މިލިއަނުން ޚަރަދުކޮށްގެން މިނާއާ ޢަރަފާތަށް ދާއިމީކޮށް ފެންލިބޭނެ ގޮތް ހެދުމަށްވުރެ ޟުޙާނަމާދުގެ 2 ރަކްއަތަށް ރައްކައުތެރިވުމުގެ ފައިދާ ބޮޑުވި އަންހެނެއްގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
މިލިއަނުން ޚަރަދުކޮށްގެން މިނާއާ ޢަރަފާތަށް
ދާއިމީކޮށް ފެންލިބޭނެ ގޮތް ހެދުމަށްވުރެ ޟުޙާނަމާދުގެ 2 ރަކްއަތަށް
ރައްކައުތެރިވުމުގެ ފައިދާ ބޮޑުވި އަންހެނެއްގެ ވާހަކަ-


އެއީ މީސްތަކުންނަށް ފަސޭހަކޮށްދިނުމަށްޓަކައި އެއިރުގެ ފައިސާއިން އެތައް މިލިއަނުން ޚަރަދުކޮށްގެން ބޮޑު މަޝްރޫޢެއް ހިންގި އަންހެނެކެވެ. މަޝްރޫޢުގެ މަސައްކަތް ނިމުނީވެސް އެތައް އަހަރެއް ފަހުންނެވެ. އެއީ ކުޑަކުޑަ މަސައްކަތެއް ނޫނެވެ. އެތައް ކިލޯމީޓަރަކަށް ކޯރުކޮނެގެން މިނާއާއި އަރަފާތުގެ ބިމަށް ފެންލިބޭނެ ގޮތް ހެދުމެވެ. އެކޯރުގެ ބައެއް ބައިތައް މިހާރުވެސް ފެންނަން އެބަހުއްޓެވެ.

އޭނާ މަރުވެ ދުވަސްކޮޅެއްވީތަނާ އޭނާގެ އެކުވެރިއަކަށް އޭނާ ހުވަފެނުގައި ފެނުނެވެ. އޭނާ ބުންޏެވެ. "ﷲ ތަޢާލާ އަހުރެންގެ ފާފަތައް ފުއްސަވައި ދެއްވަވައިފިއެވެ." ފާފަތައް ފުއްސަވައި ދެއްވެވީ ކުރި ކޮން ޢަމަލެއްގެ ސަބަބުންތޯ އެކުވެރިޔާ ސުވާލުކުރުމުން ބުނީ ޤަވާޢިދުކޮށް ޟުޙާނަމާދުގެ ދެރަކްޢަތްކުރީތީ ކަމަށެވެ.  

މިހުވަފެނުގެ ވާހަކަ ދެކެވުމުން ގިނަ ބައަކު ޙައިރާންވިއެވެ. އެއީ އޭނާ އަމިއްލައަށް ޚަރަދުކޮށްގެން އެހައިބޮޑު މަޝްރޫޢެއް ހިންގުމަށްވުރެ އެއެންމެ ދެރަކްޢަތުގެ ފައިދާ ބޮޑުވީމައެވެ. ނަމަވެސް މިއީ ކަންބޮޑުވާންޖެހެންވީ ކަމެއް ނޫނެވެ. ޙަދީޘްފުޅުން އެކަން އޮތަތީއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ނަމަވެސް ޤަވާޢިދުކޮށް ކުރުމުން ކަމަށްވާތީއެވެ.  

އެއްވެސް ޙާލެއްގައި މިއީ އެއަންހެނާ އެހިންގި ފަދަ ބޮޑެތި ކަންކަން އަދި ކުދިކަންކަންވެސް ނުކުރަން ބުނުމެއް ނޫނެވެ. މީސްތަކުންނަށް ފައިދާކުރާނެ ކޮންމެ ކަމެއްވެސް ވެގެންދާނީ މަރުވުމަށްފަހު އެމީހަކަށް ޘަވާބު އިތުރުވެގެންދާނެ ކަމަކަށެވެ. އަހުރެން މިފާހަގަކުރީ ކިތަްނމެ ބޮޑެތި، ބިޔަ މަޝްރޫޢުތައް ﷲ ތަޢާލާގެ މަގުގައި ހިންގި ނަމަވެސް ހެޔޮ ޢަމަލުތައް ކުރުންމަތީގައި ދެމިތިބުމުގެ މުހިންމު ކަމެވެ.  

--ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

މިއަދު އޮންލައިން