މަސައްކަތްކުރުމުން އެންމެންގެވެސް ތަޤްވާވެރިކަން އިތުރުވެގެންދަނީ ޝައިޠޯނާ ތެޅިތެޅި ހުއްޓަ! ޝައިޠޯނާ މާޔޫސްކުރުވައި ދުރަށް ފޮނުވައިލެވޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 24ސ
މަސައްކަތްކުރުމުން އެންމެންގެވެސް ތަޤްވާވެރިކަން އިތުރުވެގެންދަނީ ޝައިޠޯނާ ތެޅިތެޅި ހުއްޓަ! ޝައިޠޯނާ މާޔޫސްކުރުވައި ދުރަށް ފޮނުވައިލެވޭނެ!

އަހުރެންނަށްވެސް ޝައިޠޯނާ ވަސްވާސްދެއެވެ.

ނަމަވެސް ވަރަށް ކުޑަ ހިނދުކޮޅަކަށެވެ. ދެތިން ސިކުންތު ތެރޭގައި ފިލައިގެން ދެއެވެ. ޝައިޠޯނާގެ ވަސްވާސްތަކުން ސަލާމަތްވެ ހުރެވޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ.  

ވިސްނާށެވެ! މީސްތަކުން ތަޤްވާވެރިކަމުގައި ކުރިއަރައިދަނީ ޝައިޠޯނާ ވަސްވާސްދެމުން ދަނިކޮށެވެ. އެކަން ޙާޞިލްކުރެވެނީ ވަރަށް ބުރަ މަސައްކަތުންނެވެ. ތަޤްވާވެރިކަމުގައި ވަކި ހިސާބަކަށް ކުރިއަރައި ދިއުމުން އެމީހަކު ދޫކޮށްލައި ދުރަށް ދިއުމަށް ބޮޑު ޝައިޠޯނާ ކުޑަ ޝައިޠޯނުންތަކަށް އަންގާނެއެވެ. އެއީ ހޯދޭނެ އިތުރު ކުރިއެރުމެއް ނެތްކަން ޔަޤީންވުމުންނެވެ.  

އެގޮތަށް މީހަކު ދޫކޮށްލައި ދުރަށް ދިއަ ނަމަވެސް ތިބޭނީ ފާރައަށެވެ. ދުވަސްކޮޅެއް ފާއިތުވެ އޭނާގެ ތަޤްވާވެރިކަން ކުޑަވެލާއިރަށް އަނެއްކާވެސް ވަސްވާސްތައް ދޭންފަށާނެއެވެ. އެމީހަކު މަގުފުރައްދުވަން ކުރާ މަސައްކަތް އިތުރުކުރާނެއެވެ.  

މިއީ ވިސްނާލައިފި ކޮންމެ މީހަކަށްވެސް ވަރަށް ރަނގަޅަށް އެނގޭނެ ކަމެކެވެ. ނަމާދުނުކޮށް ޝައިޠޯނާ ދައްކާ މަގުތަކުން ކުރިއަށްދާނަމަ ޝައިޠޯނާގެ ވަސްވާސްތައް ލިބުން މަދުވާނެއެވެ. ނަމަވެސް ނަމާދުކުރަން ފަށައި ތަޤްވާވެރިކަން އިތުރުކުރަން މަސައްކަތްކުރާނަމަ ވަސްވާސްތައް ލިބުން ގިނަވާނެއެވެ. އެކަމުން އެނގެނީ ޝައިޠޯނާގެ މަގުގައި ކުރިއަށްދާއިރު އޭތިދޭ ސަމާލުކަން ކުޑަވާކަމާއި ﷲ ގެ މަގުގައި ކުރިއަށްދާނަމަ ބޮޑަށް ސަމާލުކަންދީ އެމީހަކު މަގުފުރައްދުވަން މަސައްކަތްކުރާނެ ކަމެވެ.  

މިކަމަށް އޮތް އެއް ޙައްލަކީ ވީހާގިނައިން އަޅުކަންކުރަން މަސައްކަތްކުރުމެވެ. ތަޤްވާވެރިންނާއިއެކު ގިނަ ވަޤުތު ހޭދަކުރުމެވެ. ދަރުސްތައް އަޑުއެހުން ގިނަކުރުމެވެ. ގިނަގިނައިން ދުޢާކުރުމެވެ. ގިނަގިނައިން ޢުމްރާވުމެވެ. ދީނުގެ ކަންކަމަށް ގިނަ ވަޤުތު ހޭދަކުރުމެވެ. އެކަންކަމުގައި ދެމިހުރެއްޖެ ނަމަ އެމީހަކަށް ﷲ ތަޢާލާ ޘާބިތުކަން ދެއްވަވާނެތެވެ! އިން ޝާ ﷲ

 

- ޝައިޚް ޢާޞިމް އަލްޙަކީމްގެ ދަރުސަކުން

މިއަދު އޮންލައިން