ކައިވެނި ނުކުރެވި ލަސްވާނީ ރަހްމަތަކަށް! ސުވަރުގެއިން ދެއްވަވާނެ ބައިވެރިޔާ ގެއްލުވާނުލާ ކެތްތެރިވެލީމާ ތިބާ އުފުލައިގެން ގެންގުޅޭނެ ބައިވެރިއަކު ދެއްވަވާނެ! އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ކައިވެނި ނުކުރެވި ލަސްވާނީ ރަހްމަތަކަށް! ސުވަރުގެއިން ދެއްވަވާނެ ބައިވެރިޔާ ގެއްލުވާނުލާ ކެތްތެރިވެލީމާ ތިބާ އުފުލައިގެން ގެންގުޅޭނެ ބައިވެރިއަކު ދެއްވަވާނެ! އިން ޝާ ﷲ

ހިތަށް އަރާމާއި ފިނިކަން ލިބުމަށް އޮތް އެންމެ މަގަކީ އަޅުކަން ކުރުން ފިޔަވައި ތިމާއަށް ތިމާދެކެ ލޯބިވާ ވަފާތެރި ބައިވެރިއަކު ލިބުމެވެ. އަޅުކަމާއިގެންވެސް ރަނގަޅު ގޮތުގައި ކުރިއަށްދެވޭނީ އެފަދަ ބައިވެރިއެއްގެ އެހީތެރިކަން ލިބިގެންކަން އެއީ ޙަޤީޤަތެކެވެ.  

ފުރިހަމަ ޞިއްޙަތެއްގައި ހުންނަލިބިފައިވާ ކޮންމެ މީހަކީވެސް ކައިވެނިކުރަން އެދޭނެ މީހެކެވެ. ކަންކަން ދިމާވޮތަކުން ކައިވެނިކުރެވުން ލަސްވެސްވެދާނެއެވެ. އަދި ބައެއް މީހުންނަށް (މަދު ބައަކަށް ނަމަވެސް) ކައިވެނި ނުކުރެވިވެސް އެބަދެއެވެ.  

މިފަދަ އެއްވެސް ޙާލަތެއް ކުރިމަތިވިނަމަވެސް ކަންބޮޑުނުވާށެވެ! ﷲ ތަޢާލާ އަންގަވާފައިވާ އިންތަކުގައި ހިފަހައްޓައިގެން ކައިވެނިކުރަން މަސައްކަތްކުރުމުން އެމީހެއްގެ ވާޖިބު އެއޮތީ އަދާކުރެވިފައެވެ. ދެން އޮތް ބައި ﷲ ތަޢާލާއަށް ވަކީލްކުރާށެވެ!

ޔަޤީންކުރަން އޮތް ކަމަކީ ދުނިޔޭގައި އެކަނި އުޅެންޖެހުނަސް ސުވަރުގޭގައި އެއްވެސް މީހަކު އެކަނި ނުވާނެ ކަމެވެ. ސުވަރުގޭގައި ކޮންމެ މީހަކަށްވެސް ބައިވެރިއަކުވާނެއެވެ. ކޮންމެ މީހަކަށްވެސް ﷲ ތަޢާލާ އިރާދަކުރައްވަވާ ޢަދަދަކަށް ބައިވެރިން ދެއްވަވާނެއެވެ. ވީމާ ސުވަރުގޭގައި އެއްވެސް މީހަކީ އެކަނިވެރިއަކަށް ނުވާނެއެވެ.  

އެންމެ ބޮޑަށް ވިސްނަންޖެހޭނެ ކަމަކީ ދުނިޔޭގައި ބައިވެރިއަކު ލިބުން ލަސްވެގެން ސުވަރުގެއިން ލިބެން އޮތް ބައިވެރިޔާ ދޫކޮށްލެވޭ ކަމެވެ. ފާފަވެރިވެ ނަރަކައަށް ދާންޖެހިދާނެކަމެވެ. އެއިރުން ލިބޭނީ ގަދަފަދަ ޢަޛާބެވެ. ތިމާއާއިއެކުގައިވާނީ ނަރަކައިގެ ބިރުވެރިކަމެވެ. ބިޔަ ބޮޑެތި ވިހަގަދަ ސޫފި ތަކެވެ.  

ވީމާ ދުނިޔެއިން ބައިވެރިއަކު ހޯދަންވެސް ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަމެއް ނުކުރާށެވެ! ﷲ ތަޢާލާއަށް ކިޔަމަންތެރިވެ ދުޢާކުރުންމަތީގައި ހުންނާށެވެ. އެއިރުން ސުވަރުގެއާއި ސުވަރުގޭގައި ބައިވެރިން ދެއްވަވާނެތެވެ. އިން ޝާ ﷲ 

ޝައްކުވެސް ނުކުރާށެވެ! ކައިވެނި ނުކުރެވި ލަސްވާނީ ރަހްމަތަކަށެވެ. ސުވަރުގެއިން ދެއްވަވާނެ ބައިވެރިޔާ ގެއްލުވާނުލާ ކެތްތެރިވެލީމާ ތިބާ އުފުލައިގެން ދުނިޔޭގައި ގެންގުޅޭނެ ބައިވެރިއަކު ދެއްވަވާނެއެވެ.! އިން ޝާ ﷲ 

 

- މަޢުލޫމާތު: ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން