ގެފުޅުގެ ތާރީޚް 1: ގެފުޅަށް ކިޔާ ނަންތައް

ކިޔުމަށް ހޭދަވާނީ 7މ 10ސ
ގެފުޅުގެ ތާރީޚް 1: ގެފުޅަށް ކިޔާ ނަންތައް

ޢަލީ އިޙްޞާން ފިރާޤް

އަރަހުށި މާތްﷲ އެއްބައި ދުވަސްތައް އަނެއްބައި ދުވަސްތަކުގެ މައްޗަށް މާތް ކުރެއްވިއެވެ. އެއްބައި މަސްތައް އަނެއްބައި މަސްތަކުގެ މައްޗަށް މާތް ކުރެއްވިއެވެ. އެއްބައިމީހުން އަނެއް ބައިމީހުންގެ މައްޗަށް މާތް ކުރެއްވިއެވެ. އެއްބައި ޢާއިލާ އަނެއްބައި ޢާއިލާގެ މައްޗަށް މާތް ކުރެއްވިއެވެ. އެއްބައި ރަށްތައް އަނެއްބައި ރަށްތަކުގެ މައްޗަށް މާތް ކުރެއްވިއެވެ. ޝައްކެއްނެތް ގޮތުގައި ރަށްތަކުގެ ތެރެއިން އެންމެ މާތް އެއްރަށަކީ މައްކާއެވެ. އެ ރަށް ގަންދެއްވައި އަރަހުށި މާތްﷲ ވަނީ ހުވާގެ ބަސްފުޅު ވަޙީ ކުރައްވައިފައެވެ. ޤުރްއާނުގައި މައްކާއަށް ދެއްވައިފައިވަނީ ބަލަދުލް އަމީންގެ ނަންފުޅެވެ. ތީން ސޫރަތުގެ ތިންވަނަ އާޔަތުގައި މާތްﷲ ވަޙީ ކުރައްވައިފައިވެއެވެ. 

وَهَٰذَا الْبَلَدِ الْأَمِينِ ‎﴿٣﴾‏

މާނައީ: [އަދި އަމާންކަން  ލިބިގެންވާ މި ރަށް (އެބަހީ: މައްކާ ) ގަންދެއްވަމެވެ].

މިދެންނެވި އަމާންކަން ލިބިގެންވާ ރަށުގައި ހުރި އެންމެ މާތް ތަނަކީ، މަސްޖިދުލް ޙަރާމްއެވެ. ކަޢުބަތުﷲ އެވެ. ދިވެހިބަހުން ދަންނަވަނީނަމަ ގެފުޅެވެ. ގެފުޅަށް ތަފާތު ނަންތަކެއް ކިޔާކަން ޤުރްއާނުގެ ނައްޞުން ސާބިތުވެއެވެ. ޑރ މުޙައްމަދު އިލްޔާސް ޢަބްދުލް ޣަނީ އޭނާގެ ފޮތް [ތާރީޚް މައްކަތުލް މުކައްރަމާ] ގައި ގެފުޅަށް ކިޔާ ފަސް ނަމެއް ދަލީލުތަކާއެކުގައި ގެންނަވައިފައިވެއެވެ. ތިރީގައި މިދަންނަވަނީ އެނަންތަކުގެ ތަފްސީލެވެ.

ގެފުޅުގެ ނަންތައް

ފުރަތަމަ ނަމަކީ އަލްކަޢުބާއެވެ. މާއިދާ ސޫރަތުގެ 97 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.

جَعَلَ اللَّهُ الْكَعْبَةَ الْبَيْتَ الْحَرَامَ قِيَامًا لِّلنَّاسِ وَالشَّهْرَ الْحَرَامَ وَالْهَدْيَ وَالْقَلَائِدَ ۚ ذَٰلِكَ لِتَعْلَمُوا أَنَّ اللَّهَ يَعْلَمُ مَا فِي السَّمَاوَاتِ وَمَا فِي الْأَرْضِ وَأَنَّ اللَّهَ بِكُلِّ شَيْءٍ عَلِيمٌ ‎﴿٩٧﴾

މާނައީ: ޙުރްމަތްތެރިވެގެންވާ ކަޢުބަތު اللَّه ގެފުޅާއި، ޙުރްމަތްތެރި މައްސަރުތަކާއި، ޙަރަމްފުޅަށް ހަދިޔާކުރުމުގެ ގޮތުން ކަތިލާ ތަކެއްޗާއި، ޙަރަމްފުޅަށްޓަކައި ފާހަގަކޮށް ގިލަފަތި އަޅުވާފައިވާ ތަކެތި، اللَّه ލައްވާފައިވަނީ މީސްތަކުންގެ ދިރިއުޅުން އަމާންކޮށް ޤާއިމު ކުރާ ތަކެތި ކަމުގައެވެ. އެއީ ހަމަކަށަވަރުން، އުޑުތަކުގައިވާހާ ކަމަކާއި، ބިމުގައި ވާހާކަމެއް اللَّه ދެނެވޮޑިގެންވާކަމާއި، ހަމަކަށަވަރުން، اللَّه އީ، ކޮންމެކަމެއް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެކަން ތިޔަބައިމީހުން ދެނެގަތުމަށްޓަކައެވެ.

ޑރ މުޙައްމަދު އިލްޔާސް ޢަބްދުލް ޣަނީ ލިޔުއްވައެވެ. ހަތަރެސްކަން ބައްޓަމަށާއި ސާބިތުވެ އުސްކޮށް ކޮޅަށް ހުންނަތަންތަނަށާއި އެއްޗެއްސަށް ކަޢުބާ މި ލަފްޒު ބޭނުން ކުރެއެވެ. މިހުރިހާ މާނަތަކެއްވެސް ގެފުޅަށް އެކަށީގެންވެއެވެ.

ދެވަނަ ނަމަކީ ބައިތުލް ޙަރާމްވެއެވެ. އެނަން މާއިދާ ސޫރަތުގެ 97 ވަނަ އާޔަތުގައި އެވަނީ ބޭނުން ކުރެވިފައެވެ. ދިވެހި ބަހުން [ބައިތުލް ޙަރާމް] ގެ މާނައަކީ ޙުރްމަތެރިވެގެންވާ ގެފުޅެވެ.

ތިންވަނަ ނަމަކީ ބައިތުއް الله އެވެ. ބަޤަރާ ސޫރަތުގެ 125 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.

وَعَهِدْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ أَن طَهِّرَا بَيْتِيَ لِلطَّائِفِينَ وَالْعَاكِفِينَ وَالرُّكَّعِ السُّجُودِ ‎﴿١٢٥﴾‏

މާނައީ: [އަދި އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނަށް ތިމަންރަސްކަލާނގެ އެންގެވީމެވެ. ޠަވާފު ކުރާ މީހުންނާއި އަޅުކަންކުރުމަށްތިބޭ މީހުންނާއި ރުކޫޢު ސުޖޫދު ކުރާ މީހުންނަށްޓަކައި ތިޔަ ދެބަފައިކަލުން ތިމަންރަސްކަލާނގެ ގެފުޅު ޠާހިރު ކުރައްވާށެވެ!]

މިދެންނެވި އާޔަތުގައި ބައިތުއްالله މި ލަފްޒު ކަނޑައެޅިގެން އައިސްފައި ނެތަސް طَهِّرَا بَيْتِيَ  [ތިމަންރަސްކަލާނގެ ގެފުޅު ޠާހިރު ކުރައްވާށެވެ.] މިހެން އޮތުމުން ގެފުޅު ނިސްބަތްކުރައްވައިފައި އެވަނީ الله އަށެވެ. އެހެންކަމުން ބައިތުއްالله އޭ ކިޔުނީއެވެ. ޤުރްތުބީ ލިޔުއްވައިފައިވާ ގޮތުގައި الله އަށް ގެފުޅުން ނިސްބަތްކުރައްވައިފައިވުމުން ގެފުޅުގެ މާތްކަމާއި މަތިވެރިކަން ހާމަވެއެވެ.

ހަތަރުވަނަ ނަމަކީ ބައިތުލް ޢަތީޤު އެވެ. ޙައްޖު ސޫރަތުގެ 29 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.

ثُمَّ لْيَقْضُوا تَفَثَهُمْ وَلْيُوفُوا نُذُورَهُمْ وَلْيَطَّوَّفُوا بِالْبَيْتِ الْعَتِيقِ ‎﴿٢٩﴾‏ 

މާނައީ: [ދެން އެއުރެންގައިވާ ކުނި މިލަތައް، އެއުރެން ފިލުވާހުށިކަމެވެ! އަދި އެއުރެންގެ ނަދުރުތައް ފުއްދާހުށިކަމެވެ! އަދި ޒަމާންވީ ގެފުޅުގައި އެއުރެން ޠަވާފު ކުރާހުށިކަމެވެ!]

ބައިތުލް ޢަތީޤު ގެ ތަފާތު މާނަތައް ބަޔާންކޮށްފައި ހުރެއެވެ. ގެފުޅަށް އެ ނަމުން ނަންކިޔުނީ އެންމެ ފުރަތަމަ ބިނާކުރެވުނު ގެކޮޅުކަމުގައިވުމާއި، ޠޫފާންފަދަ ފެންބޮޑުވުންފަދަ ކަންތައްތަކުން ސަލާމަތްވެގެންވުމާއި، އެއްވެސް ޖައްބާރަކަށް ގެފުޅަށް ބާރު ނުފޯރުވޭތީ އާއި އެއްވެސް މަޚްލޫޤަކަށް ގެފުޅު ނިސްބަތް ނުވާތީ އާއި ގެފުޅަށް ޙަމަލަދޭން އަންނަ ކޮންމެ މީހެއްގެ ފަރާތުން އެގެފުޅު ސަލާމަތް ކުރެއްވުމާއި، އެމީހެއްގެ ހިތް ގެފުޅާ ގުޅިފާވާ މީހާ ޖަހަންނަމައިން ސަލާމަތްކުރެއްވުން ފަދަ ކަންކަމުގެ ސަބަބުންނެވެ.

ފަސްވަނަ ނަމަކީ ޤިބްލައެވެ. ޤުރްއާނުގައި ގެފުޅު ސިފަ ކުރައްވައިފައިވަނީ ޤިބްލަގެ ގޮތުގައެވެ. ބަޤަރާ ސޫރަތުގެ 144 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވެއެވެ.

فَلَنُوَلِّيَنَّكَ قِبْلَةً تَرْضَاهَا ۚ

މާނައީ: [ފަހެ، ކަލޭގެފާނު ރުހިވޮޑިގަންނަވާނޭ ޤިބްލައަކަށް ހަމަކަށަވަރުން، ތިމަންރަސްކަލާނގެ ކަލޭގެފާނު ކުރިމަތިކުރައްވާ ހުށީމެވެ.] (މުޙައްމަދު އިލްޔާސް، 2004، ޞޞ 52-51)

(ނުނިމޭ)

މިއަދު އޮންލައިން