ކައްވަޅުގައި ކުރެވޭ 3 ސުވާލަކީ އެންމެ ވަރުގަދަ
އމްތިޙާނެވެ. އެއްވެސް މީހަކާއިމެދު ޤިޔާމަތް ދުވަހު ކަންކަން މެދުވެރިވާނެ ގޮތެއް ނުއެނގޭނެއެވެ. ﷲ ތަޢާލާ ފާފަތައް ފުއްސަވައި ދެއްވަވާނެ މީހުންނެއްވެސް ނުއެނގޭނެއެވެ. ނަމަވެސް ކައްވަޅުގައާއި ޤިޔާމަތް ދުވަހު ކަންކަން ހިނގާނެ ގޮތް ޤުރްއާނާއި ޙަދީޘްފުޅުތަކުން އެނގެން އެބައޮތެވެ.
އެގޮތުން ބަލާއިރު ކައްވަޅުގައި ކަންކަން ފަސޭހަވެއްޖެ މީހަކަށް ޤިޔާމަތް ދުވަހު ކަންކަން ފަށޭޙަވެގެންދާނެކަން ޙަދީޘްފުޅުން އެނގެން އެބައޮޔެވެ. އަދި މަލާއިކަތުން ކުރައްވަވާ 3 ސުވާލަށް ޖަވާބުނުދެވުމުން ކުރިމަތިވާނެ ބިރުވެރިކަމާ ގަދަފަދަ ޢަޛާބުގެ ވާހަކަތައްވެސް އެނގެން އެނގެން އެބައޮތެވެ.
ކިތަންމެ ބޮޑަށް ދީން އުނގެނިގެން ތިބިނަމަވެސް ކައްވަޅުގައި މަލާއިކަތުން ކުރައްވާ 3 ސުވާލަށް ޖަވާބު ނުދެވޭނެ ބައަކު ތިބޭނެއެވެ. އަދި ދުވާލަކު އެތައް ފަހަރަކު ތަކުރާރުކޮށް ޝަހާދަތުގެ ދެކަލިމަ ކިޔައި އުޅުނު ނަމަވެސްމެއެވެ. ތަސްބީޙްއެއްފަދައިން އެހައި ގިނައިން ކިޔައި އުޅުނު ނަމަވެސްމެއެވެ.
އެއްވެސް ޝައްކެއް ނެތެވެ. ޝަހާދަތުގައި އަހުރެމެން ހެކިވަނީ ﷲ ތަޢާލާގެ އެއްކައުވަންތަކަމަށާއި އެކަލާނގެ ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާ ކަމަށެވެ. އަދި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައީ ﷲ ގެ ރަސޫލާ ކަމަށެވެ. އަދި އަހުރެމެންވެސް މިތިބީ އިތުރު ޞާޙިބާގެ ރަސޫލްކަން ޤަބޫލުކޮށްގެން ކަމަށެވެ.
ސުވާލަކީ ދީން އުނގެނި އަދި ޝަހާދަތްކިޔައި އުޅުނަސް ކައްވަޅުގައި ކުރެވޭ ސުވާލުތަކަށް ޖަވާބު ނުދެވެނީ ކީއްވެގެން ހެއްޔެވެ؟ ސަބަބު ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. އެއީ ދުނިޔޭގައި ހުރިއިރު ޢަމަލުނުކުރީތީއެވެ. ދުނިޔޭގައި ޢަމަލުނުކުރާ މީހަކަށް ކައްވަޅުގެ ސުވާލުތަކަށް (3 ސުވާލަށް) ޖަވާބެއް ނުދެވޭނެއެވެ.
މީސްތަކުންނޭވެ! ކައްވަޅުގައި ކުރެވޭ 3 ސުވާލަށް ޖަވާބުދެވޭނެ މީހެއްގެ ގޮތުގައި ނޫނީ މަރުނުވާށެވެ! އެފަދަ މީހަކު ކަމުގައި ވެވިއްޖެނަމަ ކައްވަޅުވެގެންދާނީ ސުވަރުގޭގެ ބަގީޗާއަކަށެވެ. އަދި އެމީހާގެ މަރު ހިއްޕަވަން ފައިބައިވަދައިގަންނަވާ މަލާއިކަތުންގެ ޢަދަދު ގިނަކަމުން މުޅި އުދަރެހާއި ހަމައަށް ފުރިގެންދާނެއެވެ. އެބޭކަލުން ތިއްބަވާނީ ސާފު ހުދު ފޭރާމުގައެވެ. މަރުވާ މީހާއަށް އެތަން ފެނިގެންދާނެއެވެ.
--މުފްތީ މެންކުގެ ދަރުސަކުން