ދަރިންނަކީ ނަމާދުކުރާ ބައަކަށްވުންއެދިގެން ކުރަން އޮތް ދުޢާއެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދަރިންނަކީ ނަމާދުކުރާ ބައަކަށްވުންއެދިގެން ކުރަން
އޮތް ދުޢާއެއް!


ދަރިންނަކީ ނަމާދުކުރާ ބައަކަށްވުމަށް މައިންބަފައިނާއި ބެލެނިވެރިން އެދޭނެއެވެ. ގިނަ ބައެއްގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކަށްވެފައި އޮންނަނީ އެމީހުންގެ ދަރިން ނަމާދު ނުކުރުމެވެ.  

ފުރަތަމަ ކަމަކީ ތިމާއަކީ ނަމާދު ޤާއިމްކުރާ މީހަކަށްވުމެވެ. ނަމާދު ޤާއިމުކުރުމަކީ ފަރުޟް 5 ނަމާދު ބަރާބަރަށް ކުރުމެވެ. އެކަމުގައި ދަރިންނަށް ނަމޫނާ ދައްކާށެވެ! އަދި ވީހާ ގިނައިން ދަރިންނާއިއެކުގައި ނަމާދުކުރަން މަސައްކަތްކުރާށެވެ.

ފިރިހެނަކުނަމަ ދަރިން މިސްކިތަށް ގެންދާށެވެ. އަންހެނަކުނަމަ ގޭގައި ދަރިން ގޮވައިގެން ނަމާދުކުރާށެވެ. ދަރިން ގާތު ނަމާދަށް ދާށޭ! ނަމާދުކުރާށޭ! ބުނުމުގެ ބަދަލުގައި ދަރިފުޅާ ނަމާދަށް ނަމާދަށް ދަމާ ހިނގާށެވެ! ނަމާދުކުރަމާ ހިނގާށެވެ! ބުނަން ފަށާށެވެ!  

އެކަންކުރަމުން ތިމާ އާއި ތިމާގެ ދަރިންނަކީ ނަމާދު ޤާއިމުކުރާ ބައަކު ކަމުގައި ލައްވަވައި ދެއްވެވުން އެދި އިބްރާހީމްގެފާނު ކުރެއްވެވި ދުޢާކުރާށެވެ. ނަމާދު ކުރަމުން ވެސް މި ދުޢާކުރުން މުހިންމެވެ. އަބަދުވެސް ހުންނަންވާނީ ނަމާދު ޤާއިމުކުރާ މީހުންގެ ތެރެއިން ލެއްވެވުން އެދިއެދިކަމަށްވާތީއެވެ. 

رَبِّ اجْعَلْنِي مُقِيمَ الصَّلَاةِ وَمِن ذُرِّيَّتِي ۚ رَبَّنَا وَتَقَبَّلْ دُعَاءِ

"އަޅުގެ ވެރިރަސްކަލާކޮ! އަޅާއީ، ނަމާދު ޤާއިމްކޮށްއުޅޭ މީހެއްކަމުގައި ލައްވަވާނދޭވެ! އަދި އަޅާގެ ދަރިންކުރެންވެސްމެއެވެ. އަޅަމެންގެ ވެރިރަސްކަލާކޮ! އަދި އަޅުގެ ދުޢާ ޤަބޫލް ކުރައްވާނދޭވެ!"

(އިބްރާހީމް ސޫރަތުގެ 40) 

ޤިޔާމަތް ދުވަހުން ސަލާމަތްކަން ލިބެން އޮތީ ނަމާދު ޤާއިމުކުރި ވަރަކުންނެވެ. ވީމާ ތިމާ އާއި ތިމާގެ ދަރިންނަކީ ނަމާދު ޤާއިމުކުރާ މީހުން ކަމުގައި ލެއްވެވުމަކީ އަބަދުވެސް އެންމެ ބޮޑަށް އެދެންޖެހޭނެ ކަންތަކެވެ. އަދި ދުޢާކުރަން ޖެހޭނީ އެކަމަށްޓަކައި ގަދައަޅައި މަސައްކަތްކުރުމާއި ވެސް އެކުގައެވެ. ކޮންމެ ކަމެއް ޙާޞިލުކުރަން ނަމަވެސް ގަދައަޅައި މަސައްކަތްކުރުމަކީ ކާމިޔާބީގެ ތަޅުދަނޑިއެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން