ދުނިޔޭގެ އެންމެހައި ކަންކަން ނިމިގެންދާއިރު އިބިލީހުގެ ފުރާނަވެސް ހިއްޕަވާނެއެވެ. އޭތީގެ ފުރާނަ ހިއްޕަވަން މަލާއިކަތުން ވަޑައިގަތުމުން މަރުނުވާންވެގެން ދުނިޔޭގެ ކަންކޮޅުތަކަށް ދުވާނެއެވެ. ދުނިޔޭގެ ހަތަރުބިތަށް ދަތުރުކުރާނެއެވެ. އެކަމަކު ސަލާމަތެއް ނުވެވޭނެއެވެ. އެކަމުގެ ވަޤުތުޖެހުމުން މަލާއިކަތުން އޭތީގެ ފުރާނަ ހިއްޕަވާނެތެވެ.
އިބިލީސް މިއަދު ޒުވާނުންނަށް ވިސްނައިދޭނީ ޢުމުރުގައި އަދި ވަރަށް ގިނަ ދުވަސް އެއޮތްކަމާއި މަރުވާނީ އެތައް އަހަރުތަކެއް ފަހުން ކަމަށެވެ. ފާފަކޮށް އުފާކޮށްލަންވީކަމަށެވެ. އަދި ކީއްހެއްޔެވެ؟ މުސްކުޅި ޢުމުރުގައި މަރުބަލީގައި އޮންނައިރުވެސް ވިސްނައިދޭނީ އަދި އަވަހަކަށް ތިމާ މަރުނުވާނެކަމެވެ. އެއީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން، ޛިކުރުތައް ކިޔަން، ﷲ ތަޢާލާގެ މަތިން ހަނދުމަކުރަން ހުރަސްއެޅުމަށްޓަކައެވެ.
ރަނގަޅަށް ވިސްނާށެވެ! އިބިލީހަށް އަހުރެމެންނަށް ކޮށްދެވޭނެ އެއްވެސް ރަނގަޅުކަމެއް ނެތެވެ. އަދި ނުބައިކަމެއްވެސް ނެތެވެ. ހަމައެކަނި ކުރެވޭނެ ކަމަކީ ފާފަކުރަން ވަސްވާސްދިނުމެވެ. ހެޔޮ ޢަމަލުތައް ނުކުރަން ވަސްވާސްދިނުމެވެ. އިބިޅިސް ޤިޔާމަތް ދުވަހު ބުނާނީވެސް އެވާހަކައެވެ. "އަހުރެންގެ ބޮލުގައި އެއްވެސް ކަމެއް ނުއަޅުވާށެވެ. އަހުރެން ތިބާ ލައްވައި އެއްވެސް ކަމެއް ނުކުރުވަމެވެ. އެކަމުގެ ބާރެއްވެސް އަހުރެންގެ ކިބައަކު ނެތެވެ. އަހުރެން ވަސްވާސްދިނީއެވެ. ފާފަކުރީ ތިބާ އަމިއްލައަށެވެ. ވީމާ ކަލޭކުރި ކޮންމެ ކަމެއްވެސް ކުރީ ކަލޭ އަމިއްލައަށެވެ."
މީސްތަކުންނޭވެ! އާޚިރަތް ކާމިޔާބުކުރެވޭނީ މިކަންކަމަށް ވިސްނައިގެންނެވެ. އިބިލީސް ދޭ ވަސްވާސްތަކަށް ނުހެއްލި ޒިންމާދާރު މީހަކަށް ވެވިގެންނެވެ. ޒިންމާދާރުވުމަކީ ތިމާއަށް އާޚިރަތް ގެއްލިދާނެ ހުރިހާ ކަންކަމަށް ސަމާލުކަންދީ އާޚިރަތް ގެއްލިދާނެ އެއްވެސް ކަމެއް ނުކޮށް ހުންނަން މަސައްކަތްކުރުމެވެ.
- މަޢުލޫމާތު: ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން
- މިއަދުނޫސް