އަޅުގަނޑަކީ ރެސްޓޯރަންޓެއް ހިންގި މީހަކީމެވެ. ބައެއް ރޭރޭ ނިމިގެންދަމުން އަންހެން މުވައްޒިފުން ގެއަށް ގެންގޮސްދެމެވެ. އެއީ އެމީހުންނާ އިތުރު ގުޅުމެއް ބޭއްވުމަކަށް ނޫނެވެ. ދުވަސްކޮޅެއްވީތަނާ ފިރިހެންދަރިފުޅު އެއްރޭ ބައްދަލުކޮށްފައި ބުނީ އެކަން ނުކުރުމަށެވެ. ބައްޕަގެ ނިޔަތް ރަނގަޅު ނަމަވެސް މަންމައަށް ކުރާނެ އަސަރަށް ވިސްނައިލުމަށެވެ. ދަރިފުޅު އެގޮތަށް ބުނުމުން ވަރަށް ދެރަވިއެވެ. ލަދުވެސްގަތެވެ. އެއިގެ ފަހުން އެކަމެއް ނުކުރަމެވެ.
"އަހުރެންގެ ހިތަށް އެރި ދަރިން މިގޮތަށް ކަންކަން ކުރާނަމަ މަންމަވެސް އަދި ބައްޕަވެސް އެބާވަތުގެ ކަމެއް ނުކުރާނެއޭ. މީހަކު ބުނުމަށްވުރެ ދަރިން ބުނީމާ ކުރާ އަސަރު މާބޮޑުކަން އަހުރެންނަށް އެރޭ ތަޖުރިބާކުރެވުނު. އެކުވެރިން އެކަން ނުކުރަން ބުނި. އެކަމަކު ސަމާލުކަމެއް ނުދެވޭ! އެކަމަކު ދަރިފުޅު އެހެން ބުނީމާ ކުރީ މުޅިން ތަފާތު އަސަރެއް!"
މިއީ ވަރަށް ގާތް އަޚަކު ބުނި ވާހަކައެކެވެ. ބައެއް ދަރިންނަށް ހީކުރެވިފައި އޮންނަނީ މަންމަ ނުވަތަ ބައްޕަ ނުބައި ކަމެއް ކުރާކަން އެނގުނު ނަމަވެސް އެކަމެއް ނުކުރަން ބުނުމަކީ މައިންބަފައިންނަށް ނުކިޔަމަންތެރިވުން ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ޙާލެއްގައި އެކަން އޮތް ގޮތެއް ނޫނެވެ.
ތިރީގައިވާ ލިޔުމުން އެކަން ވަރަށް ރަނގަޅަށް އެނގިގެންދާނެއެވެ. އިން ޝާ ﷲ
ބައްޕައަށް ވިޔަސް އަދި މަންމަ ކަމުގައިވީނަމަވެސް ނުރަނގަޅުކޮށް ކަމެއްކުރާކަމުގައި ވަނީނަމަ އެކަމެއް މަނާކުރުމަކީ އެއީ ދަރިންގެ މައްޗަށް ވާޖިބުކަމެކެވެ.
ފަހަރެއްގައި ކުދިންނަށް ހީވެދާނެ މަންމައާއި ބައްޕަ ރުޅިއަރުވާލެވެނިއްޔޭ އެމީހުން ހިތުގައި ޖެއްސެނިއްޔޭ އެމީހުން ނުރުހޭފަދަ ކަމެއް ކުރެވެނިއްޔޭ، އެއެއްނޫން އެއްވެސް ޙާލެއްގައި، އެއީ އެމީހުނަށް ޙަޤީޤަތުގައި ހެޔޮގޮތް ބަޔާންކޮށްދެވެނީ، އެމީހުން ނުރަނގަޅުކަމެއް ކުރަންހެދީމައި ރަނގަޅުކޮށްދިނުން އެއީ ޙަޤީޤަގުތައި އެމީހުނަށް ހެޔޮ އެދުން އެއީ،
އެކަމަކު އެމީހުންކުރާކަން ނުރަނގަޅުކަމެއް އެކަންހަމަ އެގޮތަށް ކުރަން އަޅާނުލާ ދޫކޮށްލާފައި ހުރުން އެއީ ޙަޤީޤަތުގައި އެމީހުނަށްވެވޭ އަނިޔާއެއް، އެހެންވީމައި އެފަދަ ކަންތައްތަކުން އަޅުގަނޑުމެން ދުރުހެލިވާންޖެހޭނެ. އަޅުގަނޑުމެން ޖެހޭނެ ހަމަ މައިން ބަފައިންނަށް ހެޔޮކޮށް ކަންތައްކޮށްދިނުމުގެ ގޮތުން އެމީހުން ނުރަނގަޅުކޮށް ކުރާ ހުރިހާކަމެއް މަނާކޮށް އެކަމަކަށް އެމީހުނަށް ނަޞޭޙަތްތެރިވެ އެމީހުން ހެޔޮމަގަށް އެޅުވުމަށް މަސައްކަތްކުރަން.
-- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް