ޢާއިޝަތު ރަފާޙް ޢަލީ
މި އަހަރުގެ ފެށުމުގައި އަޅުގަނޑު ލަނޑުދަނޑިއެއް ކަނޑައެޅީމެވެ. الحمد لله އެއީ 6 މަސް ދުވަހުގެ ތެރޭގައި މުޅި ކީރިތި ޤުރުއާން ހިތުދަސްކުރުމެވެ. ނަމަވެސް ހިތާމައަކީ މިހާރު 8 މަސް ވީއިރުވެސް އަދިވެސް އަޅުގަނޑަށް ޤުރުއާނުގެ ތިންބައިކުޅަ އެއްބައި ވެސް ފަހަނައަޅައި ނުދެވެއެވެ. ޝެއިޚްއެވެ. މިއީ އަޅުގަނޑުގެ ޕްލޭންގައި އޮތް މައްސަލައެއްތޯ ނުވަތަ އަޅުގަނޑުގެ ޤާބިލުކަމުގައި އޮތް މައްސަލައެއްތޯއެވެ؟
ޖަވާބު:
"ފުރަތަމަ ކަމަކަށް ދަންނަވަން ބޭނުންވަނީ، ތަދައްރުޖުވުމަކީ އިންސާނީ ދިރިއުޅުމުގެ ހުރިހާ ދާއިރާއެއްގައިވެސް ހިނގާ ޤުދުރަތީ އުސޫލެއްކަން ވިސްނުމަށް ގެންނަންޖެހޭ ކަމެކެވެ. އަދި 6 މަސްދުވަހުގެ ތެރޭގައި ޤުރްއާން ހިތުދަސްކުރުމުގެ ޕްލޭނެއް އިޚްތިޔާރުކުރުމަކީ އެހާ އެކަށީގެންވާ ކަމެއް ނޫނެވެ. މިފަދަ ބުރަ މަސައްކަތެއް އެހާ ކުރު މުއްދަތެއްގައި ކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އަދި އިސްލާމްދީނުގައި މިފަދަ ކުރު މުއްދަތެއްގައި ޤުރްއާން ހިތުދަސްކުރުމަށް ލާޒިމުކޮށްފައެއްވެސް ނުވެއެވެ.
ޤުރްއާނަކީ ހަމައެކަނި ހިތުދަސްކޮށް ނިންމާލެވޭ އެއްޗެއް ނޫނެވެ. އެއީ ލޯބިވުމާއި، މުރާޖަޢާކުރުމާއި، ވިސްނުމާއި އަދި ޢަމަލުކުރުމާ އެކުގައިވާ ދިރިއުޅުމުގެ ބައެކެވެ. ﷲ އެބޭކަލުންނަށް ރުއްސުންލެއްވި ޞަޙާބީންގެ ނަމޫނާއަށް ބަލާއިރު، އެބޭކަލުން ސޫރަތެއްގެ 10 އާޔަތް ހިތުދަސްކުރައްވާ، އޭގެ މާނަ ދެނެވަޑައިގަންނަވައި، އެއަށް ޢަމަލުކުރެއްވުމަށްފަހު ދެން އިތުރު 10 އާޔަތް ދަސްކުރެއްވިކަން އެނގެއެވެ. މިއީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ފޮތާއެކު އޮންނަންވާ ގުޅުމުގެ ރީތި ނަމޫނާއެކެވެ.
ޤުރްއާން ހިތުދަސްކުރުމަށް އެކި ފޮތްތަކުގައި ތަފާތު ޕްލޭންތައް ހުށަހަޅާފައިވެއެވެ. އެހެންކަމުން، އަވަސްވެގަތުމެއްނެތި، އަމިއްލަ ޤާބިލިއްޔަތާއި ޙާލަތަށް އެންމެ އެކަށޭނަ ގޮތެއް އިޚްތިޔާރުކޮށް، ހަމަޖެހިލައިގެން ޤުރްއާން ހިތުދަސްކުރުމަށް މަސައްކަތްކުރުމަކީ އެދެވިގެންވާ ކަމެކެވެ. ހަނދުމަފުޅު ބަހައްޓަވާށެވެ، ތަދައްރުޖުވުމަކީ ޤުދުރަތީ އުސޫލެކެވެ.
ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ގޮތުގައި، އެ ކީރިތި ފޮތް ނަބިއްޔާ ﷺ އަށް ބާވައިލެއްވުނީ ބައި ބަޔަށް ކަމަށެވެ. އެބަހީ ވަކިވަކި ބައިތަކަކަށް ބަހާލައިގެންނެވެ. މިކަމުގައި ވަނީ މަތިވެރި ޙިކުމަތްތަކެކެވެ. އެހެންކަމުން، ޤުރްއާން ދަސްކުރުމުގައިވެސް މި އުސޫލު ގެންގުޅުމަކީ ބުއްދިވެރި ކަމެކެވެ."
ﷲ ތަޢާލާ ފުރްޤާން ސޫރަތުގެ 32 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَقَالَ الَّذِينَ كَفَرُوا لَوْلَا نُزِّلَ عَلَيْهِ الْقُرْآنُ جُمْلَةً وَاحِدَةً ۚ كَذَٰلِكَ لِنُثَبِّتَ بِهِ فُؤَادَكَ ۖ وَرَتَّلْنَاهُ تَرْتِيلًا ﴿٣٢﴾
މާނައީ: "كافر ވި މީހުން ބުނޫއެވެ. އެކަލޭގެފާނުގެ މައްޗަށް އެއްފަހަރާ قرآن ބާވައިނުލެއްވީ ކީއްވެގެންހެއްޔެވެ؟ އެފަދައިންނެވެ. (އެބަހީ: ތިމަންރަސްކަލާނގެ قرآن ބާވައިލެއްވީ އެފަދައިން ބައިބަޔަށެވެ.) އެއީ ތިމަންރަސްކަލާނގެ އެއިން ކަލޭގެފާނުގެ ހިތްޕުޅަށް ސާބިތުކަން ދެއްވުމަށްޓަކައެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن ލަސްލަހުން ކިޔަވައިދެއްވުމަކުން ކިޔަވައިދެއްވީމެވެ. (32)"
އަދިވެސް އިސްރާ ސޫރަތުގެ 106 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَقُرْآنًا فَرَقْنَاهُ لِتَقْرَأَهُ عَلَى النَّاسِ عَلَىٰ مُكْثٍ وَنَزَّلْنَاهُ تَنزِيلًا ﴿١٠٦﴾
މާނައީ: އަދި ކަލޭގެފާނު މީސްތަކުންނަށް (ވިސްނޭނެހެން) ލަސްލަހުން ކިޔަވައި ވިދާޅުވެދެއްވުމަށްޓަކައި، ވަކިވަކިކޮށް ތިމަންރަސްކަލާނގެ އެ قرآن ބާވައިލެއްވީމެވެ. އަދި ތިމަންރަސްކަލާނގެ އެ قرآن އެކިފަހަރުމަތިން ބާވައިލެއްވީމެވެ. (106)"
ޤުރުއާން ހިތުދަސްކުރުމާއި އޭގެ މާނަތައް ދެނެގަތުމަކީ މުއުމިނުންނަށް ބާރުލިބިދޭ ކަމެކެވެ. މިކަން އެންމެ ފުރިހަމަ ގޮތުގައި ހާސިލުކުރުމަށްޓަކައި، މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ކަލާމްފުޅު ހިތުދަސްކުރުމުގައި ތަދުރީޖީ މަންހަޖެއް ގެންގުޅުމަކީ އެންމެ އެކަށީގެންވާ ގޮތެވެ. އެހެންކަމުން، މުރާޖަޢާކުރުމަކާ ނުލައި ނުވަތަ މާނަތައް ދެނެގަތުމަކާ ނުލައި ހިތުދަސްކުރުމުގެ ބަދަލުގައި، ޤުރުއާން ފުރިހަމައަށް ހިތުދަސްކުރެވެންދެން ހަރުފަތަކުން ހަރުފަތަކަށް ކުރިއަށް ދިއުމަކީ މުހިންމު ކަމެކެވެ. އަޅުގަނޑުމެން މާތްﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެދެނީ އެއިލާހުގެ ފޮތް ފުރިހަމައަށް ހިތުދަސްކުރާ އަޅުތަކުންގެ ތެރެއިން އަޅުގަނޑުމެން ލެއްވުމެވެ.
އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ! އަޅަމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ﷺ ގެ ޝަފާޢަތް އަޅަމެންނަށް މިންވަރުކޮށްދެއްވާނދޭވެ. އަދި އެކަލޭގެފާނުގެ ޙައުޟުކައުޘަރުން ބުއިމުގެ ނަސީބު އަޅަމެންނަށް ދެއްވާނދޭވެ. އާމީން
- މިއަދުނޫސް