ކުރިއަށް މިދަނީ ޙައްޖުގެ މޫސުމެވެ. މިހާރުވެސް މައްކާ އެވަނީ ފުރިބާރުވެފައެވެ. ކޮންމެ ދުވަހަކު އެތައް ލައްކަ ނުވަތަ މިލިއަން ބައަކު ޠިވާފްކުރާނެއެވެ. އިބްރާހީމްގެފާނުގެ މަޤާމްފުޅުގައި މަދުވެގެން ދެރަކްޢަތްކުރާނެއެވެ. އަހުރެން ބުނެދޭން މިއުޅެނީ އެވަރުން އަދިނުފުދޭކަމެވެ.
އިބްރާހީމްގެފާނުގެ މަޤާމްފުޅުގައި ދެރަކްޢަތްކުރަން ﷲ ތަޢާލާ އަންގަވާފައި އެވަނީ ވަރަށް މަތިވެރި މަޤްޞަދެއްގައެވެ. އަދި އިބްރާހީމްގެފާނުގެ ފިޔަވަޅުފުޅު މިއަދާއިހަމައަށްވެސް ރައްކައުތެރިކުރައްވަވާފައި އެވަނީވެސް އެމަތިވެރި މަޤްޞަދުގައެވެ. އެކަމުން ﷲ ތަޢާލާ އަހުރެމެންނަށް އެއަންގަވަނީ އިބްރާހީމްގެފާނު ފަދައިން އަހުރެމެންވެސް ﷲ ތަޢާލާގެ މަގުގައި ޘާބިތުވެތިބެންޖެހޭނެ ކަމެވެ.
މިގޮތަށް ވިސްނާށެވެ. މީހުންގެ ފަހަތުން ހިނގަނީ އޭނާ އުޅޭގޮތް ބަލައިގަނެވޭތީއެވެ. އެގޮތްކަމުދާތީއެވެ. އޭނާ އުޅޭގޮތަށް އުޅެން ބޭނުންވާތީއެވެ. ވީމާ އަހުރެމެންވެސް ބޭނުންވާންވީ އިބްރާހީމްގެފާނު ޢަމަލުކުރެއްވެވިގޮތަށް ޢަމަލުކުރުމަށެވެ. އިބްރާހީމްގެފާނުގެ މަޤާމުގައި 2 ރަކްޢަތް ނަމާދެއް ކުރަން އަންގަވާފައި އެއޮތީ މިކަން މީސްތަކުންނަށް އަންގަވައި ދެއްވެވުމަށެވެ.
އަހުރެމެންގެ ލޮބުވެތި ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަ ވަނީ މިކަމުގައި އުންމަތަށް ނަމޫނާ ދައްކަވައިފައެވެ. ވީމާ އަހުރެމެންނަށްވެސް އޮތީ އެކަން ބަލައިގަނެ ޢަމަލުކުރުމެވެ.
- މުފްތީ މެންކުގެ ދަރުސަކުން