ބައެއް މީހުން އެމީހުންގެ އަޑަށް ވަރަށް ބާރުލާފައި، ލޯބިވެރިޔާ ނުވަތަ ބައިވެރިޔާ ނުވަތަ އެކުވެރިޔާއާއި ތިމާއަށް ވަކިވާންޖެހުނީ ކީއްވެގެންތޯ ސުވާލުކުރެއެވެ. އެމީހުންނަށް އެނގުނަސް އަދި ނުއެނގުނަސް އެސުވާލުތައް އަމާޒު އެކުރެވެނީ ﷲ ތަޢާލާއަށެވެ.
އަހުރެންގެ ގާތަށް ކައުންސެލިންގ ހޯދަން އައިސް މިބާވަތުގެ ވާހަކަދައްކާ މީހުންނަށް އަހުރެން ބުނަނީ މިފަދައިންނެވެ. "ތިބާގެ ބައިވެރިޔާ ނުވަތަ އެމީހަކު ތިބާއާއި ދެކޮޅަށް ރާވަމުން އަންނަ ކަންކަން ތިބާއަށް ނުއެނގުނަސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އޭނާ ދޭންއުޅޭ ދެރަވެސް އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި އެނާއާއިއެކު އުޅުމުން ލިބެންއޮތްދެރަވެސް ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެހެންވެ ލިބެން އޮތް ދެރައިން ﷲ ތަޢާލާ ތިބާ ސަލާމަތްކޮށްދެއްވެވީއެވެ. އެކަމަށް ޝުކުރުވެރިނުވެ ޝަކުވާކުރުމަކީ ކުރަން ކޮންގޮތަކުން ހެޔޮވާނެ ކަމެއް ހެއްޔެވެ؟"
އެކަން މިގޮތަށް ވިސްނައިދިނުމުން ގިނަ ބައަކަށް ވިސްނި ހިތްހަމަޖެހުން ލިބެއެވެ. ކުރިން ވިސްނުނު ގޮތާއިމެދު ދެރަވެ ހިތާމަވެސް ކުރެއެވެ. ފަހުން ބައްދަލުކޮށް އެކަންކަން ކިޔައިދެއެވެ.
އެކުވެރި އަޚުންނާއި އުޚުތުންނޭވެ! ﷲ ތަޢާލާ ރުހިވޮޑިގަންނަވާނެ ގޮތަށް ޢަމަލުތައް ބަހައްޓާށެވެ. ފުރަތަމަ ކަމަކަށް ނުވަތަ އިސްކަންދީގެން ބަލަންވީ މީހުންގެ ރުހުން ލިބޭނެ ގޮތަކަށް ނޫނެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގަތުމަށެވެ. އެހެން މީހުންގެ ރުހުން ހޯދަން ކަންކަން ކުރަންވާނީ ތިމާއަށް ﷲ ﷲ ތަޢަލާގެ ރުހިވޮޑިގަތުން ނުގެއްލޭނެ ގޮތަކަށެވެ.
އެއިރުން އަބަދުވެސް ހުންނާނީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިލިބިއެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިއްޖެ މީހަކަށް ދެރައެއް ދެވޭނެ މީހަކު ނުހުންނާނެއެވެ. ކުރިމަތިވާ ކޮންމެކަމަކުންވެސް ސަލާމަތްކޮށްދެއްވަވާނެތެވެ. ވީމާ މީހަކު ތިބާއާ ވަކިވިޔަސް ކަންބޮޑުނުވާށެވެ. އެކަމުގައި ތިބާއަށް ރަޙްމަތެއްވާކަން ޔަޤީންކުރާށެވެ! އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން