ގޭގެ ނޯކަރުންނާ އޮފީހުގަ މަސައްކަތްކުރަން ގެންގުޅޭ މުވައްޒިފުންގެ ނިކަމެތިކަމުގެ ބޭނުން ނަހަމަކަ ގޮތުގަހިފައި ފާޙިޝް އަމަލުތައް ކުރުމަކީ ޢަޛާބު އިތުރުކުރައްވަވާނެ ކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ގޭގެ ނޯކަރުންނާ އޮފީހުގަ މަސައްކަތްކުރަން
ގެންގުޅޭ މުވައްޒިފުންގެ ނިކަމެތިކަމުގެ ބޭނުން ނަހަމަކަ ގޮތުގަހިފައި ފާޙިޝް
އަމަލުތައް ކުރުމަކީ ޢަޛާބު އިތުރުކުރައްވަވާނެ ކަމެއް!


ތަނަވަސްކަން ލިބިފައިވާ ބައެއް މީހުންނަށް ހީކުރެވެނީ މުވައްޒިފުން ނިކަމެތިވީމާ އެކަމުގެ ނާޖާއިޒު ފައިދާ ނެގުމަކީ އެއްވެސް މައްސަލައެއް ނޫންކަމަށެވެ. އަޅުގަނޑަށް މަސައްކަތްކުރަންޖެހިފައިމިވަނީ އެގޮތަށް ޤަބޫލުކުރާ މީހެއްގެ ވަޒީފާގައެވެ. އަޅުގަނޑު ބޭނުންވަނީ ވެރިމީހާއަށް ވިސްނައިދެވޭނެފަދަ ނަޞީޙަތެކެވެ.  

ކިޔުންތެރިޔާ ތިއަ ފާހަގަކުރައްވަނީ މިހާރު ވަރަށް ބޮޑުވެފައިވާ ކަމެކެވެ. އުންމީދުކުރަނީ ތިރީގައިވާ ލިޔުމުން ކިޔުންތެރިޔާގެ ބޭނުން ޙާޞިލުވެލައްވާނެ ކަމަށެވެ. އިން ޝާ ﷲ  

ނޯކަރުން، މުވައްޒިފުން ގެންގުޅޭނެ ތަނަވަސްކަން ދެއްވަވަނީ ﷲ ތަޢާލާއެވެ. ވީމާ ތަނަވަސްކަން ލިބުމުން ތަނަވަސްކަމުގެ ބޭނުންކޮށްގެން ﷲ ތަޢާލާ ނަހީކުރެއްވެވި ކަންކަން ކުރުމަކީ ދެއްވެވި ނިޢުމަތަށް ޙަރާންކޯރުވުމެވެ.  

އެފަދަ ޢަމަލުތައް ކުރެވޭ މީހުން ދަންނާށެވެ. ﷲ ތަޢާލާގެ ވަޙީ ބަސްފުޅުގައިވަނީ އަޅުންނަށް ނަމަވެސް ޒިނޭކުރަން މަޖުބޫރު ނުކުރުމަށެވެ. އަދި "--އެކަނބަލުންނަށް، އެކަމަށް މަޖުބޫރުކުރާމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެކަނބަލުން މަޖުބޫރު ވެވުމަށްފަހު، اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމް ވަންތަ ރަސްކަލާނގެއެވެ." (އަންނޫރު: 33)  

މިޒަމާނުގައި އަޅުންގެ ނަމުގައި ބައަކު ނެތެވެ. ނަމަވެސް އެކަނބަލުންގެ ނިކަމެތިކަން ބޮޑުކަމުން އަޅުންފަދައިން ގޭގޭގައި ނޯކިރީކޮށް ބުރަ މަސައްކަތްކުރާ އަންހެނުންނާއި ވަޒީފާއަދާކުރާ އަނެހނުން ބައިވަރެވެ. އެއިގެ ތެރޭގައި ޒުވާން ނުލާހިކު ރީތި އަންހެންކުދިންވެސް ބައިވަރެވެ. އެފަދަ ނިކަމެތި ކުދިންނަށް މަޖުބޫރުކުރުވައިގެން ޒިނޭކުރާ ޞާޙިބުން މަދުކަމަށް ބުނެވޭކަށް ނެތެވެ.

މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭ ކަމެކެވެ. ފުރަތަމަ ކަމަކީ ޒިނޭކުރުމަކީ އެންމެ ބޮޑެތި ފާފަތަކުގެ ތެރޭގައި ހިމެނޭ ބޮޑުފާފައެކެވެ. ދެވަނަކަމަކީ މަޖުބޫރުކުރުވައިގެން އެކަންކުރުމުން އޭނާއަށް ޙައްޤުވާ ފާފަ މަޖުބޫރުކުރިވި މީހާގެ ބޮލުގައި އަޅަންޖެހިދާނެ ކަމެވެ. އަޅަން ނުޖެހޭނެ ކަމަށް ބުނެވޭނެ ހަމަ އެއްވެސް ގޮތެއް ފެންނާކަށް ނެތެވެ.  

ތިބާއަށް ލިބިފައިވާ ތަނަވަސްކަމަކީ ތިބާގެ މޮޅުކަމުން ލިބިފައިވާ ތަނަވަސްކަމެއް ނޫނެވެ. ﷲ ތަޢާލާ ދެއްވެވުމުން ލިބިފައިވާ ތަނަވަސްކަމެކެވެ. ވީއިރު ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުގެ ބޭނުންކޮށްގެން ބޮޑެތި ފާފަތައް ކުރުންވެގެންދާނީ ކިހައިބޮޑު ފާފައަކަށް ހެއްޔެވެ؟ 

ހަށިވިއްކާ އަންހެނުންނަކީ ކަސްބީންނެވެ. އެފަދަ އަންހެނުންނަށް ފައިސާ ޚަރަދުކޮށްގެން، އަގުބޮޑު ހަދިޔާދީގެން ޒިނޭކުރާ މީހުންވެސް ދަންނާށެވެ! ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަމުގެ ބޭނުންކޮށްގެން ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ކުރާނަމަ އެކަމުގެ ފާފަ އެތައް ގުނައަކަށް ބޮޑުވެގެންދާނެއެވެ. އެފަދަ ކަންކަން ކުރާ ގިނަ މީހުންނަށް އެކަން ވިސްނެނެނީ އެމީހަކަށް ﷲ ތަޢާލާ ދެއްވެވި ތަނަވަސްކަން ގެއްލި ނިކަމެތިވުމުންނެވެ.  

އާޚިރަތް ދުވަހު ތިބާގެ އެއްވެސް ބާރެއް ނެތި ﷲ ތަޢާލާގެ ޙަޟްރަތުގައި ނިކަމެތިކަމާއިއެކު ހުއްޓިހުރެ ޖަވާބުދާރީވާން ޖެހޭނެ ވަގުތައް ވިސްނައިލާށެވެ! ހިތުގައި އެވަގުތާއިމެދު ބިރުވެތިކަން އުފައްދަން މަސައްކަތްކުރާށެވެ! ދެއްވެވި ނިޢުމަތަށް ޝުކުރުވެރިނުވާނަމަ އަނބުރައި ގެންދެވުން އަވަސްވާނެއެވެ. ޝުކުރުވެރިވާނަމަ ނިޢުމަތް އިތުރުކުރައްވަވާނެއެވެ. އިން ޝާ ﷲ  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން