އެއްބައަކު ކައިވެނި ރޫޅައިލަނީ މާބޮޑު އުފާވެރިކަމެއް ލިބޭނެ ކަމަށް ވިސްނައިގެންނެވެ. ނަމަވެސް ގިނަފަހަރު ކުރަންޖެހެނީ ހިތިތަޖުރިބާއެވެ. އެކަން އެގޮތަށްވުމަށް މެދުވެރިވާ ސަބަބުތައް ބައިވަރެވެ. އެންމެ ޢާންމު ކަމަކަށް ބަލައިލަމާ ހިނގާށެވެ. ޢިއްދަ ކަނޑައެޅުއްވެވީ ވަރިކުރުން ހުއްދަކުރެއްވެވި ކަލާނގެ (ﷲ ތަޢާލާ) އެވެ. އެމުއްދަތުގައި ޚަރަދުކޮށް ބަލަހައްޓަން އެންގެވީވެސް ހަމަ އެއިލާހްއެވެ. އަދި ދެމީހުން ޞުލްޙަވުމުގެ ހެޔޮކަން މާބޮޑުކަން އެންގެވީވެސް ހަމަ އެކަލާނގެއެވެ.
އެކަމަކު ގިނަ ބައަކަށް މިފެންނަނީ ހަމައެކަނި ވަރިކުރުން ހުއްދަކުރެއްވެވި ތަންކޮޅެވެ. ވަރިކުރުމަށްފަހު ދެން ކުރަން ދެން އަންގަވާފައިހުރި ކަންކަމުގެ ވާހަކަތަކެއް ނުފެނެއެވެ. އެހެންވެ ވަރިކޮށްލުމާއިއެކު ބުރަކަށީގައި އަތްއަޅައި ކޮއްޕަމުން ނެރެ ގެއިން ބޭރުކޮށްލަނީއެވެ. އެންމެ ކުޑަމިނުން ބޯހިޔާވަހިކަމެއް، ކައިބޮއި ހެދޭނެ ފަދަ ގޮތެއް އޮތްތޯވެސް ބަލައިލަނީ ވަރަށް މަދުމީހެކެވެ.
ދެމީހުންނަށް ކައިވެނިކޮށްގެން އެކުގައި އުޅެވޭނެ ގޮތެއް ނެތިގެން ވަރިކުރި ނަމަވެސް އަދި މާލޯބިވާ މީހަކު ފެނިގެން ވަރިކުރިނަމަވެސް ވަރިކުރާއިރު އޯގާތެރިކަން އިސްކުރާށެވެ! ޢިއްދައިގެ ޚަރަދުވެސް ދޭށެވެ. ބޯހިޔާވަހިކަމެއް ޔަޤީންނުކޮށް ނެރެ އެއްލައިނުލާށެވެ! ވަރިކުރި ނަމަވެސް އޭނާ އެއިނީ ތިބާގެ ޢިއްދައިގައެވެ. ޢިއްދައިގަ އިންދާ މަގުމައްޗެއް ނުކުރެވޭނެއެވެ!
ހަމައެއާއިއެކު އެކަކު
އަނެކަކަށް ރުޅިވެރިކަމާއި ހަސަދަވެރިކަން ނުބާއްވާށެވެ! ވަރިކުރުމަށްފަހު ޙަޔާތުގެ ދެން އޮތްބައިވެސް ކާމިޔާބު ކުރެވޭނީ ﷲ ތައާލާ ރުހިވޮޑިގަންނަވާ ގޮތުގައި އަމަލުކުރުމުންނެވެ.
ވިސްނައިލާށެވެ! ތިބާ ދެވަނައަށް ތިއަފަށާ ތިބާ މާބޮޑަށް ލޯބިވާ މީހާއާއިއެކު ދިރިއުޅެވޭނީވެސް، އަދި ދިރިއުޅުން އުފާވެރިވުން އޮތީވެސް ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ވީމާ ކުރީގެ އަނބިމީހާގެ ނުވަތަ ފިރިމީހާއަށް ދެރަގޮތް ހަދާފައި ﷲ ތަޢާލާގެ ރަޙްމަތަށް އެދެވޭނީވެސް ކިހިނަކުން ހެއްޔެވެ؟
--މުފްތީ މެންކުގެ ދަރުސަކުން