ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހު ތިން މަތިވެރި ފަޟްލު: ޝައިޚް އަބްދުއްސަލާމް އައްޝުވައިޢިރް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 37ސ
ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަހު ތިން މަތިވެރި ފަޟްލު: ޝައިޚް އަބްދުއްސަލާމް އައްޝުވައިޢިރް

ޢާއިޝަތު ރަފާޙް ޢަލީ

 

އަޅުގަނޑުމެން ހޭދަކުރަމުން މިދަނީ ވަގުތުގެ ގޮތުން ބަލާއިރު ބަރަކާތާއި ފަޟީލަތްތަކުން ފުރިގެންވާ ދުވަސްތަކެކެވެ. 

1.  ޙުރުމަތްތެރި ކުރެއްވިގެންވާ މަސްތަކުގެ ތެރޭގައި ހިމެނުން: 

ފުރަތަމަ ފަޟްލަކީ ނުވަތަ މާތްކަމަކީ އަޅުގަނޑުމެން މި ހޭދަކުރާ ދުވަސްތަކަކީ ޙުރުމަތްތެރި ކުރެއްވިގެންވާ މަސްތަކުގެ ތެރެއިންވާ ދުވަސްތަކެއް ކަމުގައިވުމެވެ.

މާތްﷲ އަހަރެއްގެ ތެރޭގައި ބާރަ މަސް ލެއްވިއެވެ. އަދި އޭގެ ތެރެއިން ހަތަރު މަހެއް ޙުރުމަތްތެރި ކުރެއްވިއެވެ. އޭގެ ތެރެއިން ތިން މަސް އަންނަނީ ވިދިވިދިގެންނެވެ. އެއީ ޛުލްޤަޢިދާ، ޛުލްޙިއްޖާ އަދި މުޙައްރަމް މަހެވެ. އަދި ވަކިން އަންނަ މަހަކީ ރަޖަބު މަހެވެ. 

އޭ ލާބަހުރި އަޚުންނޭވެ! މިއީ މަތިވެރި މަސްތަކެކެވެ. ޙުރުމަތްތެރި ކުރެއްވިގެންވާ މަސްތަކެވެ. ފަހެ، އެ މަސްތަކުގައި ތިޔަބައިމީހުންގެ ނަފްސުތަކަށް އަނިޔާވެރިނުވާށެވެ."  

އިމާމް ބައިހަޤީ އެކަލޭގެފާނުގެ ފޮތުގައި އިބްނު ޢައްބާސް (ރަޟިޔަﷲ ޢަންހު) ގެ ކިބައިން ރިވާކުރައްވާފައިވެއެވެ: "މުޅި އަހަރުގެ ތެރޭގައިވެސް ތިޔަބައިމީހުންގެ ނަފްސުތަކަށް އަނިޔާވެރިނުވާށެވެ. އަދި ޚާއްޞަކޮށް މި ދުވަސްތަކުގައި އަނިޔާވެރިނުވާށެވެ." އެހެންކަމުން މިއީ ޙުރުމަތްތެރި ހަތަރު މަހެވެ. ގިނަ ޢިލްމުވެރިން ކަނޑައަޅުއްވާފައިވާ ގޮތުގައި، އަދި އިބްނު ޢައްބާސްގެ ބަސްފުޅުން އެނގޭ ގޮތުގައި މި މަސްތަކުގައި ކުރެވޭ ފާފަތަކުގެ ނުބައިކަން ބޮޑުވެގެންވެއެވެ.

މިއީ އުޑުތަކާއި ބިން ހެއްދެވުމުގެ ކުރިންވެސް ޙުރުމަތްތެރި ކުރައްވާފައިވާ މަސްތަކެކެވެ. ކޮންމެ ޝަރީޢަތެއްގައިމެ، އަދި ކޮންމެ ނަބީބޭކަލެއްގެ އަރިހުގައިވެސް މި ދުވަސްތަކަކީ ޙުރުމަތްތެރި ދުވަސްތަކެކެވެ. މިއީ ފުރަތަމަ ފަޟީލަތެވެ. 

2.   ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމުގައިވުން: 

ދެވަނަ ކަމަކީ، އަޅުގަނޑުމެން މިހާރު މި ހޭދަކުރަމުންދާ (ނުވަތަ ނިމެމުންދާ) ދުވަސްތަކަކީ ޛުލްޙިއްޖާ މަހުގެ ފުރަތަމަ ދިހަ ދުވަސް ކަމުގައިވުމެވެ. ކީރިތި ރަސޫލާ ﷺ ބަޔާންކޮށްދެއްވާފައިވާ ގޮތުގައި މި ދިހަ ދުވަހު ކުރެވޭ ހެޔޮ ޢަމަލުތަކުގެ ދަރުމަ އިތުރުވެގެންވެއެވެ. އަދި މި ދުވަސްތަކުގައި ކުރެވޭ ޢަމަލުތައް މާތްﷲ ގެ ޙަޟްރަތުގައި އެހެން އެއްވެސް ދުވަހަކަށްވުރެ ލޮބުވެތިކަން ބޮޑެވެ. 

ރަސޫލާ ﷺ ޙަދީޘްކުރެއްވެވިއެވެ:

"މި ދިހަ ދުވަހަށްވުރެ، އެ ދުވަސްތަކެއްގައި ކުރެވޭ ހެޔޮ ޢަމަލު މާތްﷲ ގެ ޙަޟްރަތުގައި ލޮބުވެތިކަން ބޮޑުވެގެންވާ އެހެން އެއްވެސް ދުވަސްތަކެއް ނުވެއެވެ." ޞަޙާބީން ދެންނެވިއެވެ: "މާތްﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސް ތޯއެވެ؟" ޙަދީޘްކުރެއްވިއެވެ: "މާތްﷲ ގެ މަގުގައި ޖިހާދުކުރުމަށްވުރެ ވެސްމެއެވެ. އެއީ އޭނާގެ މުދަލާއި ނަފްސާއެކު (ޖިހާދަށް) ނުކުމެ، އެއިން އެއްވެސް އެއްޗަކައިގެން އެނބުރި ނައި މީހަކު މެނުވީއެވެ." 

އެހެންކަމުން މިއީ ހެޔޮ ޢަމަލުކުރުމުގެ ދުވަސްތަކެވެ. (މި ބަޔާން ދެއްވިއިރު) މިއީ މި ދިހަ ދުވަހުގެ ތެރެއިން އަށްވަނަ ދުވަހެވެ. މިއީ މަތިވެރި ޢަމަލުތަކުގެ ދުވަސްތަކެވެ. މުއުމިނަކަށް މި ދުވަސްތަކުގެ ދަރަޖަ އެނގި، މާތްﷲ ދެއްވާ ސަވާބު އެނގިއްޖެނަމަ، ތައުފީޤާއި، ތެދުމަގާއި، ހެޔޮ ޢަމަލު ކުރުމުގައި އޭނާ ކާމިޔާބު ހޯދާނެއެވެ. 

3.  އަހަރުގެ އެންމެ މަތިވެރި ދެ ދުވަސް މި ދުވަސްތަކުގައި ހިމެނުން: 

ތިންވަނަ ފަޟީލަތަކީ، އަޅުގަނޑުމެން މި އިންތިޒާރުކުރަނީ ދެ ދުވަހަކަށެވެ. މި ދެ ދުވަހަކީ މުޅި އަހަރުގެ ތެރޭގައިވެސް އަންނާނެ އެންމެ މަތިވެރި ދެ ދުވަހެވެ. މިއީ ވަކި ބަޔަކު (ޒައިދަކު ނުވަތަ ޢަމްރަކު) ދެއްކި ވާހަކައެއް ނޫނެވެ. މިއީ މުޙައްމަދު ﷺ ޙަދީޘްފުޅުކުރެއްވެވި  ބަސްފުޅެވެ. 

އިމާމް އަޙްމަދުގެ މުސްނަދުގައި ރަސޫލާ ﷺ ގެ ކިބައިން ރިވާވެގެންވެއެވެ: އަހަރުގެ އެންމެ މަތިވެރި ދުވަސްތަކަކީ އިރުއަރާ ދުވަސްތަކެވެ (ނުވަތަ ނަޙްރުގެ ދުވަހެވެ). ރަސޫލާ ﷺ ބަޔާންކުރެއްވި ގޮތުގައި މި ދެ ދުވަހަކީ (ޛުލްޙިއްޖާ މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހަކީ) މުޅި އަހަރުގެ ތެރޭގައިވާ އެންމެ މަތިވެރި ދެ ދުވަހެވެ. އެއީ ރަމަޟާން މަސްވިޔަސް، ނުވަތަ އެހެން މަހެއްގެ ދުވަސްތަކެއް ވިޔަސް މި ދެ ދުވަހަށްވުރެ މަތިވެރިއެއް ނުވެއެވެ. އެއީ ޢަރަފާތް ދުވަހާއި، ކަތިލާ ދުވަހެވެ (ޢީދު ދުވަހެވެ). 

މިއީ މާތްﷲ އަޅުގަނޑުމެންނަށް ދެއްވި ބޮޑުވެގެންވާ ނިޢުމަތެކެވެ. އެކަލާނގެ އަޅުގަނޑުމެންނަށް ދިރިއުޅުން ދިގުކޮށްދެއްވައި، މުޅި އަހަރުގެ އެންމެ މަތިވެރި ދުވަސްތައް ބައްދަލުކުރުމުގެ ނަސީބު ދެއްވިއެވެ.

 

- ޝައިޚް އަބްދުއްސަލާމް އައްޝުވައިޢިރްގެ ދަރުސަކުން

 

 

މިއަދު އޮންލައިން