އަޅުގަނޑޫދެކެ ލޯބިވާކަމަށް ބުނީ ތަންކޮޅެއް ތަނަވަސް މީހެކެވެ. އެހެންވެ ފުރަތަމަވެސް އަޅުގަނޑުގެ ހުރި ނިކަމެތިކަން ބަޔާންކުރީމެވެ. ލޯބިޤަބޫލުކުރީ ދުވަހަކުވެސް ހިތުގައި ނުޖައްސުވާނެކަމަށް ބުނީމައެވެ. އެތައް ފަހަރަކު ހުވާކުރީމައެވެ.
ނަމަވެސް ލޯބިވެގެން އެކުގައި އުޅެވުނީ އެންމެ 3 މަސްދުވަހުއެވެ. އަޅުގަނޑުގެ ހިތް ކަތިލާފައި ފިލީއެވެ. އޭނާއަށް ކޮންމްވެސްވަރެއްގެ ތަނަވަސްކަމެއް ލިބިފައި ހުރީމާ ނިކަމެތިންގެ ހިތް ކަތިލަމުން އެދުވަނީ އުފަލުގައި ދުނިޔޭގައި އުޅެވޭނެ ކަމަށް ހެއްޔެވެ؟
މިއީ ކިޔުންތެރިއަކު ޙިއްޞާކުރި ވާހަކަކޮޅެކެވެ. އޭނާއަށް ޖެހުނު ޙާލެވެ. އެކަމުގެ ސަބަބުން ހިތަށް ކުރި އަސަރުން ހިތުގައި އުފެދުނު ސުވާލެވެ. މިއީ އައުކަމެއް ނޫނެވެ. އަބަދުވެސް ހިނގަމުން އަންނަ ކަމެކެވެ. ތިރީގައި އެވަނީވެސް ހަމަ މިފަދަ ޙާލަތެއް ކުރިމަތިވި ކަނބަލެއްގެ އިޙްޞާޞްތަކެވެ.
ބައެއް މީހުން އަނެކާގެ ހިތް ހަލާކުކޮށްލާފައި ތިމާއަށް އުފާވެރިކަން ލިބެން އެދެއެވެ. އަދި އުފާވެރިކަން ލިބޭނެކަމަށް އުންމީދުވެސް ކުރެއެވެ. މިއީ ކޮންފަދަ ގޯސް ވިސްނުމެއް ހެއްޔެވެ؟
އަނެކާއަކީވެސް ތިމާވެސް އުފެއްދެވި މާތް ﷲ އުފެއްދެވި އިންސާނަކުކަމާއި ތިމާގެ ހަށިގަނޑުގައި ހިތެއް ލައްވަވާފައިވާފަދައިން އަނެކާގެ ހަށިގަނޑުގައިވެސް ހިތެއްވާކަމާއި ތިމާގެ ހިތަށް އުފާވެރިކަން ބޭނުންވާ ފަދައިން އަނެކާގެ ހިތަށްވެސް އުފާވެރިކަން ބޭނުންވާނެކަން ނުވިސްނެނީއެވެ. އަދި އެހެން މީހަކު ތިމާ ދެރަކޮށްލުމުން ތިމާގެ ހިތަށް ތަދުވެ ވޭން އަޅާފަދައިން ތިމާ އެހެން މީހަކު ދެރަކޮށްލުމުން އޭނާގެ ހިތަށް ތަދުވެ ވޭން އަޅާނެކަންވެސް ނުވިސްނެނީހެއްޔެވެ؟
އޭ އިންސާނާއެވެ! ބައެއް މީހުންނަށް ބައެއް ގުނަވަންތައް މަދުކޮށް ނުވަތަ ބައެއް ގުނަވަންތައް މަސައްކަތް ނުކުރި ނަމަވެސް މާތް ﷲ ކަނޑައަޅުއްވަވާ މުއްދަތަކަށް ދުނިޔޭގައި އުޅެވެއެވެ. ނަމަވެސް ހިތް ނެތި ނުވަތަ ހިތް މަސައްކަތް ނުކުރާނަމަ އެއްވެސް މީހަކަށް ދުނިޔޭގައި ހިނދުކޮޅަކަށްވެސް އުޅެވޭކަމެއް އަހުރެންނަށް އެނގިފައެއް ނެތެވެ.
އެހެންކަމަށްވާއިރު ތިބާފަދައިން އެހެން މީހުންގެވެސް ހިތެއް އޮންނާނެކަން ޤަބޫލުނުކުރެވޭނަމަ ތިބާއަކީ އިންސާނަކަށްވާނެހެއްޔެވެ؟ ހަމަ ޤައިމުވެސް އަހުރެންނަށް ތިބާއަކީ އިންސާނެއް ކަމަށް ޤަބޫލުކުރަން އުނދަގުލެވެ.
އަދި އެއްވާހަކަ ބުނެލާނަމެވެ. އަނެކާގެ ހިތަށް އަނިޔާކޮށްފައި ހަމައެކަކަށްވެސް އުފަލުގައި ދުނިޔޭގައި އުޅެވޭނެކަމަށް ހީވެސް ނުކުރާށެވެ! އަނިޔާ ލިބެމުންދާ މީހާގެ ހިތުގައި އަޅާ ވޭންތައް މާތް ﷲ ދެނެވޮޑިގެންވެއެވެ. އަނިޔާ ލިބެމުންދާ މީހާގެ ދުޢާއަށް އެއްވެސް ހުރަހެއް ނެތެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް