ޢާއިޝަތު ރަފާޙް ޢަލީ
ޢަބްދުﷲ ބިން މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "ޤުރުއާނުގެ އަހުލުވެރިޔާއަކީ، މީސްތަކުން ނިދާފައި ތިބޭ ވަގުތު އޭނާ ކުރާ ރޭއަޅުކަމުންނާއި، މީސްތަކުން ކައިބޮއެ އުޅޭ ވަގުތު އޭނާ ހިފާ ރޯދައިންނާއި، މީސްތަކުން ބޭކާރު ވާހަކަ ދައްކައި ފިތުނަވެރިކަމުގައި އުޅޭއިރު އޭނާގެ ކިބައިން ފެންނަ ހިމޭންކަމުން ވަކިވެ އެނގެންޖެހޭނެ މީހެކެވެ.
މީސްތަކުން ޙަލާލާއި ޙަރާމް މަސްހުނިވެފައިވާ ކަންކަމުގެ ތެރެއަށް ވަދެ، ޝައްކު އުފެދޭ ފައިސާއާއި މުދަލަށް ދަހިވެތިވާ ހިނދު، ޤުރުއާނުގެ އަހުލުވެރިޔާ އެކަންކަމުން ދުރުހެލިވެ ހުންނަ ހުރުމުން އޭނާގެ ތަފާތުކަން ފެންނަންޖެހެއެވެ.
އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވި ގޮތުގައި، މީސްތަކުން ކިބުރުވެރިވެ ބޮޑާވާ ހިނދު، ޤުރުއާނުގެ އަހުލުވެރިޔާގެ ކިބައިން ފެންނަންޖެހޭނީ މަޑުމޮޅިކަމާއި އަމާންކަމެވެ. ހިތުގައި ޤުރުއާން ބަރުދާސްތުކުރާ މީހެއްގެ އެންމެ މަތިވެރި ސިފައަކީ، މާތް ﷲ ގެ މަޚްލޫޤުންނަށް ހިތްތިރިކޮށް، ހިތް ތަވަޟުޢުވެރިކަމާއެކު ދިރިއުޅުން ބައްޓަންކުރުމެވެ.
- މިއަދުނޫސް