ކައިވެނި ރުޖޫޢަކުރުން ފަސޭހަ ނަމަވެސް ކޮންމެ ކައިވެންޏަކީ ރުޖޫޢަކުރެވޭނެ ކައިވެންޏެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 19ސ
ކައިވެނި ރުޖޫޢަކުރުން ފަސޭހަ ނަމަވެސް ކޮންމެ ކައިވެންޏަކީ ރުޖޫޢަކުރެވޭނެ ކައިވެންޏެއް ނޫން!

ދުނިޔެއަށް ތިމާމެންނަކީ ދެމަފިރިންކަމުގައި ދައްކައިގެން އުޅެވުނަސް އެއީ ﷲ ގެ ޙަޟްރތުގައި ދެމަފިރިންނަށް ނުވާ ބައަކު އުޅެއެވެ. އެއްބައަކު އެގޮތަށް އުޅެނީ ކަން އޮތްގޮތް ނުއެނގިތިބެއެވެ. އަނެއްބައަކު އުޅެނީ އެނގިތިބެއެވެ. ވީމާ މިއީ ސަމާލުކަންދޭންޖެހޭ ކަމެކެވެ. އެނގެންޖެހޭނެ ކަމެކެވެ.  

ކައިވެނި އަމިއްލައަށް ރުޖޫޢަ ކުރެވޭނެ ޙާލަތު ނުއެނގޭތީ ގިނަ ބައަކަށް އޮޅުންތައް އަރައެވެ. އެއޮޅުންތަކުގެ ސަބަބުން ދެމަފިރިން ކަމުގައި ނުވާ ޙާލުގައިވެސް ދެމަފިރިންގެ ގޮތުގައި އުޅެވޭތަން އެބައާދެއެވެ. މިމައްސަލައިގައި ތަފާތު ސުވާލުތައް ލިބެމުން އަންނާތީ އޮޅުންފިލުވައި ދިނުމުގެ ގޮތުން ކަން އޮތްގޮތް ބަޔާންކޮސްދޭނަމެވެ. އިން ޝާ ﷲ  

ސުވާލު: ފުރަތަމަ ފަހަރު ވަރިކޮށްފައި ޢިއްދައިގާ އިންދާ ރުޖޫޢަ ކުރީއެވެ. ޢިއްދަ ހަމަނުވަނީސް ރުޖޫޢަކޮށްފައި އަނެއްކާ ދިމާވި ކަމަކާއި ގުޅިގެން ވަރިކުރީއެވެ. އޭރުވެސް ފުރަތަމަ ވަރީގެ ޢިއްދާ ހަމަ ނުވެއެވެ. ސުވާލަކީ މިމުއްދަތުގެ ތެރޭގައި އަލުން ރުޖޫޢަ ކުރެވިދާނެތޯއެވެ؟ 

الحمد لله والصلاة والسلام على نبينا محمد وعلى آله وأصحابه أجمعين. 

ކޮންމެއަކަސް މިސުވާލުގެ ޖަވާބަށް ދިއުމުގެ ކުރީގައި މުހިއްމު ދެތިން ނުކުތާއެއް ފާހަގަކޮށްލާނަމަވެ. 

الله سبحانه وتعالى ކީރިތި ޤުރުއާނުގައި ވަޙީ ކުރައްވާފައިވެއެވެ:”مَنْ عَمِلَ صَالِحاً مِنْ ذَكَرٍ أَوْ أُنْثَى وَهُوَ مُؤْمِنٌ فَلَنُحْيِيَنَّهُ حَيَاةً طَيِّبَةً ” (سورة النخل: 97)

"ފަހެ ފިރިހެނުންގެ ތެރެއިން ވިޔަސް އަދި އަންހެނުންގެ ތެރެއިން ވިޔަސް ޞާލިޙް ހެޔޮ ޢަމަލްތައް ކޮށްއުޅޭ މީހުން، އެއީ މުއުމިނެއްކަމުގައި ވާނަމަ އެމީހަކަށް ރަނގަޅު ބާއްޖަވެރި ދިރިއުޅުމެއް ތިމަން الله ދައްކަވާ ހުށީމެވެ." (ސޫރަތުއް ނަޚްލް: 97) 

ކައިވެންޏަކީ އަންހެނަކާއި ފިރިހެނަކާއި ދެމެދު ޝަރުޢީ ގޮތުން ގުޅާލެވޭ ގުޅާލުމެކެވެ. އެއީ އަބަދު އަބަދަށް ދެމީހުންގެ ޙަޔާތް ވޭތުކުރުމުގެ މަޤްޞަދުގައެވެ. އިންސާނުންނަކީ ބަލިކަށި ބައެއްގެ ގޮތުގައި ޚަލްޤު ކުރެވިފައިވާ ބައެއް ކަމުން ދެމަފިރީން ކަމުގައި ވިޔަސް ނުވަތަ ގާތް ތިމާގެ މީހުންނާއި އެނޫން މީސްމީހުންގެ ދެމެދުގައިވެސް، އެކިއެކި މައްސަލަތައް ޖެހުމަކީ އެއީ ނުވެ ނުދާނޭ ކަމެކެވެ. ކިއެއްހެއްޔެވެ. އެއީ އިލާހީ ޤާނޫނުވެސް މެއެވެ. 

މިގޮތުން ދެމަފިރިން ރުޅި އައިސް ނުވަތަ މައްސަލަޖެހޭ ކޮންމެ ވަޤުތެއްގައި ވަރިފަށަށް އެރުމަކީ އެކަމުގައި އޮތް ޙައްލެއް ނޫނެވެ. އެފަަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ދެފަރާތުންވެސް ވީހާވެސް ބޮޑަށް ރުޅި މައިތިރިކޮށް ޞުލްޙަވެރި ވެވޭތޯ މަސައްކަތް ކުރާނީއެވެ. އެގޮތަށް ޙައްލު ނުވެއްޖެނަމަ ދެފަރާތުގެ ޢާއިލާއިންވެސް މީހުން ބައްދަލުވެ މަޝްވަރާކޮށް އެކަމެއް ޙައްލު ކުރެވޭތޯ ބަލާނީއެވެ. އެގޮތުންވެސް ޙައްލު ނުވެ އަދި އެކީގައި އުޅުމަކީ ނާދިރު ކަމެއްކަމަށް ދެފަރާތައް ފެނިއްޖެ ޙާލަތެއްގައި ނަމަ، ޞުލްޙަވެރިކަމާއި އެކު ދެމީހުން ވަކިވާނީއެވެ. 

ސުވާލުގެ ޖަވާބުގައި ދަންނަވަމެވެ. ފުރަތަމަ ފަހަރު ވަރި ކުރުމަށްފަހު ޢިއްދައިގެ މުއްދަތުގެ ތެރޭގައި (އެބަހީ ތިން ޙައިޟު ނިމުމުގެ ކުރިން) ކައިވެނި ރުޖޫޢަކޮށްފި ކަމުގައިވާނަމަ، ޢިއްދަ ކެނޑުނީއެވެ. އެއަށްފަހު އިތުރަށް ގުނާކަށް ޢިއްދައިގެ މުއްދަތެއް (އެޢިއްދައިގައެއް) ބާކީއެއް ނޯންނާނެއެވެ. އެގޮތުން ދެން ހިނގާނީ އަނެއްކާވެސް ކައިވެނިވެފައިވާ މީހެއްގެ ޙުކުމެވެ. އަދި ހަމައެހެންމެ ދެން ބާކީ އޮންނާނީ ދެވަރިއެވެ. (ޢިއްދައިގެ މުއްދަތު ހަމަވުމަށްފަހު ކައިވެނި ރުޖޫޢައެއް ނުކުރެވޭނެއެވެ. އޭރުން ދެން ޖެހޭނީ އަލުން އާ ޢަޤުދަކާއި އެކު އާ ކައިވެންޏެއް ކުރާށެވެ.) 

ފުރަތަމަ ފަހަރު ރުޖޫޢަކުރުމަށްފަހު އަނެއްކާވެސް ވަރިކޮށްފި ކަމުގައިވާނަމަ، މިވަރި ކުރި ހިސާބުން އަންހެން މީހާގެ ޢިއްދައިގެ ދުވަސްތައް (އެބަހީ ތިން ޙައިޟު) އަލުން ގުނަން ފެށުނީއެވެ. މިމުއްދަތުގެ ތެރޭގައި ކައިވެނި އަލުން ރުޖޫޢަ ކުރުމުގައި އެއްވެސް މައްސަލައެއް ނެތެވެ. މިގޮތުން މިމުއްދަތު ނިމުމުގެ ކުރިން ރުޖޫޢަކޮށްފި ކަމުގައިވާނަމަ އެބެލެވޭނީ ދެވަނަ ރުޖޫޢު ކަމަށެވެ. އޭރުން ދެން ބާކީ އޮންނާނީ އެއްވަރިއެވެ. އެހެންނަމަވެސް ތިންވަނަ ފަހަރަށް ވަރިކޮށްފި ނަމަ ދެން ރުޖޫޢައެއް ނުކުރެވޭނެއެވެ. އެއަށްފަހު ވަރި ކުރި ފިރިހެނާއަށް އެއަންހެންނާއާއި ކައިވެނި ކުރެވޭނީ، އެއަންހެނާ އޭނާގެ ޢިއްދަ ހަމަކޮށް އަދި އެއަށްފަހު އެހެން ފިރިހެނަކާއި ޞައްޙަ ކައިވެންޏެއްކޮށް ޖިމާޢުވެފައި ވާނަމައެވެ.  

(މިފަދަ ޙާލަތެއްގައި ހަމައެކަނި ފަށްކެނޑުމަށްޓަކައި އިނދެއުޅުމަކީ އިސްލާމްދީނުގައި ޙަރާމް ކުރައްވާފައިވާ ކަމެކެވެ.) 

والله أعلم. 

- މަސްދަރު: ދިސަލަފިއްޔާ

މިއަދު އޮންލައިން