ޢާއިޝަތު ރަފާޙް ޢަލީ
ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އިސްލާމީ ނަޒަރަކުން ކައިވެނީގެ މުޤައްދަސް ގުޅުމަށް ބަލާއިރު، އެކަކު އަނެކަކަށްޓަކައި ހިތުގައިވާ ލޯތްބާއި ކުލުނު ބޭރުފުށުން ހާމަކޮށް ފާޅުކުރުމަކީ ނުހަނު ބޭނުންތެރި ކަމެކެވެ. ތިމާގެ ބައިވެރިޔާއަށް ތިމާގެ ހިތުގައިވާ އޯގާތެރިކަމާއި ރަޙުމް އިޙްސާސްވާންޖެހެއެވެ. އެއީ ހަމައެކަނި ހިތުގެ އަޑީގައި އޮންނަ އިޙްސާސެއްގެ ގޮތުގައި ނުވަތަ ދުލުން ބުނެލާ ބަހެއްގެ ގޮތުގައި ބޭއްވުމަކުން އެކަނި ނުފުދެއެވެ.
ދެމަފިރިންގެ ދެމެދުގައި ޖެހޭ މައްސަލަތައް އިޞްލާޙްކުރުމަށް މަސައްކަތްކުރާ ވަގުތުތަކުގައި ނުވަތަ ކައުންސެލިންގް ސެޝަންތަކުން ގިނައިން ފެންނަނީ، އަނބިމީހާ ނުވަތަ ފިރިމީހާގެ ވާހަކަތަކުން އަނެކަކު ހައިރާންވާ މަންޒަރެވެ. ދެމީހުންވެސް ބުނަނީ އެކަކު އަނެކަކުދެކެ އިންތިހާއަށް ލޯބިވާ ކަމަށެވެ. އެހެންވީމާ، މި ގުޅުމުގައި އުނިވަނީ ކޮން ކަމެއް ހެއްޔެވެ؟ އުނިވަނީ އެ ލޯތްބާއި އޯގާތެރިކަން ޢަމަލީ ގޮތުން ހާމަކުރުމެވެ. ކައިވެނީގެ ބަދަހިކަން ދެމެހެއްޓުމަށްޓަކައި ލޯތްބަކީ ޢަމަލުން ފެންނަންޖެހޭ ސިފައެކެވެ.
ކޮންމެ ދެމަފިރިއަކުވެސް ލޯތްބާއި އޯގާތެރިކަން ފާޅުކުރަނީ ތަފާތު ގޮތްގޮތަށެވެ. ބައެއް ފަހަރު އަނބިމީހާ ފިރިމީހާއަށްޓަކައި ތައްޔާރުކޮށްދޭ މީރު ކެއްކުމަކުން އެކަން ރަމްޒުކޮށްދެއެވެ. އަނެއްބައި ފަހަރު ފިރިމީހާ އަނބިމީހާގެ ކުށްތަކަށް މަޢާފްކުރުމުން ނުވަތަ އަނބިމީހާ ކުރާ ބުރަ މަސައްކަތްތަކުގެ އަގުވަޒަންކޮށް ތަޢުރީފުކުރުމުން އެކަން ހާމަވެއެވެ. މިސާލަކަށް، ގޭތެރޭގެ ކަންކަމާއި ދަރިން ބެލުމުގައި އަނބިމީހާ ކުރާ ބުރަ މަސައްކަތް ފެނިފައި، "މާތްﷲ ތިބާއަށް ހެޔޮ ދަރުމަ ދެއްވާށި. ތިބާއަކީ އަހަންނަށް ދެއްވި ވަރަށް ބޮޑު ނިޢުމަތެއް،" ފަދަ އޯގާތެރި ބަހެއް ބުނެލުމަކީ ލޯބި އިތުރުވާނެ ކަމެކެވެ. ނަމަވެސް، މިފަދަ ޝުޢޫރުތައް ހިތުގައި ބާއްވައިގެން ފާޅުނުކުރާނަމަ، އަނެކާއަށް އެކަން އިޙްސާސެއް ނުކުރެވޭނެއެވެ. ނަތީޖާއެއްގެ ގޮތުން ކައިވެނީގެ އަސްލު މަޤްޞަދު ގެއްލި، މުޅި ގުޅުން ހީނަރުވެގެން ހިނގައިދާނެއެވެ.
ކައިވެނީގެ މަތިވެރި މަޤްޞަދު ބަޔާންކުރައްވައި ކީރިތި ޤުރްއާނުގައި މާތްﷲ ވަނީ، އެއީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ނިޝާންތަކުގެ ތެރެއިންވާ ކަމެއްކަން އަންގަވައިދެއްވާފައެވެ. އަދި ދެމަފިރިންގެ ދެމެދުގައި ލޯތްބާއި އޯގާތެރިކަން (މަވައްދަތާއި ރަޙުމަތް) ލެއްވިކަމަށް ވަނީ ބަޔާންކުރައްވާފައެވެ. ބައެއް މުފައްސިރުން ވިދާޅުވާ ގޮތުގައި، މި އާޔަތުގައިވާ 'ރަޙުމަތް' ނިސްބަތްވަނީ ދެމަފިރިންނަށް ލިބޭ ޞާލިޙް ދަރިންނަށެވެ. އެކުދިން ހެޔޮ ގޮތުގައި ތަރުބިއްޔަތު ކުރުމަކީ މައިންބަފައިންނަށް ހުރި ބޮޑުވެގެންވާ ރަޙުމަތެކެވެ. ދަރިންނަކީ މައިންބަފައިންނަށް ސުވަރުގޭގެ މަތީ ދަރަޖަ ހޯދައިދޭ ވަސީލަތެކެވެ. މައިންބަފައިންނަށްވުރެ ދަރިން ސުވަރުގޭގެ މަތީ ދަރަޖައެއްގައި ތިބި ނަމަވެސް، މާތްﷲގެ ފަޟްލުވަންތަކަމުން މައިންބަފައިންގެ ދަރަޖަ އުފުއްލަވައި، އެންމެން އެކުގައި ސުވަރުގޭގައި ލައްވާނެއެވެ.
--މިއަދުނޫސް