ކިތަންމެ ހެޔޮލަފާ މީހެއްގެ ހިތުގަވެސް ހެޔޮލަފާ ބައިވެރިޔާގެ މައްޗަށް ޝައްކުއުފެދިދާނެ! ޝައިޠޯނާ ޢާއިޝަތުގެފާނަށްވެސް އެކަން ކުރިމަތިކުރުވި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 23ސ
ކިތަންމެ ހެޔޮލަފާ މީހެއްގެ ހިތުގަވެސް ހެޔޮލަފާ ބައިވެރިޔާގެ މައްޗަށް ޝައްކުއުފެދިދާނެ! ޝައިޠޯނާ ޢާއިޝަތުގެފާނަށްވެސް އެކަން ކުރިމަތިކުރުވި!

ވަރަށް ހެޔޮލަފާ އަނބިންނަށް އެކަނބަލުންގެ ހެޔޮލަފާ ފިރިންނާއިމެދު އަދި ވަރަށް ހެޔޮލަފާ ފިރިންނަށް އެބޭކަލުންގެ ހެޔޮލަފާ އަނބިންނާއިމެދު އަނބިންނާއިމެދު ނުބައި ޝައްކުތައް ކުރެވެއެވެ. އެއީ ޝައިޠޯނާ އުފައްދުވާ ޝައްކުތަކެކެވެ. މިއީ ދެމަފިރިންވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމެކެވެ. 

ތިރީގައިވާ ލިޔުމަށް ވިސްނައިލާށެވެ! އެއީ ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި ޢާއިޝަތުގެފާނާއި ދެމެދުގައި ހިނގާފައި އޮތް ކަމެކެވެ.   

ކޮންމެ އިންސާނަކަށްވެސް އޭނާއާ ވަކިނުވެ އެކުގައިވާ ޝައިޠާނެއް ވެއެވެ. މިކަން ބަޔާންވެ އެގޭގޮތުގައި ޢާއިޝަތުގެފާނު އަރިހުން ރިވާވެގެން ޞަޙީޙު މުސްލިމްގައި ވާރިދުވެފައިވާ ޙަދީސެއްގައި ވެއެވެ.

އެކަމަނާ ވިދާޅިވިއެވެ. އެއްރެއަކު ކީރިތި ނަބިއްޔާ ތިމަންކަމަނާގެ އަރިހުން ނުކުމެވަޑައިގަތެވެ. ދެން ތިމަންނާގެ ހިތުގައި އެކަލޭގެފާނުގެ މައްޗަށް غِيرَة ތެރިކަން ހިގައިގެންފިއެވެ. ދެން އެކަލޭގެފާނު ބޭރުން އެބުރިވަޑައިގެން ތިމަންނާ ކުޅަކަންތައް ފެނިވަޑައިގެންފައި ޙަދީޘް ކުރެއްވިއެވެ. "އޭ ޢާއިޝާއެވެ! ކަމަނާއަށްވީ ކީއްހޭ؟ غِيرَة ތެރިވީ ހެއްޔެވެ؟" ތިމަން ދެންނެވީމެވެ. "އަޅުގަޑުފަދަ މީހަކު ކަލޭގެފާނުފަދަ ބޭކަލަކުގެ މައްޗަށް غِيرَة ތެރި ނުވާނީ ކީއްވެގެންތޯއެވެ؟"  ދެން ޙަދީޘް ކުރެއްވެވިއެވެ. "ކަމަނާގެ ގާތަށް ކަމަނާގެ ޝައިޠާނާ އައީހެއްޔެވެ؟ ތިމަން ދެންނެވީމެވެ. "ﷲގެ ރަސޫލާއެވެ! އަޅުގަޑުގެ ގާތުގައި ޝައިޠާނަކު ވޭތޯއެވެ؟" ޙަދީޘް ކުރެއްވެވިއެވެ. "އާއެކެވެ!" ތިމަން ދެންނެވީމެވެ. "ކޮންމެ އިންސާނަކާ އެކުގައިވެސް ޝައިޠާނަކު ވޭތޯއެވެ؟" ޙަދީޘް ކުރެއެވިއެވެ. "އާއެކެވެ." ތިމަން ދެންނެވީމެވެ. "ﷲ ގެ ރަސޫލާއެވެ!  ކަލޭގެފާނުގެ އަރިހުގައިވެސް ޝައިޠާނަކު ވޭތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "އާނއެކެވެ! އެހެންނަމަވެސް ތިމަންކަލޭގެފާނުގެ ވެރި ރަސްކަލާނގެ އެޝައިޠާނާގެ މައްޗަށް ތިމަންކަލޭގެފާނަށް ވާގިދެއްވައި ޢިނާޔަތްތެރި ވޮޑިގެންވެއެވެ. އެގޮތުން ތިމަންކަލޭގެފާނު ވަނީ އެޝައިޠާނާގެ ނުބައިކަމުން ސަލާމަތްވެގެންނެވެ."  

އަލްއިމާމު މުސްލިމް އާއި އަލްއިމާމު އަޙްމަދު ރިވާކުރެއްވި حديث އެއްގައި ވެއެވެ. " مَا مِنكُم مِن أحَدٍ إلَّا وقدْ وُكِّلَ بِه قَرِينُهُ مِنَ الجِنِّ وقَرِينُهُ مِنَ المَلائِكَةِ قَالُوا: وإيَّاكَ يَا رَسُولَ اللهِ، قالَ: وإيَّايَ لَكِنَّ اللهَ   أعَانَنِي عَلَيهِ فأسْلَمَ، فلا يَأْمُرُنِي إلَّا بخَيْرٍ" މާނައީ: " ތިޔަބައިމީހުންކުރެ އެކަކުވެސް ޖިންނީންގެ ތެރެއިންވާ އޭނާގެ ޤަރީނަކާއި މަލާއިކަތުންގެ ތެރެއިންވާ އޭނާގެ ޤަރީނަކާ އޭނާގެ ކަންތައް ޙަވާލުކުރެވިގެންވާ ގޮތުގައި މެނުވީނުވެއެވެ.  އެބައިމީހުން ދެންނެވިއެވެ. ﷲ ގެ ރަސޫލާއެވެ! ކަލޭގެފާނާމެދުގައިވެސް ހަމައެހެންތޯއެވެ؟ ޙަދީސްކުރެއްވިއެވެ. ތިމަންކަލޭގެފާނާ މެދުގައިވެސް ހަމައެހެންނެވެ. އެކަމަކު (ޖިންނީންގެ ތެރެއިންވާ) އެޤަރީނުގެ މައްޗަށް ﷲ ތިމަންކަލޭގެފާނަށް ވާގިދެއްވައި ޢިނާޔަތްތެރިވެވޮޑިގަތެވެ. ދެން އޭނާ އިސްލާމްވިއެވެ. ފަހެ އޭނާ ހެޔޮކަމަކަށް މެނުވީ ތިމަންކަލެގެފާނަކަށް އަމުރެއް ނުކުރެއެވެ. "  (ޤަރީން އަކީ އެކުގައިވާ މީހާއެވެ. )   

 

- އައްޝައިޚް ޙުސައިން ޢަބްދުއްރަޙްމާންގެ ލިޔުއްވުމަކުން

މިއަދު އޮންލައިން