ގެފުޅުގެ ތާރީޚް 2: އެންމެ ފުރަތަމަ ގެފުޅު ބިނާކުރެއްވީ ކާކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 47ސ
ގެފުޅުގެ ތާރީޚް 2: އެންމެ ފުރަތަމަ ގެފުޅު ބިނާކުރެއްވީ ކާކު؟

އެންމެ ފުރަތަމަ ގެފުޅު ބިނާކުރެއްވީ ކާކު؟

އެންމެ ފުރަތަމަ ގެފުޅު ބިނާކުރެއްވީ ކޮންބޭކަލަކާމެދު ޚިލާފު އުފެދިފައިވެއެވެ. ގެފުޅު ބިނާކުރުމާއި، ގެފުޅަށް ގެނެވިފައިވާ ބަދަލުތަކާ ބެހޭ ގޮތުން ތަފާތު ރިވާޔަތްތަކެއް އައިސްފައިވެއެވެ. އޭގެ ތެރެއިން ބައެއް ރިވާޔަތްތަކަކީ ޝައްކެއްނެތް ގޮތުގައި ޞައްޙަ ރިވާޔަތްތަކެވެ. ނަމަވެސް އަނެއްބައި ރިވާޔަތްތަކަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފު ހުރި ރިވާޔަތްތަކެވެ. (އިސްލާމްވެބް.ނެޓް، 2003). މިދަންނަވާލަނީ އިމާމު ޤުރްތުބީ މިކަމާ ބެހޭ ގޮތުން ގެންނަވައިފައިވާ ރިވާޔަތްތަކުގެ ތެރެއިން ބައެއް ރިވާޔަތްތަކެވެ.

އިމާމު ޤުރްތުބީ ލިޔުއްވައިފައިވެއެވެ. އެންމެ ފުރަތަމަ ގެފުޅުގެ ބިންގާ އަޅުއްވައި އެ ގެފުޅު ބިނާކުރީ ކޮން ބޭކަލެއް ކަމާމެދު ޢިލްމުވެރިންގެ މެދުގައި ޚިލާފު ހިނގައިފައިވެއެވެ. ބުނެވޭ ގޮތުގައި އެންމެ ފުރަތަމަ ގެފުޅު ބިނާކުރެއްވީ މަލާއިކަތުންނެވެ. ޖަޢުފަރު ބިން މުޙައްމަދު ވިދާޅުވެފައިވެއެވެ. އެއްދުވަހަކު ތިމަންގެ ބައްޕަގެ ގާތަށް މީހަކު އައިސް ގެފުޅު ބިނާކުރަން ފެށުނު ގޮތާމެދު ސުވާލު ކުރިއެވެ. ބައްޕަ ބުނުއްވިއެވެ. މާތްﷲ  މަލާއިކަތް ބޭކަލުންނަށް ވަޙީ ކުރެއްވިއެވެ. [ހަމަކަށަވަރުން ތިމަންރަސްކަލާނގެ ބިމުގައި ޚަލީފާއަކު ލައްވާހުށީމެވެ.] މިކަމާމެދު މަލާއިކަތްބޭކަލުން ނުރުހުންފާޅު ކުރައްވައި ވިދާޅުވިއެވެ. [އަޅަމެން އިބަރަސްކަލާނގެއަށް ޙަމްދާ އެކު ތަސްބީޙަ ކިޔައި، އިބަރަސްކަލާނގެއަށް ތަޤުދީސްކޮށްކޮށް ތިއްބައި، އެ ބިމުގައި ފަސާދަ އުފައްދައި ލޭއޮހޮރުވާނޭ ބަޔަކު އިބަރަސްކަލާނގެ އެ ބިމުގައި ލައްވަނީތޯއެވެ؟] މަލާއިކަތްބޭކަލުންގެ މި ޖަވާބާ މެދު އަރަހުށި މާތްﷲ ރުހިވޮޑިނުގެންނެވިކަން، އެބޭކަލުންނަށް އެނގިވަޑައިގެންނެވުމުން އެކަމާ އެބޭކަލުން ނުހަނު ހިތާމަފުޅު ކުރެއްވިއެވެ. މާތްﷲ ގެ ރުހިވޮޑިގަތުން އެދި މާތްﷲ ގެ ޢަރުޝިވަށައި ހަތްފަހަރު ތަވާފުކުރެއްވިއެވެ. ދެން އެބޭކަލުންނަށް މާތްﷲ ރުއްސަވައިވޮޑިގެންނެވިއެވެ. އެއަށް ފަހު މާތްﷲ މަލާއިކަތުންނަށް އެންގެވިއެވެ. [އާދަމުގެދަރިންގެ  ތެރެއިން ތިމަން ﷲ  ނުރުއްސަވައިފައިވާ އަޅުން ތިމަން ﷲ  ގެ ރުހިވޮޑިގަތުމަށް އަދައިގެން އައިސް ތިޔަބައިމީހުން ތިމަން ﷲ  ގެ ޢަރުޝި ވަށައިގެން ތަވާފު ކުރިފަދައިން ތަވާފުކޮށް އުޅުމަށްޓަކައި ތިޔަބައިމީހުން ތިމަންﷲ ގެ ރަސްކަންފުޅަށްޓަކައި ބިމުގައި ގެއެއް ބިނާކުރާށެވެ. ތިޔަބައިމީހުންނަށް ތިމަން ﷲ  ރުއްސުންލެއްވިފަދައިން އެބައިމީހުންނަށް ރުއްސުންލެއްވުމަށްޓަކައެވެ.] ދެން މަލާއިކަތުން ގެފުޅު ބިނާކުރިއެވެ. (ޤުރްތުބީ، 2019، ވޮލިޔުމް 1، ޞ 418).

ޤުރްތުބީ، ބަޤަރާ ސޫރަތުގެ 127 ވަނަ އާޔަތުގެ ތަފްސީރުގައި ލިޔުއްވައިފައިވެއެވެ. ޢަތާއު އާއި ސަޢީދު ބްނުލް މުސައްޔަބު ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. ސަލާމްލެއްވި އާދަމުގެފާނު ސުވަރުގެއިން ބިމަށްވަޑައިގަތްހިނދު މާތް ﷲ  އެކަލޭގެފާނަށް އެންގެވިއެވެ. [ތިމަން ﷲ  ރަސްކަންފުޅަށްޓަކައި ގެފުޅެއް ކަލޭގެފާނު ބިނާކުރައްވާށެވެ. ތިމަން ﷲ  ގެ ޢަރުޝި ވަށައިގެން މަލާއިކަތުން ތަވާފު ކުރައްވައި ތިމަން ﷲ  ގެ ނަންފުޅު ގަންނަވާ އުޅުއްވިފަދައިން އެގެފުޅު ވަށައިގެން ކަލޭގެފާނު ތަވާފުކުރައްވައި ތިމަން ﷲ  ގެ ނަންފުޅުގެން އުޅުއްވާށެވެ.] ޢަތާއު ވިދާޅުވެފައިވެއެވެ. މީހުން ބުނަނީ ގެފުޅު ބިނާކުރެވިފައިވަނީ ފަސްފަރުބަދައެއްގެ ހިލައިންނެވެ. އެއީ  حِرَاء، طُور زَيْنَا ، طُور سِينَا، لُبْنَان، جُودِيّ މިފަސް ފަރުބަދައެވެ. ގެފުޅުވަށައިގެން ބިންގާ އެޅުއްވީ حِرَاء ފަރުބަދައިގެ ހިލައިންނެވެ.

އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވާ ކަމަށް، އިމާމު މާވަރުދީ ބަޔާން ކުރައްވައިފައިވެއެވެ. ސަލާމްލެއްވި އާދަމުގެފާނު ސުވަރުގެއިން ބިމަށްވަޑައިގަތްހިނދު މާތް ﷲ އެކަލޭގެފާނަށް އެންގެވިއެވެ. ތިމަން ﷲ ރަސްކަންފުޅަށްޓަކައި ގެފުޅެއް ކަލޭގެފާނު ބިނާކުރައްވާށެވެ. ތިމަން ﷲ ގެ ޢަރުޝި ވަށައިގެން މަލާއިކަތުން ތަވާފު ކުރައްވައި ތިމަން ﷲ ގެ ނަންފުޅު ގަންނަވާ އުޅުއްވިފަދައިން އެގެފުޅު ވަށައިގެން ކަލޭގެފާނު ތަވާފުކުރައްވައި ތިމަން ﷲ ގެ ނަންފުޅުގެން އުޅުއްވާށެވެ.  ދެން އާދަމުގެފާނު ދަތުރުކުރައްވަމުން ވަޑައިގެންނެވިއެވެ. ކަޢުބަތުﷲ ގެފުޅު ހުންނަތަނާއި ހަމައަށް ވަޑައިގަތުމާއިއެކު ޖިބުރީލުގެފާނު ވަޑައިގެން އެކަލޭގެފާނުންގެ ދެފިޔަފުޅުން ބިމުގައި ޖެއްސެވިއެވެ. އެހިނދު ބިމުގެ އަޑީން ފެށިގެން ސާބިތުވެ ހަރުލައިހުރި ބިންގަލެއް ފާޅުވެގެންދިޔައެވެ. ދެން، އެބިންގަލުގެ މައްޗަށް ބިނާކުރައްވަމުން ގެންދެވިއެވެ. ބިނާކުރައްވާނެ ހިލަ މަލާއިކަތުން ގެނެސްދެއްވިއެވެ. އެއިން ކޮންމެ ހިލައަކީ ތިރީސްމީހުންނަށްވެސް އުފުލައިނުލެވޭ ވަރުގެ ހިލައެވެ. ކުރިން ބަޔާންކޮށްފައިވާނެ ފަދައިން އެކަލޭގެފާނު ގެފުޅު ބިނާކުރެއްވީ ފަސް ފަރުބައިން ހިލަ ގެންނަވައިގެންނެވެ.

އަދިވެސް ރިވާވެގެންވެއެވެ. އާދަމުގެފާނު ސުވަރުގެއިން ބިމަށް ފައިބައިވަޑައިގެންނެވިއިރު ސުވަރުގެއިން ފޭލިގެއެއް ގެންނެވިއެވެ. އެކަލޭގެފާނު އެފޭލިގެ ޖެއްސެވީ މިހާރު ކަޢުބާ އެހުރި ތަނުގައެވެ. އެތަނުގައި އެކަލޭގެފާނު ދިރިއުޅުއްވުމަށާއި އެތަނުގެ ވަށައިގެން ޠަވާފު ކުރެއްވުމަށްޓަކައެވެ. އާދަމުގެފާނު އަވަހާރަވަންދެން އެފޭލިގެ އެތަނުގައި ހުއްޓެވެ. އާދަމުގެފާނު އަވަހާރަވުމުން އެފޭލިގެ އެތަނުން ނެގެވުނެވެ. އަދި ބުނެވޭ ގޮތުގައި ނޫޙުގެފާނުގެ ޠޫފާނުގެ ޒަމާނުގައި ގެފުޅު އުޑަށް އުފުއްލެވުނެވެ. މިނޫންވެސް އެތައް ރިވާޔަތްތަކެއް ޤުރްތުބީ ލިޔުއްވައިފައިވެއެވެ. (ޤުރްތުބީ، 2019، ވޮލިޔުމް 1، ޞ 419). މި ރިވާޔަތްތައް މިހެން ހުރިކަމުގައިވިޔަސް މިކަން ކަށަވަރުކޮށްދޭނެ އެއްވެސް ޙަދީޘެއް ގެންނަވައިފައެއްނެތެވެ. ނުވަތަ ކަށަވަރުކޮށްދޭނެ ފަދަ ޞައްޙަ ދަލީލެއް ގަންނަވައިފައެއްނެތެވެ. އަލްޙާފިޡް އިބްނު ޙަޖަރު ވިދާޅުވެފައިވަނީ، އިބްރާހީމުގެފާނުގެ ކުރީން ގެފުޅު ބިނާކުރެއްވި ކަމަށް ދަލީލު ކުރާ އެއްވެސް ޞައްޙަ ދަލީލެއް މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ އަރިހުން ރިވާވެގެން އައިސްފައި ނުވާކަމުގައެވެ. 

އިބްނު ޙަޖަރުގެ މިބުނުމަށް އިސްލާމީ ފަތުވާދޭ އިތުބާރު ހުރި ވެބްސައިޓެއްކަމުގައިވާ [އިސްލާމްވެބް.ނެޓް] ގައިވާ ފަތުވާއިން ވެސް ބާރުލިބެއެވެ. އެފަތުވާގައިވެއެވެ. ގެފުޅު ބިނާކުރި ކަމަށް އައިސްފައިވާ ރިވާޔަތްތަކުގެ ތެރެއިން ޢިލްމުވެރިންގެ މެދުގައި ޚިލާފުހުރި ރިވާޔަތްތަކުގެ ތެރޭގައި މަލާއިކަތުން ގެފުޅު ބިނާކުރެއްވުމާއި، އާދަމުގެފާނު ގެފުޅު ބިނާކުރެއްވުމާއި، ޝީޘުގެފާނު ގެފުޅު ބިނާކުރެއްވުމާއި، އިބްރާހީމްގެފާނަށްފަހު ޢަމާލިޤުން ގެފުޅު ބިނާކުރެއްވުމާއި، ޖުރުހުމް ޤަބީލާގެމީހުން ގެފުޅު ބިނާކުރެއްވުމާއި، ޤުޞައްޔު ބިން ކިލާބު ގެފުޅު ބިނާކުރެއްވުމާއި، ޢަބްދުލްމުއްޠަލިބުގެފާނު ގެފުޅު ބިނާކުރެއްވުން ހިމެނެއެވެ. އެއްވެސް ޝައްކެއްނެތް ގޮތުގައި ގެފުޅު ބިނާކުރެއްވި ކަމަށް ޞައްޙަކޮށް އެނގޭ ފަރާތްތަކުގެ ތެރޭގައި އިބްރާހީމްގެފާނާއި، ޤުރައިޝުންނާއި، އިބްނު ޒުބައިރު އާއި ޢަބްދުލްމަލިކު ބިން މަރުވާނު ހިމެނެއެވެ. މިފަތުވާގައި ލިޔެފައިވަނީ އެންމެ ޞައްޙަ ބަހަކީ އަދި އެންމެ ބުރަދަން ހުރި ބަހަކީ އެންމެ ފުރަތަމަ ގެފުޅު ބިނާކުރެއްވީ އިބްރާހީމްގެފާނުކަމަށް ބުނާ ބުނުމެވެ. ދަލީލެއްގެ ގޮތުން ގެންނަވައިފައިވަނީ ޙައްޖު ސޫރަތުގެ 26 ވަނަ އާޔަތާއި އާލުޢިމްރާނު ސޫރަތުގެ 96 ވަނަ އާޔަތާއި 97 ވަނަ އާޔަތާއި ބަޤަރާ ސޫރަތުގެ 127 ވަނަ އާޔަތެވެ. (އިސްލާމްވެބް.ނެޓް، 2003).

(ނުނިމޭ)

މިއަދު އޮންލައިން