ދުނިޔޭގަ ކުރިމަތިވާ ގެދޮރުގެ ދަތިކަމަށް ކަންބޮޑުނުވާށެވެ! ސުވަރުގެއިން ގަނޑުވަރެއް ޙައްޤު އެންމެންނަށްވެސް ދެއްވަވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
ދުނިޔޭގަ ކުރިމަތިވާ ގެދޮރުގެ ދަތިކަމަށް
ކަންބޮޑުނުވާށެވެ! ސުވަރުގެއިން ގަނޑުވަރެއް ޙައްޤު އެންމެންނަށްވެސް ދެއްވަވާނެ!


މިއަދު ގިނަ ބައަކު އަވަދިނެތި އުޅެނީ ދުނިޔޭގައި އުޅޭނެ ބޮޑު ގެއެއް ނޭޅިގެންނެވެ. ނުވަތަ ފްލެޓެއް ނުގަނެވިގެންނެވެ. ލޯނުނަގައި ދަރަނިވެރިވެގެންވެސް ބަލަނީ އެކަންކުރެވޭތޯއެވެ. އެޙާލުގައި ގެއަޅާތަނުން ނުވަތަ ފްލެޓް ގަންނަތަނުން، ލޯނުވެސް ނުދެއްކިގެން އުޅެނިކޮށް އެތަނުން ނުކުންނަންޖެހި ކައްވަޅަށް ދާންވެސް އެބަޖެހެއެވެ.

ގިނަ މީހުންނަށް މެދުވެރިވާ ގޮތަކީ ގެއަޅަން، ފްލެޓް ގަންނަން، ލޯނުއަދާކުރަން އަވަދިނެތި މަސައްކަތްކުރަންޖެހުމުން އޮންނަނީ އާޚިރަތް ދުވަހު ސުވަރުގެއިން ބޭނުންވާ ގަނޑުވަރު ހޯދަން މަސައްކަތްނުކުރެވިފައެވެ. ސުވަރުގެއިން ގަނޑުވަރެއް ހޯދިފައި ނެތުމުން ޖެހެނީ ނަރަކައަށް ވަންނާށެވެ!  

ވީމާ ދުނިޔެއިން ބޭނުންވާ ގެ ނުވަތަ ފްލެޓް ހޯދުމަށްވުރެ ބޮޑަށް ސުވަރުގެއިން ގަނޑުވަރެއް ހޯދަން އިސްކަންދޭށެވެ! އެމަސައްކަތަށް އިހްމާލުނުވާށެވެ! އިހްމާލްވެއްޖެނަމަ ލިބެން އޮތް ގެއްލުމާއި ދެރަ މާބޮޑުވާނެއެވެ.  

ބުއްދިވެރިންނަކީ ދުނިޔޭގައި ބޯހިޔާވަހިކަމެއް ނެތި އުޅެންޖެހުނަސް، ފަންޖިފުޓިއެއްގައި އުޅެންޖެހުނަސް މިންވަރަށް ޝުކުރުކޮށް ސުވަރުގެއިން ގަނޑުވަރެއް ހޯދަން މަސައްކަތްކުރާ މީހުންނެވެ. އެހެނީ އަހުރެމެންގެ ދާއިމީ ޙަޔާތް ފެށެނީ މަރުވުމުންނެވެ. އެންމެ މުހިންމު ކަމަކީ ދާއިމީ ޙަޔާތަށް ގަނޑުވަރެއް ހޯދުމެވެ.  

ސުވަރުގެއިން ގަނޑުވަރެއް ހޯދަން ލޯނުނަގާކަށް ނުޖެހޭނެއެވެ. އޮތީ ހެޔޮ ޢަމަލުތައް ކުރުމެވެ. ހެޔޮ ޢަމަލުކުރުމަކީ އަތުގައި އެއްވެސް ފައިސާއެއް ނެތަސް ކުރެވޭނެ ކަމެކެވެ. ސުވަރުގެއިން ގަނޑުވަރު ހޯދަން ބޭނުންވެ އެކަމަށް މަސައްކަތްކުރި އެންމެންނަށްވެސް ދެއްވަވާނެތެވެ. އިން ޝާ ﷲ

މިދެއްކި ހުރިހާ ވާހަކަތަކެއްގެ ދަލީލަކީ ސުވަރުގޭގައި ގިނަވާނީ ފަޤީރުންކަމެވެ. ސުވަރުގެ ވަދެވޭ ހިސާބުން ދުނިޔޭގައި އޭނާއަށް އުޅެންޖެހުނު ނިކަމެތި ޙާލު ހަނދާންނެތިގެންދާނެއެވެ.

 

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން