ރޯދަހިފުން ސުންނަތްވެގެންވާ ދުވަސްތައް-: ޝައިޚް ޝާފިޢު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 9މ 12ސ
ރޯދަހިފުން ސުންނަތްވެގެންވާ ދުވަސްތައް-: ޝައިޚް ޝާފިޢު

ސުންނަތް ރޯދަތައް ހިފަން ގިނަ ބައަކު އިހްމާލްވެއެވެ. އެެހންވެ ސުންނަތް ރޯދަހިފުން އަންނަނީ ބީރައްޓެހި ކަމަކަށް ވަމުންނެވެ. މިއީ ވަރަށް ދެރަކޮށް ކުރެވޭ ކަމެކެވެ. އަޅުގަނޑުމެންނަށް އޮތީ ސުންނަތް ދިރުވައި އާލާކުރުމެވެ. އެކަންކުރެވޭނީ ސުންނަތަށް ޢަމަލުކޮށްގެންނެވެ. ތިރީގައި އެވަނީ ސުންނަތް ރޯދަހިފަންއޮތް ދުވަސްތައް އެނގިލައްވާނެ ލިޔުމެކެވެ.  

ރަމަޟާން މަހު މުސްލިމުން ހިފަނީ ފަރުޟުކުރައްވަވާފައިވާ ރޯދައެވެ. ރަމަޟާން މަސް ނިމުމުން ދެން އޮތީ ސުންނަތް ރޯދަތައް ހިފުމެވެ. ރަމަޟާން މަސް ނޫން އެހެން މަސްތަކުގައި ރޯދަހިފުން ސުންނަތްވެގެންވާ ދުވަސްތަކަކީ:  

1- ދާއޫދުގެފާނުގެ ރޯދަ – ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

أَحَبُّ الصِّيَامِ إِلَى اللهِ صِيَامُ ‏ ‏دَاوُدَ ‏‏ كَانَ يَصُومُ يَوْمًا وَيُفْطِرُ يَوْمًا -رواه البخاري

މާނައަކީ: ” ﷲ އެންމެ ލޯބިވެވޮޑިގަންނަވާ ރޯދައަކީ، ދާއޫދުގެފާނު ހިއްޕެވި ރޯދައެވެ. އެކަލޭގެފާނު ދެ ދުވަހުން އެއް ދުވަހު ރޯދަ ހިއްޕެވިއެވެ. 

2- ހޯމަ އަދި ބުރާސްފަތި ދުވަހުގެ ރޯދަ – ހޯމަ ދުވަހާއި ބުރާސްފަތި ދުވަހު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕަވާތީ އެކަމާ ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. 

تُعْرَضُ الْأَعْمَالُ يَوْمَ ‏ ‏الِاثْنَيْنِ وَالْخَمِيسِ فَأُحِبُّ أَنْ يُعْرَضَ عَمَلِي وَأَنَا صَائِمٌ – رواه النسائي والترمذي وابن ماجه وصححه الألباني-

މާނައަކީ: "ޢަމަލުތައް މާތް ﷲ ގެ ޙަޟްރަތަށް ހުށައެޅޭ ދުވަހަކީ ހޯމަ އަދި ބުރާސްފަތި ދުވަހެވެ. ފަހެ ރޯދައަށް ހުންނަވަނިކޮށް ތިމަންކަލޭގެފާނުގެ ޢަމަލުފުޅުތައް ހުށަހެޅެން ތިމަންކަލޭފާނު ލޯބިކުރައްވަމެވެ." 

3- ކޮންމެ މަހަކު ތިން ދުވަހު ހިފާ ރޯދަ: މިއީ ކޮންމެ ހަނދު މަހެއްގެވެސް ތިން ދުވަހަކު ރޯދަ ހިފުމެވެ. ދަލީލަކީ އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ މި ބަސްފުޅެވެ. 

أَوْصَانِي خَلِيلِي بِثَلَاثٍ لاَ أَدَعُهُنَّ حَتَّى أَمُوتَ صَوْمِ ثَلاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ وَصَلاةِ الضُّحَى وَنَوْمٍ عَلَى وِتْرٍ – رواه البخاري ومسلم- 

މާނައަކީ: "އަހަރެންގެ މިތުރު ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ، އަހަރެންނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. އަހަރެން މަރުވަންދެންވެސް އެ ކަންތައްތައް ދުލެއް ނުކުރާނަމެވެ. އެއީ ކޮންމެ މަހެއްގައިވެސް ތިން ދުވަހު ރޯދަ ހިފުން އަދި ޟުޙާ ނަމާދު ކުރުން އަދި ވިތުރި ކޮށްގެން ނިދުމެވެ." 

4- ޢާޝޫރާ ދުވަހުގެ ރޯދަ- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.

((صِيَامُ يَوْمِ عَاشُورَاءَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ الَّتِي قَبْلَهُ)) [رواه مسلم]

މާނައީ: "ޢާޝޫރާ ދުވަހުގެ ރޯދައިގެ ސަބަބުން ވޭތުވެދިޔަ އަހަރުގެ ފާފަތައް ﷲ ތަޢާލާ ފުއްސަވާދެއްވާނެކަމަށް ތިމަންކަލޭގެފާނު އުންމީދުކުރައްވަމެވެ." 

5- ޢަރަފާތް ދުވަހުގެ ރޯދަ – ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

صِيَامُ يَوْمِ عَرَفَةَ، أَحْتَسِبُ عَلَى اللهِ أَنْ يُكَفِّرَ السَّنَةَ التِّيْ قَبْلَهُ، وَالسَّنَةَ التِّيْ بَعْدَهُ– رواه مسلم 

މާނައީ: "ޢަރަފާތް ދުވަހުގެ ރޯދައަކީ ފާއިތުވެދިޔަ އަހަރާއި އަންނަންއޮތް އަހަރުގެ ފާފަތައް ފުއްސަވާނޭ ރޯދައެއް ކަމުގައި ﷲގެ ޙަޟްރަތުން ތިމަންކަލޭގެފާނު އުންމީދު ކުރައްވަމެވެ." 

6- ޝައްވާލުމަހުގެ ހަރޯދަ- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ كَانَ كَصِيَامِ الدَّهْرِ -رواه مسلم 

މާނައަކީ "ރަމަޟާންމަހު ރޯދަ ހިފުމަށްފަހު އެއާއި ގުޅުވައިގެން ޝައްވާލުމަހު ހަރޯދަ ހިފިމީހަކީ މުޅި އަހަރު ދުވަހު ރޯދަ ހިފި މީހެއް ފަދަ އެވެ". 

7- މުޙައްރަމް މަހުގެ ރޯދަ- ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ

أَفْضَلُ الصِّيَامِ بَعْدَ رَمَضَانَ شَهْرُ اللهِ الْمُحَرَّمِ-رواه مسلم- 

މާނައީ: "ރަމަޟާން މަސް ފިޔަވައި، ރޯދަހިފުން އެންމެ މާތްވެގެންވަނީ ﷲ ޙުރުމަތްތެރިކުރައްވާފައިވާ މުޙައްރަމް މަހުގައެވެ." 

8- ޝަޢުބާން މަހުގެ ރޯދަ – ޝަޢްބާން މަހު ރޯދަ ހިފުމާއި ބެހޭ ގޮތުން ޢާއިޝަތުގެފާނު ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ.

عَنْ ‏ ‏عَائِشَةَ ‏ ‏رَضِيَ اللهُ عَنْهَا ‏ ‏قَالَتْ ‏ كَانَ رَسُولُ اللهِ ‏صَلَّى اللهُ عَلَيْهِ وَسَلَّمَ ‏ ‏يَصُومُ حَتَّى نَقُولَ لَا يُفْطِرُ وَيُفْطِرُ حَتَّى نَقُولَ لَا يَصُومُ فَمَا رَأَيْتُ رَسُولَ اللهِ ‏صَلَّى اللهُ عَلَيْهِ وَسَلَّمَ ‏ ‏اسْتَكْمَلَ صِيَامَ شَهْرٍ إِلَّا رَمَضَانَ وَمَا رَأَيْتُهُ أَكْثَرَ صِيَامًا مِنْهُ فِي شَعْبَانَ – رواه البخاري- 

މާނައަކީ: "ޢާއިޝަތުގެފާނު ވިދާޅުވިއެވެ. ”އެއްގޮތަކަށް ވެސް ރޯދަ ނު ކަނޑުއްވައޭ މީހަކު ބުނާ ދަރަޖައަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕަވައެވެ. އަދި ރޯދަ ނު ހިއްޕަވައޭ މީހަކު ބުނާ ދަރަޖައަށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ނު ހިއްޕަވާ ދޫކޮށްލައްވައެވެ. އަދި ރަމަޟާން މަސް ފިޔަވާ އެހެން މަހެއް އެއްކޮށް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރޯދަ ހިއްޕެވި ތަން، ތިމަން ކަމަނާ ނުދެކެމެވެ. އަދި ޝަޢްބާން މަހުގައި ރޯދަ ހިއްޕަވާހާ ގިނައިން އެހެން މަހެއްގައި ރޯދަ ހިއްޕަވަނިކޮށްވެސް ނުދެކެމެވެ."

 

- އައްޝައިޚް މުޙައްމަދު ޝާފިޢު

 

މިއަދު އޮންލައިން