މިރޭވެސް ފެނުނު ކަމެކެވެ. ފުރަތަމަ ސަފުން ޖާގައެއް ހުސްވީމާ އެންމެ ކައިރިއަށް ތިބި މީހުން ޖާގައަށް ނައީ ޖާގަކުޑަކަމަށް ބަލައިގެންނެވެ. ދުރުގައި ހުރި މީހަކު އައިސް ޖާގަފުރިއެވެ. އެވަޤުތު ވަރަށް ކުޑަކޮށް ފިތުނެވެ. އެކަމަކު ފުރަތަމަ ރަކްޢަތް ނިމުނު އިރު ޖގަތަނަވަސްވެ އިތުރުވެސްވިއެވެ. ވީމާ ވިސްނާލަންވީ ކަންކަމެވެ. ނަމާދުގެ ކުރީ ސަފުން ޖާގަލިބުމުން ކުރާނެ ބޮޑު ފައިދާއާއިމެދުގައެވެ. ޚާއްޞަކޮށް ކުރީ ސަފުގައި ތިބި މީހުން އެފުރުޞަތުދީފިނަމަ އޮތީ ފިތިލައިގެންވެސް އެޖާގައަށް ދިއުމެވެ. ޖާގަ އެދެނީ އެކަމަށް ރުހިތިބެގެން ކަމަށްވާތީއެވެ.
ނަމާދުގައި އެންމެ މުހިންމު އެއްކަމަކީ ސުންނަތާއި އެއްގޮތަށް ސަފުތައް ތަރުތީބުކުރުމެވެ. ކޮންމެ ނަމާދެއް ފެށުމުގެ ކުރިން އެކަމަށް އިމާމް ގޮވާލައްވަނީ އެކަމުގެ މުހިންމުކަން ބޮޑުކަމުންނެވެ.
ސަފުހަދާއިރު ކޮންމެ މީހަކުވެސް ޖާގަ ހިފަންވާނީ އެމީހެއްގެ ހަށިގަނޑާއި އެއްވަރަށެވެ. ދެފައި ދުރުކޮށް ބޮޑުޖާގަހިފައިގެން ނުވާނެއެވެ. އަދި ހަށިގަނޑަށްވުރެ ދެފައި ކައިރިކުރުމަކީ ނަމާދުކުރަން އުނދަގޫވާނެ ކަމެކެވެ. މިކަމަށް އެންމެންވެސް ސަމާލުކަންދޭންވާނެއެވެ.
އައްތަޙިއްޔާތަށް އިށީންނާނެ ބޮޑު ޖާގަހިފުމުގެ ބޭނުމުގައި ނަމަވެސް އެހެން ބޭނުމަކު ނަމަވެސް ދެމީހުންގެ ދޭތެރޭގައި ހުސްޖާގަ ދޫނުކުރާށެވެ. ނަމަދު ފުރިހަމަވާނީ ސަފުތައް ފުރާލައިގެންނެވެ. ނަމާދުގައި ސަފު ހެދުމަށް ރަސޫލް (ﷺ) އަނގަވައިދެއްވަވައިފައިވާ ގޮތަށް ސަފު ހެދުމުންނެވެ. ފަޔާއި ފައި، ކޮނޑާއި ކޮނޑު ޖައްސަން އިމާމް އެ ގޮވާލަނީ އޭނާގެ އަމިއްލަ ބަހެއް ނޫނެވެ. އެއީ އެކަން ކުރަން އޮތް ގޮތެވެ.
އެނގޭ ހެއްޔެވެ؟ ސަފުތަކުގައި ހުންނަ ހުސް ޖާގަތައް ފުރާމީހުންގެ ދަރަޖަ ﷲ ތަޢާލާ މަތިވެރިކުރައްވަވާނެތެވެ.
Aisha reported: The Messenger of Allah, peace and blessings be upon him, said,
“Verily, Allah and his angels send blessings upon those who pray in rows, and those who fill the gaps will be raised in rank by Allah.”
Source: Sunan Ibn Mājah 995
Grade: Sahih (authentic) according to Al-Albani
ބައެއް ނަމާދުތަކުގައި ބައެއް ފަހަރު ސަފުތަކުން ޖާގަ ހުސްވެއެވެ. ކޮންމެ ގޮތަކުން ނަމަވެސް ޖާގަ ހުސްވެއްޖެ ނަމަ އެޖާގަ ފުރަންޖެހޭނެއެވެ. ނަމާދަށް ހުއްޓައި ކުރިމަތިން ޖާގައެއް ހުސްވެއްޖެނަމަ އެ ޖާގަ ފުރުމަށްޓަކައި ހަރަމްބަނދެގެން ހުރެ ކުރިއަށް ދެވޭނެއެވެ. އަދި އަރިމައްޗަށް ޖެހެން ޖެހިއްޖެ ނަމަ އަރިމައްޗަށްވެސް ޖެހެވޭނެއެވެ. އަދި އެއީ ކުރަން ޖެހޭނެވެސް ކަމެކެވެ.
ރަމަޟާންމަހު ތަރާވީސް ނަމާދުގައި 4 ރަކްޢަތް ކޮށްފައި ފައިބާބައަކުވެސް އުޅެއެވެ. އަދި 8 ރަކްއަތް ކޮށްފައި ވިތުރިނުކޮށް ފައިބާ ބައަކުވެސް އުޅެއެވެ. އެމީހުން ފޭބުމުން ސަފުތަކުން ގިނަ އަދަދެއްގެ ޖާގަ ހުސްވެއެވެ. އެހާލަތުގައި އަމަލުކުރަންޖެހޭނެ ގޮތަކީ ފަހަތުގައި ތިބި ބައަކު ކުރިއަށް އަރައި ޖާގަތައް ފުރުމެވެ.
ވީމާ މިފަދަ ކަންކަން އޮޅުން ފިލުވައި ހޭލުންތެރިވުމަކީ ކިތަންމެހައިވެސް މުހިންމު ކަމެކެވެ. އަދި މިކަމުގެ ފައިދާއަށް ނިކަން ވިސްނައިލަބަލާށެވެ. ފަށަމުން ބުނި ފަދައިން ނަމާދުގެ ސަފުތަކުގައި ހުންނަ ހުސް ޖާގަތައް ފުރާމީހުންގެ ދަރަޖަ މާތް ﷲ ގެ ހަޟްރަތުގައި އުފުލަވައިދެއްވަވަތެވެ. މިއީ ކޮންފަދަ މަތިވެރި ނިޢްމަތެއްތޯއެވެ!
--އިސްލާމީ ތިލަފަތުގެ ދަރުސަކުން