ދަޢުވަތުދެއްވަވާ ބައަކަށެވެ. ފަރުޟުނަމާދުތައްކުރާ މީހުން ގިނަވެފައި ދަމުނަމާދުކުރާ މީހުންގެ ޢަދަދު މަދުވަނީ އެސަބަބަށްޓަކައެވެ.  

މިހެން ބުނުމުން އުފައްދައިފާނެ ސުވާލެކެވެ. "އަހުރެން ދަމުނަމާދަށް ނުހޭލުމަކުން އަހުރެންގެ ކުށެއް ނެތެއް ނޫންހެއްޔެވެ؟ އަހުރެންނަށް ދަޢުވަތު ނުދެއްވަވަނީ ނޫންހެއްޔެވެ؟" ނަމަވެސް އެއީ އެގޮތަށް މެދުވެރިވާ ކަމެއް ނޫނެވެ. ދަޢުވަތު ދެއްވަވާނެ ގޮތަށް ޢަމަލުތައް ބެހެއްޓުމުން އެންމެންނަށްވެސް ދެއްވަވާނެތެވެ. ﷲ ތަޢާލާ ކަންކަން މިންވަރުކުރައްވަވާނީ އެކަމަކަށް އެދިގެން މަސައްކަތްކުރާ އަޅުންނަށެވެ.  

މާނައަކީ ފަރުޟް ނަމާދުތަކާއި ސުންނަތް ނަމާދުތައް ކުރާމީހަކަސްވާށެވެ! ދެން ދަމުނަމާދުކުރަން ބޭނުންވާމީހަކަށްވާށެވެ! އެކަމުގައި އިޚްލާޞްތެރިވި ކޮންމެ މީހަކަށްވެސް އެދަޢުވަތު ދެއްވަވާނެތެވެ. އިން ޝާ ﷲ  

--ދެވަނައަށް ފާހަގަކޮށްލަން ޖެހޭ ކަމަކީ ދެއްކުންތެރިކަމުގެ ގޮތުންވެސް މީހަކު ފަރުޟުނަމާދުކޮށްފާނެއެވެ. މިސްކިތުން މީހުންނާއި ބައްދަލުކުރަންވެސް ފަރުޟު ނަމާދުކޮސްފާނެއެވެ. އެމީހަކީ ނަމާދުނުކުރާ މީހެއްކަން މީސްތަކުންނަށް ނުއަންގަންވެސް ފަރުޟުނަމާދުތައް ކޮށްފާނެއެވެ.  

--ނަމަވެސް ދަމުނަމާދަކީ ދެއްކުންތެރިކަމުގެ ގޮތުން ކުރެވޭނެ ނަމާދެއް ނޫނެވެ. ސަބަބަކީ އޭނާ ނިދީން ހޭލައި ދަމުނަމާދުކުރަނީ އެކަނި ހުރެއެވެ. އެތަން ބައްލަވައިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއެވެ. ވީމާ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް އިޚްލާޞްތެރިކަން ނެތްމީހަކަށް ދަމުނަމާދެއް ނުކުރެވޭނެއެވެ.

ދެން ބަލައިލަންވީ ދުޢާކުރުމަށެވެ. ﷲ ތަޢާލާއީ މީސްތަކުން ކުރާ ދުޢާ ޢިޖާބަ ކުރައްވަވާ ރަސްކަލާނގެއެވެ. ފަރުޟު ނަމާދުގައި ނުވަތަ ފަރުޟު ނަމާދުގެފަހުން ކުރާ ދުޢާ އާއި ދަމުނަމާދުގައި ނުވަތަ ދަމުނަމާދުކޮށްގެން ކުރާ ދުޢާ އާއި ހުރި ތަފާތަކީ ދަމުނަމާދުގައި ނުވަތަ ދަމުނަމާދުކޮށްގެން ކުރާ ދުޢާ ޢިޖާބަކުރައްވަވާނެކަމުގެ ޔަޤީންކަން ﷲ ތަޢާލާ ދެއްވަވާކަމެވެ. ފަށަމުން ބުނިފަދައިންނެވެ.  

އަހުރެމެންނަކީ ﷲ ތަޢާލާގެ ޙަޟްރަތުން އެތައް ބައިވަރު ކަންތައްތަކަކަށް ބޭނުންވެގެން އަބަދުވެސް ތިބެންޖެހިފައިވާ ބައެކެވެ. ރިޒުޤަށެވެ. ތަނަވަސްކަމަށެވެ. ޞިއްހަތަށެވެ. ރަނގަޅު ވަޒީފާއަށެވެ. ދަރިން ދެއްވެވުމަށެވެ. ދަރިން ލިބުމުން އެދަރިންނަށް ރަނގަޅު ގޮތްތައް މެދުވެރިވުމަށެވެ. މިހެންގޮސް އެތައް ބައިވަރު ކަންތައްތަކަކަށެވެ. އެހެންކަމަށްވާއިރޭ ދަމުނަމާދުކޮށް ﷲ ތަޢާލާގެ ޙަޟްރަތުގައި ދުޢާނުކުރާނަމަ އެމީހަކީ ﷲ ތަޢާލާގެ ޙަޟްރަތުން ކަމަކަށް ބޭނުންވެގެން ހުރި މީހަކު ކަމަކަށް ނުބެލެވޭނެއެވެ.  

މިދުވަސްވަރަކީ ފަލަސްޠީނުގައި ތިބި އަހަރެމެންގެ އަޚުންނާއި އުޚުތުންނަށްޓަކައި ހެޔޮދުއާކުރަންޖެހިފައިވާ ވަޤުތެކެވެ. ދަމުނަމާދުކުރާށެވެ. ދުޢާކުރާށެވެ! ހަމަޤައިމުވެސް އެއީ ކޮށްލައިދެވިދާނެ ވަރެކެވެ.

---ޝައިޚް މުޙައްމަދު އަލްނަޤްވީގެ ދަރުސަކުން

މިއަދު އޮންލައިން