ފިރިމީހާ ނަމަވެސް އަނބިމީހާ ނަމަވެސް އަނެކާ ހިތްދަތިކުރުވައި ގެއްލުންދިނުމަކީ ދުނިޔޭގަވެސް ނިކަމެތިކުރައްވަވާ ކަމެއް! ޤިޔާމަތްދުވަހު ބަދަލުދޭންވެސް ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
ފިރިމީހާ ނަމަވެސް އަނބިމީހާ ނަމަވެސް އަނެކާ ހިތްދަތިކުރުވައި ގެއްލުންދިނުމަކީ ދުނިޔޭގަވެސް ނިކަމެތިކުރައްވަވާ ކަމެއް! ޤިޔާމަތްދުވަހު ބަދަލުދޭންވެސް ޖެހޭނެ!

ލޯތްބަކީވެސް ރިޒުޤް ފަދަ ނިޢުމަތެކެވެ. ﷲ ތަޢާލާ އެކި މީހުންނަށް ދެއްވަވާނީ އެކިވަރަށެވެ. އެކިގޮތަށެވެ. ވީމާ ތިބާ އެދޭ މިންވަރަށް ލޯބި ނުލިބުނަސް މާޔޫސްނުވާށެވެ! ކެތްތެރިވެ ދުޢާކުރުންމަތީގައި ދެމިހުންނާށެވެ.  

ނިކަން ވިސްނައިލަބަލާށެވެ! ޚިޔާލާ މިޒާޖު ވަރަށް އެއްގޮތް ދެމީހަކު ކައިވެނިކޮށްފާނެއެވެ. އެކަމަކުވެސް އިސާހިތަކު ލޯބި ގެއްލި މައްސަލަތައް ޖެހެން ފަށައި އެކުގައި ދިރިނުއުޅެވޭ ޙާލަތަށް ކަންކަން ގޮސް ކައިވެނި އެބަ ރޫޅެއެވެ.

ހަމައެފަދައިން ވަރަށް ޚިޔާލުތަފާތު ދެމީހުން ކައިވެނިކޮށް މުޅި ޢުމުރަށް ލޯބިން އެކުގައި އެބަ ދިރިއުޅެއެވެ. އެދެމީހުންގެ ޚިޔާލުތަފާތުކަން ކިތަން ބޮޑު ނަމަވެސް ދިރިއުޅުމުގެ ކަންކަމުގައި އެއްވެސް މައްސަލައެއް ނުޖެހި އެބަ ދިރިއުޅެއެވެ.

މިހުރީ އުނގެނި ދަސްކުރަންޖެހޭ ފިލާވަޅުތަކެވެ. ހަމައެފަދައިން ކައިވެނިކޮށް ދިރިއުޅުމުގައި މައްސަލަތައް ޖެހެން ފެށުމުން އެއީ ﷲ ތަޢާލާ އިރާދަކުރެއްވެވި ގޮތްކަމަކަށް ދެމީހުންނަކަށް ނުބުނެވޭނެއެވެ. އެހެނީ ވަރަށް މަދު ފަހަރަކު ނޫނީ މައްސަލަތައް ޖެހެން ފަށާނީ ކޮންމެވެސް އެކެއްގެ ސަބަބުންނެވެ. ކޮންމެވެސް އެކަކަށް ކުށް ކުރެވޭތީއެވެ. ކުށް ނުކޮށް ލޯބިން ދިރިއުޅުމުގެ ފުރުޞަތު އޮއްވައި އެކަން ތިމާ އަމިއްލައަށް ދޫކޮށްލާތީއެވެ.  

ކުށްކުރާ މީހާއަށް ތިމަންނަ ކުށް މިކުރަނީ އިރާދަފުޅުން ކަމަކަށް ނުބުނެވޭނެއެވެ. ސަބަބަކީ ކުށް ނުކޮށް ރަނގަޅު ގޮތުގައި އުޅުމުގެ އިޚްތިޔާރު ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ ވަނީ ދެއްވަވައިފައެވެ. އިރާދަފުޅު ކަމަށް ބުނެވޭނީ ތިމާގެ އިޚްތިޔާރުން ބޭރުން މެދުވެރިވާ ކަންކަމަށެވެ.  

އެހެންވެ އެކަކު ކުށްކުރުމުން އަނިޔާ ނުވަތަ ގެއްލުން ލިބޭ މީހާއަށް މިއީ ތިމަންނާއަށް ﷲ ތަޢާލާ އިރާދަކުރެއްވެވި ގޮތް ކަމަށް ބުނެވޭނެއެވެ. ސަބަބަކީ އޭނާކުރި އެއްވެސް ކުށަކާއި ނުލައި އޭނާއަށް ހިތްދަތިކަމާއި އަނިޔާލިބޭތީއެވެ.  

ވީމާ ކޮންމެ މީހަކުވެސް އަދި ކޮންމެ ދެމަފިރިއަކުވެސް ދުނިޔޭގައި އުޅެންވާނީ މިކަންކަމަށް ވިސްނައިގެންނެވެ. ތިމާގެ ކުށަކުން އަނެކާއަށް އެއްވެސް ހިތްދަތިކަމެއް ނުވަތަ އަނިޔާއެއް ނުލިބޭނެ ގޮތަށް ވިސްނައިގެންނެވެ. އަމިއްލަ ދިރިއުޅުމުގައި ނަމަވެސް އަނެކާ ހިތްދަތިކުރުވައި އަނިޔާވެރިވުމަކީ ފާފަވެރިވާނެ ކަމެކެވެ! ޤިޔާމަތްދުވަހު ޖަވާބުދާރީވާންޖެހޭނެ ކަމެކެވެ. އަދި ދުނިޔޭގައިވެސް އެކަމަށް ޖަޒާދެއްވަވައެވެ.

 

- މަޢުލޫމާތު: އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން