ދުޢާކުރުމުގަ ކޮންމެހެންވެސް ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-: ޝައިޚް ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 30ސ
ދުޢާކުރުމުގަ ކޮންމެހެންވެސް
ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-: ޝައިޚް ޢުމަރު ސުލައިމާން


ޢާއިޝަތު ރަފާޙް ޢަލީ 

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން މުޢުޖިޒާތަކަށް އެދި ދެންނެވުމަކީ އެންމެ އެކަށީގެންވާ ކަމެއް ބާވައެވެ؟ އަޅުގަނޑުމެން ދުޢާކުރުމާ ބެހޭގޮތުން ވާހަކަދައްކާއިރު، ބައެއް ފަހަރު ހިތަށް އަރާފާނެއެވެ؛ ދުޢާކުރުން ހުއްޓާލަންވީ ކޮން ހިސާބަކުން ބާވައެވެ؟ ނުވަތަ ކަންކަމަށް އެދި ދެންނެވުމުގައި ވަކި އިންތަކެއް ނުވަތަ ނުވާނެ ކަންތައްތަކެއް ހުރޭ ބާވައެވެ؟ އަދި އިޖާބަވުން ގާތްވާނެ ފަދަ ގޮތަކަށް ދުޢާ ބައްޓަންކުރާނީ ކިހިނެއް ބާވައެވެ؟ 

މި ސުވާލުތަކުގެ ޖަވާބު ހޯދުމަށްޓަކައި، ރަސޫލުﷲ ﷺ ގެ ސުންނަތުން ފެންނަން އޮތް މުހިންމު ފިލާވަޅަކަށް ބަލާލަމާ ހިނގާށެވެ. އެއީ ކަމަކަށް އެދި ﷲ އަށް ދެންނެވުމަށްފަހު، އެކަމަށް ނޭދުނު ނަމަ މާރަނގަޅުވީސް ކަމަށް ޚވިސްނޭ ޙާލަތެވެ. އެޙާލަތު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމައަށްވެސް ކުރިމަތިވެވަޑައިގަތެވެ. ނަމަވެސް އެ ވާހަކައަށް ދިއުމުގެ ކުރިން، ޞަޙާބީ ބޭކަލުން އިތުރު ކަންކަމަށް އެދި ދެންނެވުމާ ބެހޭގޮތުން ސުވާލު ކުރެއްވި ހިނދު، ރަސޫލާ ﷺ ދެއްވި ޖަވާބަށް ބަލާލަމާ ހިނގާށެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވީ: "ﷲ ގެ ޙަޟްރަތުން ގިނަގިނައިން އެދި ދަންނަވާށެވެ. އެކަލާނގެއީ އެއަށްވުރެ މާ ދީލަތިވަންތަ ރަސްކަލާނގެއެވެ." 

ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ކަންކަމަށް އެދި ދެންނެވުމުގައި އެއްވެސް އިންތިހާއެއް ނެތެވެ. އެކަލާނގެ ކުޅަދުންވަންތަކަމަކަށް ނުވަތަ ދެއްވުމުގެ އިރާދަފުޅަކަށް އެއްވެސް އުނިކަމެއް ނާދެއެވެ. އަދި ދުޢާކުރުމަށް ވަކި ޚާއްޞަ ވަގުތުތަކެއް ކަނޑައެޅި، އެއަށްފަހު ދުޢާކުރުން ހުއްޓާލާކަށް ﷲ އަމުރެއް ނުކުރައްވައެވެ. އެހެންކަމުން، އެއްވެސް ފަސްޖެހުމެއްނެތި ﷲ ގެ ޙަޟްރަތުން ގިނަގިނައިން އެދި ދަންނަވާށެވެ.

ނަމަވެސް، މިތަނުގައި ފާހަގަކޮށްލަންޖެހޭ މުހިންމު ކަމަކީ، ތިމާއަށް މިހާރު ލިބިފައިވާ ނިޢުމަތްތަކުގެ އަގުވަޒަން ނުކުރެވޭނަމަ، އިތުރު ކަންކަމަށް އެދި ދެންނެވުމުގެ ޙަޤީޤީ މާނަ ދެނެގަތުމަކީ އުނދަގޫ ކަމަކަށް ވާނެ ކަމެވެ. ބައެއް މީހުން ﷲ އަށް ދުޢާކުރަނީ ހިތްހަމަނުޖެހުމާއި މާޔޫސްކަމުގެ ތެރެއިންނެވެ. އެކަމަކު އަނެއްބައި މީހުން ދުޢާކުރަނީ ފުރިހަމަ އިތުބާރާއެކުގައެވެ. އެބައިމީހުންގެ އިޙްސާސަކީ، ﷲ އަށް ދުޢާކުރުމުން އަބަދުވެސް ހިތްހަމަޖެހުން ލިބޭ ކަމެވެ. ތިމާ ބޭނުންވި ގޮތަށް ކަންތައް ނުވި ނަމަވެސް، އެދުނު ކަމަށްވުރެ މާ ފުރިހަމަ ގޮތެއް ﷲ މިންވަރުކުރައްވާފައިވާނެކަން އެމީހުން ޤަބޫލުކުރެއެވެ. 

ޒަކަރިއްޔާ ޢަލައިހިއްސަލާމްގެ މިސާލަށް ބަލާލަމާ ހިނގާށެވެ. މުސްކުޅިފުޅުވީ ދުވަހު ދަރިކަލަކަށް އެދިވަޑައިގެން ދުޢާކުރެއްވިއިރު، އެކަލޭގެފާނު ވިދާޅުވިއެވެ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ! އިބަ އިލާހަށް ދުޢާކޮށްގެން އަޅުގަނޑު ދުވަހަކުވެސް މާޔޫސްވެފައެއް ނުވެއެވެ." މިއީ ފުރިހަމަ ރުހުމާއި އިތުބާރެވެ. މީގެ އިދިކޮޅަށް، ބައެއް މީހުން ދުޢާކުރަނީ "އަޅުގަނޑު ދުޢާކޮށްފީމެވެ، ދެން ކޮބައިހެއްޔެވެ؟" މިފަދަ ޝަކުވާގެ ރޫޙެއްގައެވެ. 

އަދި ބައެއް މީހުން ﷲ އާއެކު ޝަރުޠުތަކެއް ކުރެއެވެ. "ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ! އިބަ އިލާހު އަޅުގަނޑަށް މިވެނި ކަމެއް ދެއްވައިފިނަމަ، އަޅުގަނޑު ފާފަކުރުން ހުއްޓާލާނަމެވެ." ނުވަތަ "އަޅުގަނޑަށް މިވެނި ވަޒީފާއެއް ނުވަތަ ގެއެއް ދެއްވައިފިނަމަ، އަޅުގަނޑު ގިނަގިނައިން ނަމާދުކޮށް ރޯދަހިފަން ފަށާނަމެވެ." ކީރިތި ޤުރުއާނުގައި، މިފަދަ ޝަރުޠުކުރުންތަކަކީ ނުބައި ސިފައެއްގެ ގޮތުގައި ބަޔާންކުރައްވާފައިވެއެވެ. މިފަދަ ޝަރުޠުތައް ކުރަނީ، ﷲ ދެއްވާފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފަންޖެހޭ ވަގުތު އެކަން ނުކުރާ މީހުންނެވެ.

 ތިބާ ތައުބާވުމަށްޓަކައި ނުވަތަ ހެޔޮކަންކަން

އިތުރުކުރުމަށްޓަކައި، ﷲ މިހާރު ދެއްވާފައިވާ މިންވަރު ފުދޭވަރަށްވުރެވެސް އިތުރެވެ. ވަކި ވަޒީފާއެއް ނުވަތަ ވަކި އިންސާނަކު ލިބުމަކީ ދީންވެރިވުމަށް އޮތް ޝަރުޠަކަށް ހަދައިގެން ނުވާނެއެވެ. އެއީ ނާކާމިޔާބު މީހުންގެ ސިފައެކެވެ. އެކަމުން ދޭހަވަނީ ﷲ މިހާތަނަށް ދެއްވި ނިޢުމަތްތައް، އެކަލާނގެއަށް އަޅުކަންކުރުމަށް ފުދޭވަރު ނުވާ ކަމެވެ. 

ހޮހަޅައިގައި ތާށިވި ތިން މީހުންގެ ޢިބުރަތްތެރި ވާހަކައަށް ބަލާލަމާ ހިނގާށެވެ. އެމީހުން ﷲ އަށް ދުޢާކުރީ އެމީހުން ކުރިން ކޮށްފައިވާ ހެޔޮ ޢަމަލުތައް ވަސީލަތަކަށްލައިގެންނެވެ. އެމީހުން އެ ހެޔޮ ޢަމަލުތައް (މައިންބަފައިންނަށް ޚިދުމަތްކުރުން، އަމާނާތްތެރިވުން ފަދަ ކަންކަން) ކުރީ، އޭގެ ބަދަލުގައި ކަމަކަށް އެދި ޝަރުޠުކޮށްގެނެއް ނޫނެވެ. އެއީ ހަމައެކަނި ﷲ ގެ ވަޖުހުފުޅަށްޓަކައި އިޚްލާޞްތެރިކަމާއެކު ކުރި ކަންކަމެވެ. 

--މިއަދުނޫސް

 

                   

މިއަދު އޮންލައިން