ޢާއިޝަތު ރަފާޙް ޢަލީ
އިބްރާހީމްގެފާނު ނަމްރޫދާ ދެއްކެވި ވާހަކަ ﷲ ތަޢާލާ ބަޤަރާ ސުރަތުގެ 258 ވަނަ އާޔަތުގައި ވަހީ ކުރައްވާފައިވެއެވެ.
أَلَمْ تَرَ إِلَى الَّذِي حَاجَّ إِبْرَاهِيمَ فِي رَبِّهِ أَنْ آتَاهُ اللَّهُ الْمُلْكَ إِذْ قَالَ إِبْرَاهِيمُ رَبِّيَ الَّذِي يُحْيِي وَيُمِيتُ قَالَ أَنَا أُحْيِي وَأُمِيتُ ۖ قَالَ إِبْرَاهِيمُ فَإِنَّ اللَّهَ يَأْتِي بِالشَّمْسِ مِنَ الْمَشْرِقِ فَأْتِ بِهَا مِنَ الْمَغْرِبِ فَبُهِتَ الَّذِي كَفَرَ ۗ وَاللَّهُ لَا يَهْدِي الْقَوْمَ الظَّالِمِينَ ﴿٢٥٨﴾
މާނައި: اللَّه، އޭނާއަށް ރަސްކަންދެއްވާފައިވާތީ، إبراهيم ގެފާނުގެ ވެރިރަސްކަލާނގެއާމެދު އެކަލޭގެފާނާ جدل ކުޅަ މީހާޔަށް ކަލޭގެފާނު ވިސްނައި ފިކުރު ނުކުރައްވަމުތޯއެވެ؟ (އެއީ) إبراهيم ގެފާނު ވިދާޅުވިހިނދެވެ. ދިރުއްވައި މަރުގަންނަވަނީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. އޭނާ ދެންނެވިއެވެ. އަހަރެންވެސް ދިރުވައި އަދި މަރަމެވެ. إبراهيم ގެފާނު ވިދާޅުވިއެވެ. ފަހެ، ހަމަކަށަވަރުން، اللَّه، އިރުމަތީފަރާތުން އިރު ގެންނަވައެވެ. ފަހެ، ކަލޭ، އެ އިރު ހުޅަނގުފަރާތުން ނިކަން ގެނެސް ބަލާށެވެ! ދެން، އެ كافر ވި ކަލޭގެ حيران ވެ ބަސްހުއްޓިއްޖެއެވެ. އަނިޔާވެރިވެގެންވާ قوم އަކަށް اللَّه ތެދުމަގެއް ނުދައްކަވައެވެ. (258)
މިއާޔަތަށް ވިސްނާށެވެ! އިބްރާހީމް ޢަލައިހިއްސަލާމް، ނަމްރޫދަށް ދީނަށް ގޮވާލެއްވިއެވެ. ނަމަވެސް އޭނާ ބުނީ ޚާލިޤުވަންތަ ރަސްކަލާނގެ އަކީ ތިމަންނައެވެ. ދެން އިބްރާހީމް ޢަލައިހިއްސަލާމް ރައްދު ދެއްވިއެވެ. ދިރުއްވާ މަރުގަންނަވަނީ ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެއެވެ. ދެން ނަމްރޫދު ބުންޏެވެ. އަހަރެންވެސް ދިރުވައި އަދި މަރަމެވެ.
އޭނާއަށް ޙައިރާންކަން ލިބި ސިހި ބަސްހުޓެން ޖެހުނެވެ. އެއީ އިބްރާހީމްގެފާނު ކަލެއަކީ ކަލަކުނަމަ އިރު ހުޅަނގުފަރާތުން އެރުވުމަށް ވިދާޅުވުމުންނެވެ. ކޮންމެ ކަމެއް ކުރުމުގެ ބާރު ސައިންސްވެރިންނަށާއި ޓެކްނޮލޮޖީއަށް ލިބިގެންވާކަމަށް ޤަބޫލުކުރާ މީހުން ދުނިޔޭގެ ހުރިހާ ސައިންސްވެރިން އެއްކުރުވައިގެންވެސް މިކަން ކުރުވޭތޯ ނުބަލަނީ ކީއްވެގެން ހެއްޔެވެ؟
ނަމްރޫދަކީ ވަރަށް ގިނަ މުއްދަތެއްގައި ރަސްކަން ކުރި ރަސްކަލެކެވެ. އެހެންކަމުން ވަރަށް ބޮޑާކަމާއި ކިބުރުވެރިކަން އޭނާގެ ކިބައިގައި ވަރަށް ބޮޑަށް އަށަގަތެވެ. އަދި އިބްރާހީމްގެފާނު ވަޑައިގެން އޭނާއަށް ރަނގަޚު މަގަށް ގޮވާލެއްވުމުންވެސް އޭނާ އެކަން ޤަބޫލުނުކުރިއެވެ. ﷲ ތަޢާލާ އިރާދަކުރައްވާފއިނަމަ ކިތަންމެ ބަލިކަށި އެއްޗަކަށްވެސް ކިތަންމެ ބޮޑު ކަމެއްވެސް ކުރެވިދާނެކަން އެނގިގެންދެއެވެ. ސަބަބަކީ ދުނިޔޭގެ ރަސްކަންކުރި ބާރުގަދަ ރަސްގެފާނު ނަމްރޫދާއި އޭނާގެ ދަގނޑު ދަހަނާއެޅި ލަޝްކަރު ބަލިކޮށްލީ ކުޑަކުޑަ މަދިރިއެއްކަން އަޅުގަނޑުމެންނަށް އެނގިގެން ދާތީއެވެ.