ލޯބިވާކަމަށް ހެދިގެން އަންހެނުންނަށް ޑްރާމާ ޖެއްސުމަކީ ހެޔޮލަފާ އަނބިމީހާ ގެއްލި ދިރިއުޅުން ބަނގުރޫޓުވާ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
ލޯބިވާކަމަށް ހެދިގެން އަންހެނުންނަށް ޑްރާމާ
ޖެއްސުމަކީ ހެޔޮލަފާ އަނބިމީހާ ގެއްލި ދިރިއުޅުން ބަނގުރޫޓުވާ ކަމެއް!

ފިރިމީހާ ހީކުރީ އަނބިމީހާ އޮތީ ނިދާފައި ކަމަށެވެ.

އެހެންވެ އަންހެނަކަށް ފޯނުކޮށް ވާހަކަދައްކަމުން ބުނީ ބޮޑަށް ލޯބިވަނީ އޭނާދެކެ ކަމަށާއި ވަރަށް އަވަހަށް އަނބިމީހާ ވަރިކުރާނެ ކަމަށެވެ. އަނބިމީހާއަށް މިއަޑުތައް އިވުނު ނަމަވެސް އިވުނު ކަމަކަށް ނުހަދައެވެ.

ފިރިމީހާ ހެނދުނު ސައިބޮއި ނިމުނުތަނުން ބުނީ އަހުރެން ތިބާއަށްޓަކައި ވީޤުރްބާނީ ޢާއި ތިބާގެ ދިރިއުޅުން ކުރިއަރުވަން ކުރި މަސައްކަތުގެ އަގު ލިބިއްޖެކަމަށެވެ. އެހެންވެ މިދަނީ ގެއަށް ކަމަށާއި އެދެނީ އަވަހަށް ވަރިކޮށްދިނުން ކަމަށެވެ. އެެހންބުނެފައި ރޭ އަޑުއިވުނު ވާހަކަތައް ކިޔައިދިނެވެ.

ފިރިމީހާ ބުނީ އެއީ އެފަދަ ނިޔަތެއް އޮވެގެން ބުނި ވާހަކައެއް ނޫންކަމަށާއި އޭނާ ހައްދާލަން ބުނި ވާހަކައެއް ކަމަށެވެ. އަނބިމީހާ ބުނީ ކަލޭގެ ނިޔަތް ކަލެއަށް ކަމަށާއި އެކުގައި އުޅެން ދެން ބޭނުންނުވާ ކަމަށެވެ. އެހެންބުނެފައި ނުކުމެގެންދިއައީއެވެ.  

ފިރިމީހާގެ ވިޔަފާރީގެ ކަންކަން ބަލަހައްޓައިދީ ކުރިއެރުން ހޯދަން މަސައްކަތްކުރުމުގައި ބޮޑީ އަނބިމީހާގެ ދައުރެވެ. އެކަނިވުމުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ކުރިއެރުން ހުއްޓި ދަރަނިވެރިވެސް ވެއްޖެއެވެ. ވަރަށް ދެރަވިއެވެ. ނަމަވެސް ކުރެވޭނެ ކަމެއް ނެތެވެ. އެހެޔޮލަފާ އަނބިމީހާއަކީ މިހާރު އޭނާގެ އެންމެ ގާތް އެކުވެރިޔާގެ އަނބިމީހާއެވެ. ދިރިއުޅެމުން އަންނަނީ ތަނަވަސްކަމުގައެވެ. އުފަލުގައެވެ.  

ބައެއް ފިރިހެނުން އަންހެނުންގެ ގާތުގައި އޭނާދެކެ ލޯބިވާކަމަށްބުނެ ޑްރާމާ ޖައްސަނީ ލޯބިވާތީއެއްވެސް ނޫނެވެ. އޭނާގެ ކިބައިންވެސް އުފާވެރިކަމެއް ޙާޞިލުކުރުމުގެ ބޭނުމުގައެވެ. އެކަމުން އަނެކާއަށް ދެވޭ އަނިޔާއާއިމެދު ވިސްނައިވެސް ނުލައެވެ. މިފަދަ މީހުންނަށް މިއީ ޢިބްރަތްތެރި ޙާދިސާއަކަށްވާނެއެވެ. އިން ޝާ ﷲ  

--މިއަދުނޫސް

މިއަދު އޮންލައިން