ނަރަކައިގައި ގިނަވާނީ އަންހެނުން ކަމަށް ޙަދީޘްފުޅުގަ އޮތުމުން މާޔޫސް ނުވެ އެއީ ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތްކުރަން އޮތް ހިތްވަރަކަށް ހަދައިފިނަމަ ސުވަރުގެ ވަދެވޭނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 4ސ
ނަރަކައިގައި ގިނަވާނީ އަންހެނުން ކަމަށް ޙަދީޘްފުޅުގަ އޮތުމުން މާޔޫސް ނުވެ އެއީ ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތްކުރަން އޮތް ހިތްވަރަކަށް ހަދައިފިނަމަ ސުވަރުގެ ވަދެވޭނެ! އިން ޝާ ﷲ

ސުވަރުގެ ހޯދަން އެދޭ އެއްވެސް މުސްލިމަކަށް މާޔޫސްވާކަށް ނުޖެހޭނެއެވެ. އެއީ އަންހެނެއް ނަމަވެސް އަދި ފިރިހެނެއް ނަމަވެސްމެއެވެ. ވީމާ އަންހެނަކަށްވުމަކީ ސުވަރުގެޢާއިމެދު މާޔޫސްވާން އޮތް ސަބަބެއް ނޫނެވެ. އެއްވެސް އަންހެނަކީ އަންހެނަކަށްވީތީ ސުވަރުގެ ނުވައްދަވާނެ މީހަކުނަމަ އަންހެނެއްގެ ސިފައިގަ ދުނިޔެއަކަށް ނުފޮނުއްވަވާނެއެވެ.  

ނަރަކައިގައި ގިނަވާނީ އަންހެނުން ކަމަށް އޮތް ޙަދީޘްބަސްފުޅަކީ ކަނބަލުންނަށް އޮތް މާޔޫސްކަމެއް ނޫނެވެ! ޙަޤީޤަތުގައި އެއީ ސުވަރުގެ ހޯދަން ގަދައަޅައި މަސައްކަތްކުރަން އޮތް ހިތްވަރެކެވެ. ހިތްވަރު ލިބެންޖެހޭނެ ބަސްފުޅެކެވެ.  

އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުގައި ދަރަޖަ އުފުލިގެންދަނީ ފިރިހެނަކަށްވުމަކުން އަދި އަންހެނަކަށްވުމަކުން ނޫނެވެ. އެމީހާގެ ކިބައިގައި ތަޤްވާވެރިކަން ހުރި މިންވަރަކުންނެވެ. ވީމާ ތިމާއަކީ އަންހެނަކަށްވުމަކީ ސުވަރުގެ ހޯދަން މަސައްކަތްކުރުމުގައި އެއްވެސް މިންވަރަކަށް ފަސްޖެހެންވީ ކަމެއް ނޫނެވެ.  

ބައްޔެއް ޖެހުމުގެ ފުރުޞަތު ތިމާއަށް ބޮޑުކަން އެނގޭނަމަ ޢަމަލުކުރަނީ ކިހިނަކުން ހެއްޔެވެ؟ ބަލިން ރައްކައުތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅަނީ ނޫންހެއްޔެވެ؟ ވީމާ ކަނބަލުންނަށް އޮތީ ރައްކައުތެރިވެ ތިބެގެން ދިރިއުޅެމުން ގެންދިއުމެވެ. ސުވަރުގެ ޔަޤީންކުރަން މަސައްކަތްކުރުމެވެ.   

نْ عَبْدُ اللهِ بِنْ عُمَرُ رَضِيَ اللهُ عَنْهُ قَالَ : قاَلَ رَسُوْلُ اللهِ صَلَى اللهُ عَلَيْهِ وَسَلَمَ  ” ياَ مَعْشَرَ النِّسَاءِ تَصَدَّقْنَ وَأَكْثِرْنَ الإِسْتِغْفَارَ, فَإِنِّى رَأَيْتُكُنَّ أَكْثَرَ أَهْلِ النَّارِ. فَقَالَتْ اِمْرَأَةٌ مِنْهُنَّ ، ( جَزْلَة ً): وَمَا لَناَ يَا رَسُوْلَ اللهِ أَكْثَرَ أَهْلِ الناَّرِ . قَالَ : تُكْثِرْنَ الَّلعُنَ . وَتُكْفِرْنَ العَشِيْرَ . وَماَ رَأَيْتُ مِنْ نَاقْصَاتٍ عَقْلٍ وَدِيْنٍ أَغْلَبُ لِذِيْ لُبٍّ مِنْكُنَّ . قَالَتْ : ياَ رَسُوْلَ اللهِ ! وَماَ نُقْصَانُ الْعَقْل ِوَالدِّيْنِ؟ قاَلَ : أَماَّ نُقْصَانُ الْعَقْلِ فَشَهَادَةُ اِمْرَأَتَيْنِ تَعْدِلُ شَهَادَةُ رَجُلٍ . فَهَذَا نُقْصَانُ الْعَقْلِ . وَتَمْكُثُ الَّليَالِي مَا تُصَلِّي . وَتَفْطُرُ فِيْ رَمَضَانِ . فَهَذَا نُقْصَانُ الدِيْنِ  –  رواه مسلم 

ޢަބްދު ﷲ ބުން ޢުމަރުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ صَلَى اللهُ عَلَيْهِ وَسَلَمَ ޙަދީޘްފުޅުކުރެއްވިއެވެ. ” އޭއަންހެނުންނޭވެ! ތިޔަކަނބަލުން ޞަދަޤާތްދީ ފާފަފުއްސަވައި ދެއްވުން އެދި ދެންނެވުންގިނަ ކުރާށެވެ. އެހެނީ ތިޔަކަނބަލުންކުރެ ގިނަބަޔަކު ނަރަކައިގައިވަނިކޮށް ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ. ” (ހަމައެވަގުތު ) އެކަނބަލުންކުރެ އަންހެނަކު ދެންނެވިއެވެ. އަޅުގަނޑުމެންކުރެ ގިނަބަޔަކު ނަރަކަވަންތަވެރީން ކަމުގައިވީ ކީއްވެތޯއެވެ؟ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްފުޅުކުރެއްވިއެވެ. "ތިޔަކަނބަލުން ( އަނެކުންނަށް ޙައްޤަކާއިނުލައި ) ލަޢުނަތްދީ ފިރިންނަށް އުރެދި ނުކިޔަމަންތެރިވެ އުޅުންގިނައެވެ. އަދި ބުއްދިއާއި ދީނުގެ އުނިކަން ތިޔަކަނބަލުންގެ ކިބާގައި ހުރުމާއިއެކުވެސް ބުއަދިވެރި ފިރިހެނުންގެ މައްޗަށް ގަދަވެ ނުގަންނަ އެކަކުވެސް ވާކަމުގައި ނުނީ ތިމަން ނަބިއްޔާ ނުދެކެމެވެ. " އަންހެނަކު ދެންނެވިއެވެ. ބުއްދިއާއި ދީނުގެ އުނިކަމަކީ ކޮބައިތޯއެވެ؟ ޙަދިޘްފުޅު ކުރެއްވިއެވެ. ” ބުއްދީގެ އުނިކަމަކީ ދެ އަންހެނުންގެ ހެކިބަސް އެއްފިރިހެނެއްގެ ހެކިބަހާ އެއްވަރުވާކަމެވެ. ރޭތައް ވޭތުވެގެންދާއިރު ނަމާދުނުކޮށް ރަމަޟާންމަހުގެ ރޯދަ ނުހިފާ ދެމިތިބޭތިބުން އެއީ ދީނުގައިވާ ތިޔަކަނބަލުންގެ އުނިކަމެވެ. “ 

ދެން ބަލާލަންވީ އަންހެނުންނަށް ސުވަރުގެ ލިބެން އޮތް ފަސޭހަކަމަށެވެ. 

Abu Huraira reported: The Messenger of Allah, peace and blessings be upon him, said, “If a woman prays her five prayers, fasts her month of Ramadan, guards her chastity, and obeys her husband, she will enter Paradise from any gate she wishes.”

Source: Ṣaḥīḥ Ibn Ḥibbān 4163

Grade: Sahih (authentic) according to Al-Arna’ut   

ޙަދީޘްފުޅުން އެނގިގެންދަނީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭ ފަރުޟު ނަމާދުތައްކޮށް، ރަމަޟާންމަހު ރޯދަހިފައި، ޢައުރަ ގުނަވަންތަކަށް ރައްކައުތެރިވެ އަދި ފިރިމީހާއަށް (ޙައްޤު ގޮތުގައި) ކިޔަމަންތެރިވެއްޖެނަމަ ސުވަރުގެއަށް ވަންނަން އެއަންހެނަކު ބޭނުންވާ ކޮންމެ ދޮރުކޮޅަކުން ވަނުމުގެ ފުރުޞަތުިﷲ ތަޢާލާ ދެއްވަވާނެކަމެވެ.  

ޙައްޤު ގޮތުގައި ކަމަށް މިބުނަނީ ފިރިންނަށްވެސް ކިޔަމަންތެރިވުން އޮތީ ﷲ ތަޢާލާގެ އަމުރުފުޅުތަކާއި އެއްގޮތަށް ކުރާ އަމުރުތަކަށް ކަމުގައިވާތީއެވެ. ﷲ ތަޢާލާ ޙަރާމް ކުރައްވަވާފައިވާ ކަންކަން ކުރަން ފިރިމީހާ އަމުރުކުރިނަމަވެސް ކިޔަމަންތެރިވާކަށް ނުޖެހޭނެތީއެވެ.  

ކޮންމެ އަންހެނަކަށްވެސް މިހާ ފަސޭހައިން ސުވަރުގެ ޙާޞިލްކުރެވެން އެބައޮތެވެ. ވީމާ ސުވަރުގެ ނުލިބިދާނެތީ ކަންބޮޑުވާންވީއެއް ނޫނެވެ. ސުވަރުގެ ހޯދަން ކުރާ މަސައްކަތް އިތުރުކޮށްލަންވީއެވެ. އެންމެ ކުޑަމިނުން މިޙަދީޘްފުޅަށް ޢަމަލުކޮށްލަންވީއެވެ.

 

- އިސްލާމީ ތިލަފތުގެ ދަރުސަކުން

މިއަދު އޮންލައިން