އަލްޚަލީފާ އަބޫޖަޢުފަރުލް މަންޞޫރުގެ ކުރިފުޅުމަތީގަ ހުންނަވައި އިމާމް އަބޫޙަނީފާ ފަނޑިޔާރުކަމާ ޙަވާލުވެވަޑައިނުގަތުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 3ސ
އަލްޚަލީފާ އަބޫޖަޢުފަރުލް މަންޞޫރުގެ ކުރިފުޅުމަތީގަ ހުންނަވައި އިމާމް އަބޫޙަނީފާ ފަނޑިޔާރުކަމާ ޙަވާލުވެވަޑައިނުގަތުން-

އެއްދުވަހަކު، އަލްޚަލީފާ އަބޫޖަޢުފަރުލް މަންޞޫރު  އޭނާގެ ދަރުބާރަށް އިމާމް އަބޫޙަނީފާ ޙާޟިރުކުރެއްވުމަށްފަހު، ޤާޟީ ކަމާއި ހަވާލުވުމަށް އެންގެވިއެވެ. ނަމަވެސް އިމާމް އަބޫޙަނީފާ އެކަމަށް ދެކޮޅު ހެއްދެވިއެވެ. 

އެހިނދު އަބޫ ޖަޢުފަރުލް މަންޞޫރު ވިދާޅުވިއެވެ. "ﷲގަންދީ ބުނަމެވެ. ކަލޭގެފާނު ޖެހޭނީ ޤާޟީކަމާއި ހަވާލުވާށެވެ." 

ޖަވާބުގައި އިމާމް އަބޫ ޙަނީފާ ވިދާޅުވިއެވެ. "ﷲގަންދީ ބުނަމެވެ. ޤާޟީކަމާއި ހަވާލެއް ނުވާނަމެވެ." 

އެހިނދު، އެތަނުގައި ތިބި، ޚަލީފާގެ އަރިސް މީހުންގެ ތެރެއިން މީހަކު ބުންޏެވެ. "އަމީރުލް މުއުމިނީން ހުވާކުރައްވާފައި ހަވާލުވާންޖެހޭނެ ކަމުގައި ވިދާޅުވުމުންވެސް، އެކަމާއި ދެކޮޅުހަދައި، ހަވާލުނުވާނެކަމަށް ހުވާކުރަނީހެއްޔެވެ؟" 

އިމާމް އަބޫ ޙަނީފާ ވިދާޅުވިއެވެ. "ތިމަންކަލޭގެފާނަށްވުރެ، (ހުވަޔާއި ޚިލާފުވުމުގެ ސަބަބުން ދޭންޖެހޭ) ކައްފާރާ ދިނުމަށް ޚަލީފާ މާ ކުޅަދާނަވެގެންވެއެވެ." 

އިމާމް އަބޫ ޙަނީފާ ރަޙިމަހުﷲ، އާއި ސަލަފުންގެ އެހެން ބޭކަލުންވެސް ޤާޟީކަމާއި ހަވާލުވެނުލެއްވުމަށް އެހާބޮޑަށް މަސައްކަތްޕުޅުކުރެއްވީ ކީއްވެކަން ތިބޭފުޅުންނަށް އެނގިލައްވާތޯއެވެ؟ 

އެއީ، ކިހާބޮޑު މަސްއޫލިއްޔަތެއްކަން އެބޭކަލުންނަށް އެނގިލައްވާތީއެވެ. އެހެންކަމުން ޤާޟީން މިކަމަށް ވަރަށްބޮޑަށް ސަމާލުވާންޖެހެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.  

القُضَاةُ ثَلَاثَةٌ قَاضِيَانِ فِيْ النَّارِ وَقَاضٍ فِيْ الْجَنَّةِ رَجُلٌ قَضَى بِغَيْرِ الْحَقِّ فَعَلِمَ ذَلِكَ فَذَاكَ فِيْ النَّارِ وَقَاضٍ لَا يَعْلَمُ فَأَهْلَكَ حُقُوْقَ النَّاسِ فَهُوَ فِيْ النَّارِ وَقَاضٍ قَضَى بِالْحَقِّ فَذَلِكَ فِيْ الْجَنَّةِ (رواه الترمذي وصححه الألباني)  

"ގާޟީން 3 ބަޔަކަށް ބެހިގެންވެއެވެ. އޭގެ ތެރެއިން ސުވަރުގެ ވަންނާނީ އެންމެ ބައެކެވެ. އަދި އަނެއް 2 ބައި ވާހުށީ ނަރަކައިގައެވެ. ތިމަންނަ މި ޙުކުމްކުރަނީ ޙައްޤުގޮތާ ޚިލާފަށްކަން އެނގޭ ޙާލުވެސް އެގޮތަށް ޙުކުމްކުރާ މީހާ ވާހުށީ ނަރަކައިގައެވެ. އަދި ޙައްޤުގޮތް ނޭނގި (ޤާޟީކަމާ ހަވާލުވެ) މީސްތަކުންގެ ޙައްޤުތައް ނެތިކޮށްލާ މީހާވެސް ވާހުށީ ނަރަކައިގައެވެ. އަދި ސުވަރުގޭގައި ވާހުށީ ޙައްޤަށް ހުކުމްކުރާ ޤާޟީއެވެ."

ނޯޓް: އެމުޖުތަމަޢެއްގައި ޤާޟީކަމަށް ޤާބިލު އިތުރު މީހަކު ނުވާނަމަ، އެކަމަށް ޤާބިލުމީހާގެ މައްޗަށް ޤާޟީކަމާ ހަވާލުވުން ވާޖިބުވާނެއެވެ.

 

- އައްޝައިޚް މުޙައްމަދު ޝަމްޢޫން

 

މިއަދު އޮންލައިން