މިދުޢާއިން ޙާޞިލްނުކުރެވޭނެ ކަމެއް ނުއޮންނާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 41ސ
މިދުޢާއިން ޙާޞިލްނުކުރެވޭނެ ކަމެއް ނުއޮންނާނެ! އިން ޝާ ﷲ

މިދުޢާގެ ވާހަކަ ވަރަށް ގިނައިން ޢިލްމްވެރިން ދައްކަވައެވެ. އަހުރެންވެސް ވަރަށް ގިނައިން ދައްކަމެވެ. މިރޭވެސް މިދައްކަނީއެވެ. އެއީ ހަމަ މިދުޢާގެ މުހިންމުކަމާ ދުޢާއިން ކުރާނެ ފައިދާ ބޮޑުކަމުންނެވެ. އިން ޝާ ﷲ  

މި ދުޢާކުރުން ގިނަކުރާށެވެ! އެއްވެސް މީހަކު ތިބާއަށް އެހީތެރި ނުވި ނަމަވެސް ﷲ ތަޢާލާ ތިމާ ބާކީ ނުކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައި ހުރެ ދުޢާކުރުން ގިނަކުރަމުން ގެންދާށެވެ. މާޔޫސްވާކަށް ނުޖެހޭނެއެވެ! އިން ޝާ ﷲ! 

ޢާންމު ގޮތަކަށް ބަލައިފިނަމަ ގިނަ މީހުންނަކީ ތަފާތު އެތައް ބައިވަރު މައްސަލަތަކެއް ކުރިމަތިވެފައިވާ ބައެކެވެ. ކޮންމެވެސް މައްސަލަތަކެއް ކުރިމަތިވެފައި ނެތް މީހަކު ހަމަ ވަރަށް މަދުވާނެއެވެ. އެންމެ ހަމަޖެހިގެން އުޅޭ މީހުންނަށްވެސް މައްސަލަތަކެއް ހުންނާނެއެވެ.

ކޮންމެ މީހަކަށް ބެލިނަމަވެސް ޞިއްޙީ މައްސަލަތައް އެބަހުއްޓެވެ. މާލީ މައްސަލަތައްވެސް އެބަހުއްޓެވެ. އަނބިދަރިންގެ މައްސަލަތައްވެސް އެބަހުއްޓެވެ. ވަޒީފާ ނަތުމުގެ މައްސަލަ އާއި ދިރިއުޅުމުގެ މައްސަލަތައްވެސް އެބަހުއްޓެވެ. ދަރަނިތައްވެސް ހަމަ އެހައި ގިނައެވެ. ތިބާގެ ވަށައިގެންވަނީ މައްސަލަތަކެވެ. ހިތް ހަމަޖެހިލައިގެން ހުރެ ނޭވާއެއް ލެވޭނެ ގޮތެއްވެސް ނެތެވެ.  

އަނބިދަރިންނަށް ޚަރަދުކުރާނެ ފައިސާއެއް ނެތެވެ. އެކަމުގެ ސަބަބުން ގެއަށް ވަންނައިރަށް ޝަކުވާ ތަކާއި ކުރިމަތިލާން ޖެހެއެވެ. ވަޒީފާއެއް ލިބޭތޯ ސިޓީލަމުން ގެންދާއިރު ވަޒީފާއެއްވެސް ލިބެނީއެއް ނޫނެވެ. ލޯނުތައް ނުދެއްކޭތީ ބޭންކުން ވަނީ އެކައުންޓް ފްރީޒްކޮށްފައެވެ. މިފަދަ ހުރިހާ މައްސަލަތަކާއިއެކުވެސް މިހުރިހާ މައްސަލަތަކާއިއެކު އަބަދުހެން އުޅެން ޖެހެނީ ވެސް ބަލިވެއެވެ.

މައްސަލަތައް ބޮޑެތި ފަރުބަދަތައްހައި ބޮޑެތިވެފައި ކަނޑުގެ ފޮނުހައި ގިނަ ނަމަވެސް ﷲ ތައާލާގެ ކުރިފުޅުމަތީގައި އެ ހުރިހާ މައްސަލަތަކަކީވެސް އެއްވެސް މައްސަލައެއް ނޫނެވެ. ހަމަ އިރާދަކުރައްވަވާއިރަށް ހުރިހާ މައްސލަތަކެއް ފިލައިގެން ހިނގައިދާނެއެވެ. ނަމަވެސް މައްސަލައަކީ އެކަން ޤަބޫލުނުކުރެވޭ ކަމެވެ.  

މިފަދައިން ބުނަން މިޖެހެނީ މައްސަލަތައް ކުރިމަތިވުމުން އެ ވާހަކަތައް މީހުންނަށް ކިޔައިދޭން ދުވާލަކު 2، 3 ގަޑިއިރު ހޭދަކުރާއިރު ﷲ ތަޢާލާއަށް ދަންނަވައި ދުޢާކުރަން  އެންމެ 15  ވަރަކަށް މިނިޓްވެސް ހޭދަ ނުކުރާތީއެވެ. ކިތަންމެ ދެރަ ނިކަމެތިވެފައި ކިތަންމެ ވަރަކަށް ކަރުނަވެސް އަޅައި ކިތަންމެ ގިނަ ބައަކަށް މައްސަލަތައް ކިޔައިދިން ނަމަވެސް އަސަރުކޮށް އެހީތެރިވާނީ ހާހަކުން މީހެކެވެ. ވީއިރު މީސްތަކުންނަށް ވާހަކަތައް ކިޔައިދޭން ވަގުތު ބޭކާރުކުރުމުގެ ބޭނުމަކީ ކޮބައިހެއްޔެވެ؟  

އަބަދުވެސް ދުޢާކުރުންމަތީގައި ދެމިހުންނާށެވެ! މައްސަލަތައް އިތުރުވާ ވަރަކަށް ދުޢާކުރުން ގިނަކުރާށެވެ! މައްސަލައެއް ނެތިވެސް ދުޢާކުރަމުން ދިއަ މީހާގެ ޙާޖަތްތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެކަން އެއީ ހަމަ ޔަޤީން ކަމެކެވެ. ހަމަ އެއާއިއެކު މައްސަލަތައް ކުރިމަތިވުމުން ވެސް ދުޢާކުރާނަމަ އެމީހެއްގެ ޙާޖަތްތައް ﷲ ތަޢާލާ ފުއްދަވައި ދެއްވަވާނެތެވެ. އިން ޝާ ﷲ  

فَإِن تَوَلَّوْا فَقُلْ حَسْبِيَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ 

ދަލީލު: "ފަހެ، އެއުރެން އެނބުރި ފުރަގަސްދީފިނަމަ، ފަހެ، ކަލޭގެފާނު ވިދާޅުވާށެވެ! ތިމަންކަލޭގެފާނަށް اللَّه ފުދެއެވެ. އެކަލާނގެ މެނުވީ (حق ވެގެން އަޅުކަމެއް ވެވޭ) إله އަކު ނުވެއެވެ. ހަމައެކަނި އެކަލާނގެއަށް ތިމަންކަލޭގެފާނު وكيل ކުރައްވައިފީމެވެ. އެކަލާނގެއީ، ބޮޑުވެގެންވާ عرش ގެ ވެރިރަސްކަލާނގެއެވެ." (ތައުބާ ސޫރަތުގެ 129) 

ދުޢާ:  

حَسْبِيَ اللَّهُ لَا إِلَٰهَ إِلَّا هُوَ ۖ عَلَيْهِ تَوَكَّلْتُ ۖ وَهُوَ رَبُّ الْعَرْشِ الْعَظِيمِ

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން