ވަލީމާއަށް ދަޢުވަތުދިނުމުން ލާންޖެހޭ ކުލައިގެ ހެދުމެއް ނެތިފަ ގަނެވެންވެސް ނެތީމާ އެންމެ ގާތް އެކުވެރިޔާ ސަލާމްބުނެ ފޮނުވީ ދެމަފިރިންނަށް ހެޔޮދުޢާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 51ސ
ވަލީމާއަށް ދަޢުވަތުދިނުމުން ލާންޖެހޭ ކުލައިގެ
ހެދުމެއް ނެތިފަ ގަނެވެންވެސް ނެތީމާ އެންމެ ގާތް އެކުވެރިޔާ ސަލާމްބުނެ ފޮނުވީ
ދެމަފިރިންނަށް ހެޔޮދުޢާ!


ދާދިފަހުން އެކުވެރިއެއްގެ ކައިވެނި ޙަފްލާއަށް އެކުވެރިއަކަށް ދަޢުވަތުކާޑެއް ފޮނުވިއެވެ. އެކާޑުގައި އޮތީ ވަކިކުލައެއްގެ ހެދުމެއް ލުމަށެވެ. އޭނާގެ މާލީ ޙާލަތުހުރި ގޮތުން އައުހެދުމެއް ގަނެވޭކަށް ނެތެވެ. އެހެންވެ އޭނާ ޖަވާބު ފޮނުވިއެވެ. "ދެމަފިރިންނަށްޓަކައި ވަރަށް ހެޔޮދުޢާކުރަމެވެ. ތިއަކުލައިގެ ހެދުމެއް އަތަކު ނެތެވެ. މިވަޤުތު ކަންތައް ހުރި ގޮތުން ގަނެވޭކަށްވެސް ނެތެވެ. އެހެން ކުލައަކުން ހެދުން ލައިގެންދާން ލަދުގަނެއެވެ. އެންމެން ކަޅިއަޅާނެތީއެވެ. ވީމާ ވަލީމާއަށް ސަލާމް ޤަބޫލުކުރުން އެދެމެވެ. އަދިވެސް އެއްފަހަރު ދެމަފިރިންނަށް ވަރަށް ހެޔޮދުޢާ!"  

މެސެޖު ލިބުމުން ދެމަފިރިން ދިއައީ ސިއްސައިގެންނެވެ. އެންމެ ގާތް އެކުވެރިޔާގެ މާލީ ޙާލަތުއެނގުމުންނެވެ.

މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކުރި ވާހަކަކޮޅެކެވެ. އެންމެންގެ އަތުގައި ހުރިހާ ކުލައަކުން ހެދުމެއް ނުހުންނާނެއެވެ. އަދި ކުއްލިއަކަށް ހެދުން ގަންނަން އުނދަގޫވާނެ މީހުންވެސް ތިބޭނެއެވެ. ވީމާ މިއީ ވިސްނައިލުން ރަނގަޅުކަމެކެވެ.  

ދަރަނިވެރިވެގެންވެސް ޕާޓީތަކަށާއި އެހެންވެސް ތަންތަނަށް ދިއުމަށް އައުފޭރާން ނުވަތަ ހެދުން ގަތުމާއިބެހޭ ގޮތުން ބައެއް ކިޔުންތެރިން ސުވާލުރައްވައެވެ.  

ދަންނަވާލަން އޮތީ ފުރަތަމަކަމަކަށް އެކަންވާނީ ދެއްކުންތެރި ޢަމަލަކަށް ކަމަށެވެ. ކޮންމެ ކަމެއްވެސް ކުރަން އޮތީ އެމީހެއްގެ ކިބައިގައި ކެރިފޯރުންތެރިކަން ހުންނަ މިންވަރަކުންނެވެ. ދެއްކުންތެރިކަމަކީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އެއް ސިފައެވެ. ދިރިއުޅެން އޮތީ އެމީހެއްގެ ފެންވަރުންނެވެ. ފެންވަރުކަމަށް މިބުނަނީ މަސައްކަތްކުރުމުން އެމީހަކަށް ދެއްވަވާ ދެއްވަވާ މިންވަރެވެ. 

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ! 

އެމީހަކަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވަވާފައިވާނަމަ އެތަނަވަސްކަމުގެ ބޭނުން ﷲ ތަޢާލާ އަންގަވާފައިވާ މަގުން ހިފަމުން ދުނިޔޭގެ އުފަލަށްޓަކައި އެމީހާ ކުރަންބޭނުންވާ ކަންކަން، އެކަންކަމަކީ ﷲ ތަޢާލާ ހުއްދަ ކުރައްވަވާފައިވާ ކަންކަން ކަމުގައިވާނަމަ ކުރުމަކީ އެއްވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ. ވީމާ ތަނަވަސްކަން ހުރިނަމަ އަގުބޮޑު ފޭރާންލުމަކީވެސް މައްސަލައެއް އޮތްކަމެއް ނޫނެވެ.

އެހެނަސް ތިމާގެ ކިބައިގައި އެފަދަ ތަނަވަސްކަމެއް ނެތް ނަމަވެސް އެންމެ އަގުބޮޑު ފޭރާން ނޫނީ ލާންބޭނުން ނުވާ މީހުން އުޅެއެވެ. މިސާލަކަށް ހަފްލާއަކަށްދާން އަގުބޮޑު ފޭރާމުގެ ހެދުމެއް ލުމަށްޓަކައި މުސާރައިން ބޮޑުބައެއް ޚަރަދުކުރުމަށްފަހު މަހުގެ ދުވަސްތަކުގައި ދަރަނިވެރިވެގެން އަސާސީ ބޭނުންތައް ފުއްދައި އުޅޭމީހުންވެސް މިހާރު މަދެއް ނޫނެވެ.

ވީމާ ސުވާލެއް ކޮށްލާނަމެވެ! ތިބާ ޙައްޖަށް ނުވަތަ ޢުމްރާއަށް ދާންވެއްޖެނަމަ ހެދުން އަޅާނީ ކިހިނަކުންހެއްޔެވެ؟ އަދި މަރުވުމުން ކަފުންކުރެވޭއިރު ވާނީ ކިހިނަކުންހެއްޔެވެ؟  

މިކަމުން އެނގިގެން މިދަނީ ދުނިޔެ ދޫކޮށްފައި ދާންޖެހޭނީ އެހެން މީހުން ތިމާގެ ގައިގައި ލެއްވި ފޭރާމަކާއިއެކުގައިކަމެވެ. އަދި އެންމެންވެސް ކަފުންކުރެވެނީ އެއްގޮތަކަށް ކަމެވެ. ވީމާ ހޭލުންތެރިވެ ހިތްތިރިކުރާށެވެ. ދެއްކުންތެރިކަން ދޫކޮށްލާށެވެ! ދެއްކުންތެރި ބޮޑާ މީހުންނަށް ގާތީ ސުވަރުގެ ނުލިބުމެވެ.: --އިސްލާމީ ތިލަފަތުގެ ދަރުސަކުން  

ތިރީގައިވާ ލިޔުންވެސް ވިދާޅުވެލައްވާށެވެ!  

ޙައްޖާއި ޢުމްރާގައި، ފަހާފަ ހުންނަ ހެދުން މުޙްރިމުން ނުލުމުގެ ޙިކުމަތަކީ ކޮބާ؟

 [އާންމުކޮށްލާ ހެދުން މުޙްރިމުން] ނުލުމުގެ ޙިކުމަތަކީ އިންސާނާ އޭނާގެ رَبّއަށް އެތެރެފުށުންނާއި ބޭރުފުށުން މަޑުމޮޅިވެއުޅުން ފުރިހަމަވުމުގެ ގޮތުންނެވެ. އެއީ ރިދާއަކާއި (ފިރިހެނުން އިޙްރާމްބަންނައިރު ހަށިގަނޑުގެ މަތީބައިނިވާކުރުމަށް ބޭނުންކުރާ ފޮތިގަނޑު)  އިޒާރެއް (ފިރިހެނުން އިޙްރާމްބަންނައިރު ހަށިގަނޑުގެ ތިރީބައިނިވާކުރުމަށް ބޭނުންކުރާ ފޮތިގަނޑު ) ލުމުންނެވެ. )  

އެންމެ މޮޅު ހެދުންލުމުގެ ކުޅަދާނަކަން ލިބިފައިވާ އެންމެ މުއްސަނދިމީހުންވެސް އެންމެ ފަޤީރުމީހުންނާ އެއްފަދައިންވާތަން ތިބާއަށް ފެންނާނެއެވެ. އެއީ މަޑުމޮޅިކަންފުރިހަމަވުމުގެ ތެރެއިންވާކަމެކެވެ. 

އަދިވެސް މުސްލިމުންގެމެދުގައި އޮންނަ އެއްބައިވަންތަކަން ދެއްކުމަށްވެސްމެއެވެ. އަދި އެބައިމީހުން އަޅާހެދުމުގައިވެސް އެބައިމީހުންނަކީ އެއް އުންމަތެއްކަން ދެއްކުމަށްޓަކައެވެ. އެހެންކަމުން އެއްބިނާއެއްގެ ވަށައިގެން އެބައިމީހުން ޠަވާފުކުރެއެވެ. އަދި ހުއްޓިގެންވެސް ތިބެނީ އެއްތަނެއްގައެވެ. އަދި ރޭތައް ހޭދަކުރަނީވެސް އެއްބިމެއްގައެވެ. އަދި [ހިލަ] އުކަނީވެސް އެއްތާކަށެވެ. 

ތިންވަނަ ފައިދާއަކީ: ހަމަކަށަވަރުން އިންސާނާ ދުނިޔެއިން ނުކުންނައިރު އޭނާ ނުކުންނާނީ މިފަދަ ގޮތަކަށްކަން އިންސާނާ ހަނދުމަވެއެވެ. އެއްވެސް ޙާލެއްގައި އެންމެ މޮޅު ހެދުމުގައި އޭނާ ނުނުކުންނާނެއެވެ. ނަމަވެސް ނުކުންނާނީ ކަފުނެއްގައެވެ.

 والله المستعان

ފަޟީލަތުއްޝައިޚް މުޙައްމަދު އިބްނު ޞާލިޙު އަލްޢުޘައިމީން رحمهالله “مجموع فتاوى ابن عثيمين” (22/ 136)

 

މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން