އެންމެ އެދޭ ކަމަކީ ނަބިއްޔާ މުޙައްމަދު ޞޢޥ ގެ ޙައުޟުން ބުއިން ކަމުގައިވާނަމަ މިދުނިޔޭގައި ތިބާ ޢަމަލުކުރަންވީ ގޮތް-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 26ސ
އެންމެ އެދޭ ކަމަކީ ނަބިއްޔާ މުޙައްމަދު ޞޢޥ ގެ ޙައުޟުން ބުއިން ކަމުގައިވާނަމަ މިދުނިޔޭގައި ތިބާ ޢަމަލުކުރަންވީ ގޮތް-

ތިބާގެ އެންމެ އެދޭ ކަމަކީ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ ޙައުޟުން ބުއިން ކަމުގައިވާނަމަ މިދުނިޔޭގައި ތިބާ ޢަމަލުކުރަންވީ ކިހިނެތް ހެއްޔެވެ؟ 

ޙައުޟަށް އީމާންވުމަކީ އާޚިރަތް ދުވަހަށް އީމާންވުމުގެ ތެރެއިންވާ ކަމެކެވެ. 

ޙައުޟަކީ ﷲ ތަޢާލާގެ ކަރާމާތްތެރިކަމުން އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ދެއްވާފައިވާ އެއްޗެކެވެ. އެކަލޭގެފާނުގެ އުންމަތުގެ މީހުން މަޙްޝަރުގެ ބިމުގައި އެއިން ބޯނެއެވެ. 

އެދުވަހުން ޙިސާބު ބެއްލެވުމުގެ މައިދާނުގައި މީސްތަކުންވާނީ އޭގެ ކުރިން ކަރުހިއްކައިގެންވާ ނުވާހާ ބޮޑަށް ކަރުހިއްކައިގެންފައެވެ. އަދި ﷲ ތަޢާލާ އެއިލާހުގެ ނަބިއްޔާ މުޙައްމަދު صلى الله عليه وسلم އަށް ޙައުޟު ދެއްވާނެއެވެ. އެއީ އެއިން އެކަލޭގެފާނުގެ އުންމަތުގެ މީހުން ފެން ބުއިމަށެވެ. އަދި އެކަލޭގެފާނު އެޙައުޟުގެ ކައިރި ހުންނަވާ އެކަލޭގެފާނުގެ އުންމަތަށް އެއިން ބުޔުމަށް ގޮވާލައްވާނެއެވެ. 

އެޙައުޟުގެ ބޮޑުމިނާއި ސިފައާއި އޭގެ ފެނާ ބެހޭގޮތުން ވަރަށް ގިނަ ޙަދީޘްތައް އައިސްފައިވެއެވެ. 

އަބޫ އުމާމާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ޙައުޟުގެ ބޮޑުމިނާ ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ގެ އަރިހުގައި ސުވާލު ދެންނެވުމުން ޙަދީޘްކުރެއްވިއެވެ.

«كَمَا بَيْنَ عَدَنَ إِلَى عُمَانَ وَأَوْسَعَ وَأَوْسَعَ» . يُشِيرُ بِيَدِهِ. قَالَ: «فِيهِ مَثْعَبَانِ مِنْ ذَهَبٍ وَفِضَّةٍ» . قَالَ: فَمَا حَوْضُكَ يَا نَبِيَّ اللَّهِ؟ قَالَ: «مَاءٌ أَشَدُّ بَيَاضًا مِنَ اللَّبَنِ، وَأَحْلَى مَذَاقَةً مِنَ الْعَسَلِ وَأَطْيَبُ رَائِحَةً مِنَ الْمِسْكِ، مَنْ شَرِبَ مِنْهُ لَمْ يَظْمَأْ بَعْدَهَا، وَلَمْ يَسْوَدَّ وَجْهُهُ أَبَدًا» [رواه أحمد في مسنده برقم 22156 وصححه الألباني في صحيح الترغيب والترهيب برقم 3614] 

މާނައީ: "އެއީ ޢަދަނާއި ޢުމާނާ ދެމެދުގައިވާ މިންވަރަށް ބޮޑު ތަނެކެވެ. އަދި އެއަށްވުރެވެސް ތަނަވަހެވެ. އަދި އެއަށްވުރެވެސް ތަނަވަހެވެ." އެކަލޭގެފާނުގެ އަތްޕުޅުން އިޝާރާތްކުރައްވަމުން ޙަދީޘްކުރެއްވިއެވެ. "އޭގައި ރަނާއި ރިހީގެ ދެ ދިޔަދޮވި ވާނެއެވެ." އަބޫ އުމާމާ ދެންނެވިއެވެ. އޭ ﷲ ގެ ނަބިއްޔާއެވެ. ކަލޭގެފާނުގެ ޙައުޟަކީ ކޮބާ ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "އޭގެ ފެން، ކިރަށް ވުރެ ހުދުވާނެއެވެ. އަދި އޭގެ ރަހަ، މާމުޔަށް ވުރެ މީރުވާނެއެވެ. އަދި ގޮމަކަސްތޫރިއަށް ވުރެ އޭގެ ވަސްމީރުވާނެއެވެ." 

ނަބިއްޔާ صلى الله عليه وسلم ގެ ޙައުޟުން ފެން ބޯން ލިބޭނީ އެކަލޭގެފާނުގެ ސުންނަތަށް ތަބާވެ، ބޮޑެތި ފާފަތަކުން ދުރުހެލިވެ ތިބޭ މީހުންނަށެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿إِنْ تَجْتَنِبُوا كَبَائِرَ مَا تُنْهَوْنَ عَنْهُ نُكَفِّرْ عَنْكُمْ سَيِّئَاتِكُمْ وَنُدْخِلْكُمْ مُدْخَلًا كَرِيمًا﴾ [النساء: 31]

މާނައީ: "ތިޔަބައިމީހުންނަށް އެކަންކަން ނަހީކުރައްވާފައިވާ ބޮޑެތި ފާފަތަކުން ތިޔަބައިމީހުން ދުރުހެލިވެ ތިބޭނަމަ، ތިޔަބައިމީހުންގެ ކުދިކުދި ފާފަތައް ތިޔަބައިމީހުންގެ ކިބައިން، ތިމަންއިލާހު ފުއްސަވާ ހުށީމެވެ. އަދި، މާތްވެގެންވާ ތަނަކަށް، (އެބަހީ: ސުވަރުގެއަށް) ތިމަންއިލާހު، ތިޔަބައިމީހުން ވައްދަވާހުށީމެވެ." 

އެކަލޭގެފާނުގެ ސުންނަތަށް ތަބާވުމާއެކު، އަލިވެގެންވާ ދަލީލުތަކާއެކު ﷲ ގެ މަގަށް ދަޢުވަތު ދިނުން ހުއްޓެވެ.  ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿قُلْ هَذِهِ سَبِيلِي أَدْعُو إِلَى اللَّهِ عَلَى بَصِيرَةٍ أَنَا وَمَنِ اتَّبَعَنِي وَسُبْحَانَ اللَّهِ وَمَا أَنَا مِنَ الْمُشْرِكِينَ﴾ [يوسف: 108]

މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ! މިއީ ތިމަންކަލޭގެފާނުގެ މަގެވެ. ތިމަންކަލޭގެފާނާއި، ތިމަންކަލޭގެފާނަށް ތަބާވި މީހުން، ﷲ ގެ ފަރާތަށް ގޮވައިލައްވަނީ، އަލިވެގެންވާ ދަލީލާއެކުގައެވެ. އަދި ﷲ ގެ ހުސްޠާހިރު ވަންތަކަމާއެވެ! އަދި ޝަރީކުކުރާ މީހުންގެ ތެރެއިން ތިމަންކަލޭގެފާނު ނުވަމެވެ." 

ނަބިއްޔާ صلى الله عليه وسلم ގެ ޙައުޟުން ފެން ބޯން ލިބުމުގެ ސަބަބުތަކުގެ ތެރޭގައި އެކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުން ގިނަކުރުން ހިމެނެއެވެ. 

ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. 

﴿إِنَّا أَعْطَيْنَاكَ الْكَوْثَرَ [1] فَصَلِّ لِرَبِّكَ وَانْحَرْ [2] إِنَّ شَانِئَكَ هُوَ الْأَبْتَرُ [3]﴾ [الكوثر: 1- 3]

މާނައީ: "ހަމަކަށަވަރުން ތިމަންއިލާހު ކަލޭގެފާނަށް الْكَوْثَر ދެއްވެވީމެވެ. (الْكَوْثَر އަކީ ސުވަރުގޭގެ އާރެކެވެ. އަދި ގިނަގުނަވެގެންވާ ހެޔޮކަންތަކަށްވެސް މާނަކުރެވެއެވެ.) [1] ފަހެ، ކަލޭގެފާނުގެ ވެރިރައްބަށް ނަމާދު ޤާއިމުކުރައްވާ އަދި ޤުރުބާން ކުރައްވާށެވެ! [2] ހަމަކަށަވަރުން ކަލޭގެފާނަށް ޢަދާވާތްތެރިވާމީހާ ދަންނައެވެ. ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާމީހަކީ އެއީއެވެ. [3]"

 

- الشيخ علي بن عبد الرحمن الحذيفي - حفظه الله -ގެ ޚުޠުބާއަކުން

 

 

މިއަދު އޮންލައިން