ޚުޠުބާ: ޙައްޖުގެ އަޅުކަމަކީ ދިރިއުޅުމުގެ ކޮންމެ ކަމަކަށް ފައިދާހުރި ފިލާވަޅުތަކެއް! އެންމެ މުހިންމީ ބުރަމަސައްކަތުން ހޯދާ ފައިދާގެ މަތީގަ ދެމިހުރުން!

މިއަދު
ކިޔުމަށް ހޭދަވާނީ 8މ 25ސ
ޚުޠުބާ: ޙައްޖުގެ އަޅުކަމަކީ ދިރިއުޅުމުގެ ކޮންމެ ކަމަކަށް ފައިދާހުރި ފިލާވަޅުތަކެއް! އެންމެ މުހިންމީ ބުރަމަސައްކަތުން ހޯދާ ފައިދާގެ މަތީގަ ދެމިހުރުން!

މުސްލިމް އަޚުންނޭވެ! އަހުރެންގެ އަމިއްލަ ނަފުސަށާއި ތިޔަ އެންމެހައި އަޚުންނަށް މާތް اللهއަށް ބިރުވެތިވެ ތަޤުވާވެރިވުމަށް ނަސޭހަތްތެރިވެ ވަޞިއްޔަތްކުރަމެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ---[1]  މާނައީ:

"ޙައްޖުގެ ވަގުތަކީ ކަނޑައެޅި އެނގިގެންވާ މައްސަރުތަކެކެވެ. ފަހެ، އެ މައްސަރުތަކުގައި ޙައްޖު ފަރުޟުކޮށްގެންފި މީހާ (އެބަހީ: ޙައްޖުވުމަށް ޤަޞްދުކޮށް އިޙުރާމް ބަނދެފި މީހާ، ދަންނާށެވެ!) ފަހެ ޙައްޖުވުމުގެ ތެރޭގައި ޖިމާޢުވުމެއް، އަދި އުރެދުމެއް، އަދި އަރާރުންވުމެއް ވެސް ނެތެވެ. އަދި، (الله އީ، ހުރިހައި ކަމެއް ދެނެވޮޑިގެންވާ ރަސްކަލާނގެ ކަމަށްވާތީ) ހެޔޮ ކަމުގެ ތެރެއިން ތިޔަބައިމީހުން ކުރާ ކޮންމެ ކަމެއް (ވެސް) الله ދެނެވޮޑިގެންވެއެވެ. އަދި ތިޔަބައިމީހުން ދަތުރުމަތީގެ ކޮއްތު ލިބިގަންނާށެވެ! ފަހެ، ހަމަކަށަވަރުން އެންމެ މޮޅު ކޮއްތަކީ ތަޤުވާއެވެ. އޭ ބުއްދީގެ  އަހުލުވެރީންނޭވެ! ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް ތަޤުވާވެރިވާށެވެ!"  

މުސްލިމް އަޚުންނޭވެ! ޙައްޖުގެ އަޅުކަމުގައި މާތް الله ލައްވައިފައިވާ ޝަޢީރާތަކުން ކަށަވަރުވެ އެނގޭ އެއް ޙަޤީޤަތަކީ ޙައްޖަކީ އިންސާނާގެ ދުންޔަވީ ޙަޔާތުގެ ކުޑަކުޑަ ދަތުރެއްކަމެވެ. ޙައްޖުވެރިޔާ އިޙުރާމް ބަންނަ ހިނދުން ފެށިގެން ޙައްޖުގެ މަނާސިކުތައް ނިމޭންދެން ކުރިއަށްދާ ގޮތަށް، އިންސާނާ އޭނާގެ ޙަޔާތުގައި ދުންޔަވީ ދުވަސްތައް ވޭތިކުރަމުންދެއެވެ. اللهُ تَعَالَى ވަނީ މި ޙަޔާތާ މެދު ހެއްލުންތެރި ނުވުމަށް އާދަމުގެ ދަރިޔާއަށް އިންޒާރުކުރައްވައިފައެވެ. މާތް  الله ވަޙީކުރައްވައިފައި ވެއެވެ. --- މާނައީ: "ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއްކަމުގައި މެނުވީ، ދުނިޔޭގެ ދިރިއުޅުން ނުވެއެވެ." ވަގުތީ އުފަލަކީ ފިލައި ދަނިވި އުފަލެކެވެ. ދެމިހުންނަނިވި އުފަލަކީ އާޚިރަތުގެ އުފަލެވެ. އެހެންކަމުން އާޚިރަތުގެ އުފާ ހޯދުމަށް ގަދައަޅައި މަސައްކަތްކުރާށެވެ!  

މާތް اللهގެ އަޅުތަކުންނޭވެ! ޙައްޖަކީ ގުނައި ޢަދަދުކުރެވޭ މަދު ދުވަސްކޮޅެއްގައި ކުރެވޭ އަޅުކަމެކެވެ. މާތް الله ވަޙީކުރައްވައިފައި ވެއެވެ. ----  މާނައީ: "ޢަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައި (އެބަހީ: އައްޔާމުއްތަޝްރީޤުގެ ތިން ދުވަހު) الله ހަނދުމަކޮށް (تَكْبِيْرُކިޔައި) އުޅޭށެވެ!" އިސްވެދިޔަ އާޔަތުގައި ކަނޑައެޅިފައިވާ ދުވަސްތަކެކޭ އޮތްބަހުގެ މާނައަކީ ޙައްޖުމޫސުމެވެ. އެ މޫސުމުގައި މާތް الله ހަދުމަކޮށް ތަކުބީރުކިޔައި އުޅުމަށް އަންގަވައިފައި އޮތް ބަސްފުޅުގައިވާ ފަދައިން، ތިމާގެ މުދާ ހޭދަކޮށް، ތިމާގެ އަހުލުވެރީންނާއި، ވަޒަންދޫކޮށް މައްކާއަށް ގޮސް އަޅުކަމުގައި މަޝްޣޫލުވެ، އެ ކަމުގައި ޙައްޖާޖީން ވަގުތު ހޭދަކުރެއެވެ. އެކަލާނގެ ގެފުޅުގައި ޠަވާފުކުރެއެވެ. ރޭގަނޑާއި ދުވާލުގެ ވަގުތުތައް އަޅުކަމަށް ހުސްކުރެއެވެ. ދަމު ނަމާދާއި، ޟުޙާ ނަމާދުކުރެއެވެ. ޒިކުރުކުރުމާއި، ޤުރުއާންކިޔެވުމުގައި ވަގުތު ހޭދަކުރެއެވެ. ޙައްޖު މޫސުމުގެ ދުވަސްތަކުގައި އަޅުކަމުގައި ހީވާގިވެ، ޙަރަކާތްތެރިވެއެވެ. އެއީ ޙައްޖުގެ އަޅުކަމަށް ގޮސް ތިބޭ ޙައްޖުވެރީންގެ ޢަމަލުތައް ހުރި ގޮތެވެ. ޙައްޖަށްދިއުމުގެ ނަޞީބު މި ފަހަރު ނުލިބުނު ކަމުގައި ވީ ނަމަވެސް، ޙައްޖުވެރީން ފަދައިން އަޅުކަންކުރުމުގައި ފަރުވާތެރިވެ ހީވާގިވެ ތިމާ އަދާކުރާން ޖެހޭ ވާޖިބު އަޅުކަން އަދާކުރާށެވެ! މާތް اللهއަށް ޓަކައި އަޅުކަން ޚާލިޞްކުރާށެވެ! އެއިރުން މި ދުވަސްތަކުގެ ދަރުމައާއި ސަވާބު މާތް الله ދެއްވާނެއެވެ.  

މުސްލިމް އަޚުންނޭވެ! އިންސާނާއަކީ މާތް اللهގެ އަޅެކެވެ. މާތް اللهއަށް އީމާންވާ މީހާ އޭނާގެ މައްޗަށް މާތް الله ފަރުޟުކުރެއްވި ކަންތައްތައް އަދާކުރެވޭތޯ ގަދައަޅައި މަސައްކަތް ކުރާނެއެވެ. މާތް الله މަނާކުރެއްވި ކަންތައްތަކާ ދުރުހެލިވާނެއެވެ. މާތް اللهގެ ޙުދޫދުތަކަށް އަރައެއް ނުގަންނާނެއެވެ. މާތް اللهގެ ޙުރުމަތްތަކަށް ރައްކައުތެރިވާނެއެވެ. ޙައްޖުވެރިޔާ އިޙުރާމް ބަންނަ ވަގުތުން ފެށިގެން އޭނާ އެ ވަނީ އޭނާގެ ނަފުސުގެ މައްޗަށް ޙައްޖުގެ މަނާސިކުތައް އަދާކުރުން ލާޒިމުކޮށްފައެވެ. އޭނާ އިޙުރާމް ބަނދެ ކިޔަނީ (لَبَّيْكَ اللَّهُمَّ لَبَّيْكَ)އެވެ. އެބަހީ: މި އަޅާ އިބަރަސްކަލާނގެއަށް އިޖާބަދީފީމެވެ. ޙައްޖުވެރިޔާ އިޙުރާމު ބަންނަ ވަގުތުން ފެށިގެން ދުރުހެލިވާން ޖެހޭ، ކަންތައްތަކެއް ވެއެވެ. އަދާކުރާން ޖެހޭ ވާޖިބުތަކެއް ވެއެވެ. މިއީ ކޮންމެ މުއުމިނަކު ވެސް މާތް اللهއަށް ކިޔަމަންގަތުމަށް ދެވޭ ތަމްރީނުތަކެކެވެ. މާތް اللهގެ އަމުރުފުޅުތަކަށް އިޖާބަދިނުމަށާއި الله މަނާކުރައްވައިފައިވާ ކަންތައްތަކާ ދުރުހެލިވުމަށްދެވޭ ޢަމަލީ ތަމްރީނުތަކެކެވެ. ޙައްޖުގެ މަނާސިކުތައް އަދާކޮށް، އެކަލާނގެ ޝަޢާއިރުތައް މަތިވެރިކޮށްފި މީހަކަށް ހުރިހައި ވަގުތެއްގައި އަދި ހުރިހައި ތަނެއްގައި ވެސް މާތް اللهގެ އަމުރުފުޅުތަކަށް އިޖާބަދިނުމަކީ ބުރަ އުނދަގޫ ކަމަކަށް ނުވާނެއެވެ. އިޙުރާމް ބަނުމުގެ ކުރީން އޭނާއަށް ހުއްދަވެގެންވީ ކަންތައްތަކެއް އިޙުރާމް ބަނުމުގެ ސަބަބުން ޙަރާމް ވެއެވެ. އޭނާގެ ނަފުސަށް މި ކަންތައްތައް މަނާކުރެވުނު މީހާއަށް އޭނާގެ ޙަޔާތުގެ ރާސްތާގައި މާތް الله ޙަރާމްކުރައްވައިފައިވާ ކަންތައްތަކާ  ދުރުހެލިވެވޭނެއެވެ. ޙައްޖުވެރިޔާ ޙައްޖުގެ އެއް ނުސުކުން އަނެއް ނުސުކަށް ނަޤުލުވާ ނަޤުލުވުމަކީ، ދުންޔަވީ ޙަޔާތުގެ ދުވަސްތަކުގައި އެއް ކިޔަމަންތެރިކަމުން އަނެއް ކިޔަމަންތެރިކަމަށް ނަޤުލުވާ ނަޤުލުވުންތައް ހަނދުމަކޮށްދޭނޭ ކަމެކެވެ. ޙައްޖުވެރިޔާ އޭނާގެ ޢަޒުމު ވަރުގަދަކޮށް، ހިތްނިޔަތް ޚާލިޞްކޮށް ހެޔޮ ރަނގަޅު ގޮތުގައި މަނާސިކުތައް އަދާކޮށްފި ނަމަ އޭނާއަށް އެ ލިބުނީ ވަރުގަދަ ތަމްރީނެކެވެ. މި ގޮތަށް ޙައްޖުގެ މަނާސިކުތައް އަދާކުރެވުމުން ޙައްޖުވެރިޔާއަށް ހިތްހަމަޖެހުން ލިބޭނެއެވެ. 

މުސްލިމް އަޚުންނޭވެ! ތަމައްތުޢު ޙައްޖުކުރާ މީހާ ޢުމުރާގެ އަޅުކަން ފުރިހަމަކޮށް ތަޙައްލުލުވުމަށް ފަހު ޙައްޖުމަހުގެ އަށްވަނަދުވަސް އަންނަންދެން މައްކާގައި މަޑުކުރާނީއެވެ. ދެން ޙައްޖުމަހުގެ އަށްވަނަ ދުވަހު ޙައްޖަށް އިޙުރާމް ބަނދެ، ދާނީ މިނާއަށެވެ. އެއީ ސުންނަތްވެގެންވާ ކަމެކެވެ. ނުވަވަނަ ވިލޭރޭ މިނާގައި ރޭކުރުމަށް ފަހު ނުވަވަނަ ދުވަހު ދާނީ ޢަރަފާތަށެވެ. އެއީ ޙައްޖުގެ އެންމެ މަތިވެރި ރުކުނެވެ. އެ ބަރަކާތްތެރި ބިމުގައި މާތް اللهގެ ޙަޟުރަތަށް ކުއްތަންވެ ފާފަ ފުއްސެވުމަށް އެދި ދުޢާކުރުމަށް އިރުއޮއްސޭންދެން ތިބުމަށް ފަހު ދާނީ މުޒްދަލިފާއަށެވެ. އެތާނގައި މަޣްރިބު ނަމާދާއި ޢިޝާނަމާދު އިސްކޮށް ޖަމްޢުކޮށް ޤަޞްރުކުރުމަށް ފަހު އިރުއަރާންދެން މުޒުދަލިފާގައި ތިބޭނީއެވެ. އަދި ޢީދު ދުވަހު މިނާއަށް ގޮސް ހިލަ އުކައި ބޯބާލައި ނުވަތަ ބޯ ކޮށައި، ހަދުޔުކަތިލާނީއެވެ. އެއަށް ފަހު ތަޙައްލުލުވެ ޠަވާފުލްއިފާޟާ ކުރާނީއެވެ. ދެން މިނާގައި ދެ ދުވަހު ނުވަތަ ތިން ދުވަހު ތިބެ، ޖަމްރާތަކަށް ހިލައުކާނީއެވެ. ޙައްޖު ނިންމައިލުމުގެ ގޮތުން ދެން އޮންނާނީ ވަދާޢީ ޠަވާފެވެ.

މުސްލިމް އަޚުންނޭވެ! ޙައްޖަކީ އެހެނިހެން އަޅުކަންތަކާ ޚިލާފަށް ވަރަށް ބުރަ އަޅުކަމެކެވެ. އެ ކަމުގައި ތިމާގެ ޖާނާއި މުދާ ހޭދަކުރާން ޖެހޭ ކަމެކެވެ. އެ ކަމުގައި ދަތުރުފަތުރު ހިމެނެއެވެ. ބައިބޯކަމާއި ކާރުބާރު ބޮޑުކަން ހިމެނެއެވެ. އެހެންވުމުން އުރެދުންތަކަށް އަރައިނުގަނެ، ކެތްތެރިވެ، ދޫރައްކާތެރިކޮށް، މަޑުމައިތިރިވެ ޝަހުވާނީ އެދުންތަކުން ދުރުހެލިވެ ޙައްޖުގެ މަނާސިކުތައް އަދާކުރާށެވެ! ރަސޫލު الله ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (مَنْ حَجَّ لِلَّهِ فَلَمْ يَرْفُثْ وَلَـمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ)[2] މާނައީ: "ޙައްޖުވުމުގެ ތެރޭގައި ޖިމާޢުވުމެއް، އުރެދުމެއް ނެތި، މާތް اللهގެ ވަޖުހުފުޅު އަދައި، ޙައްޖުވެއްޖެ މީހާ، މައިމީހާގެ ބަނޑުން އޭނާ އުފަންވީ ދުވަހެކޭ އެއްފަދައިން އެނބުރި އަތުވެއްޖެއެވެ." އެ ފަދަ ޙައްޖެއްގެ ޖަޒާއެއްކަމުގައި  ސުވަރުގެ މެނުވީ ނުވެއެވެ. އެފަދަ މީހާއަށް މާތް الله އެ ވަނީ މަބުރޫރު ޙައްޖެއް ދެއްވައިފައެވެ. ރަސޫލު الله ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވައިފައި ވެއެވެ. (...وَالْحَجُّ الْمَبْرُوْرُ لَيْسَ لَهُ جَزَاءٌ إِلَّا الْجَنَّةُ)[3] މާނައީ: "... އަދި މަބުރޫރު ޙައްޖެއްގެ ޖަޒާއެއްކަމުގައި ސުވަރުގެ މެނުވީ ނުވެއެވެ."   

މުސްލިމް އަޚުންނޭވެ! ޙައްޖަކީ އަހަރަކު އެއްފަހަރު އަދާކުރެވޭ އަޅުކަމެކެވެ. ފުރިހަމަ ގޮތުގައި ޙައްޖު އަދާކުރުމަށް ފަހު ހެޔޮ ޢަމަލުކުރުންމަތީ ދެމިހުރުމަކީ ވަރަށް މުހިންމު ކަމެކެވެ. އެ ގޮތުން ފާފަތަކަށް އަރައިނުގަތުމަށް ޢަޒުމު ކަނޑައަޅައި އެ ގޮތުގައި ދެމިހުރުމަށް މަސައްކަތްކުރާށެވެ! ޙައްޖުގެ އަޅުކަން އަދާކުރުމަށް ފަހު ތިމާގެ ދިރިއުޅުމަށް މަސައްކަތްކުރުމާއެކު ރަޙިމުގެ ގުޅުމާއި އެކުވެރިކަމާއި އެއްބައިވަންތަކަމާއި ޢާއިލީގުޅުން ދެމެހެއްޓުމަށް މަސައްކަތްކުރާ މީހެއްގެ ގޮތުގައި މުޖުތަމަޢުގައި އުޅޭށެވެ!  

މުސްލިމް އަޚުންނޭވެ! ޙައްޖުގެ މަތިވެރި އަޅުކަމާ ވިދިގެން އަންނަނީ ބަރަކާތްތެރި އަޟުޙާ ޢީދުގެ އުފާވެރި މުނާސަބަތެވެ. މި މުނާސަބާ ފާހަނގަކުރާ އިރު މުސްލިމް އަޚުންނާއި އުޚުތުންގެ މެދުގައި އެކުވެރިކަމާއި ހިތްހެއުކަމާއި ލޯބީގެ ޝުޢޫރުތައް ފާޅުކުރުމާއެކު، ރުޅިވެރިކަމާއި ނަފުރަތާއި ޙަސަދަވެރިކަން ދޫކޮށް އެއްބަނޑު އެއްބަފާ އަޚުންތަކެއްކަމުގައި ވުމަށް ގޮވައިލަމެވެ. ޢީދުގެ އުފާ ފާޅުކުރާ އިރު އިސްލާމީ އުޞޫލުތަކާއި ޝަރުޢީ ހަމަތަކަށް ރިޢާޔަތްކުރުމަށް ނަސޭހަތްތެރިވަމެވެ.

މިއަދު އޮންލައިން