ފާފަކުރުމުން ކުރިމަތިލާންޖެހޭނެ ޢަޛާބުގެ ވާހަކަތައް އަޑުއަހަން ފަސްޖެހޭ މީހަކަށް ގާތީ ޢަޛާބުން ސަލާމަތް ނުވެވުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 27ސ
ފާފަކުރުމުން ކުރިމަތިލާންޖެހޭނެ ޢަޛާބުގެ ވާހަކަތައް އަޑުއަހަން ފަސްޖެހޭ މީހަކަށް ގާތީ ޢަޛާބުން ސަލާމަތް ނުވެވުން!

ގިނަ ބައަކު ޤުރްއާން ކިޔަވައެވެ. މާނަވެސް ކިޔައެވެ. ﷲ ތަޢާލާއަށް ނުކިޔަމަންތެރިވުމުން ޤިޔާމަތް ދުވަހު ދެއްވަވާނެ ގަދަފަދަ ޢަޛާބުގެ ވާހަކަތައްވެސް ކިޔައެވެ. އެކަމަކު ހިތަށް ބިރުވެރިކަން ވަންނަނީ ވަރަށް މަދު މީހެއްގެއެވެ. އެއީ ކީއްވެގެންތޯއެވެ؟ މިސުވާލުމިކުރަނީ ބިރުގަންނަކަން ޢަމަލުތަކުން ނުފެންނާތީއެވެ.  

މިއީ ގިނަ ބައެއްގެ ކަންބޮޑުވުމަކަށްވާތީ އެދެނީ ވިސްނާލައްވައިގެން ތިރީގައިވާ ލިޔުން ވިދާޅުވެލެއްވުމެވެ.  

އެއީ ރަސޫލް (ﷺ) ދީނަށް ގޮވައިލެއްވެވުން ހުއްޓަވައިލަ ދެއްވެވުން އެދި ރަސޫލް (ﷺ) ގެ އަރިއަހަށް މައްކާގެ މުޝްރިކުން ދިއަ ދުވަހެކެވެ. އެމީހުން ދެންނެވީ ރަސޫލް (ﷺ) ބޭނުންފުޅުނަމަ ދުނިޔޭގެ ހުރިހާ އުފާތަކެއް އިތުރު އެކަލޭގެފާނަށް އެމީހުން އަރުވާނެ ކަމަށެވެ. ތަނަވަސްކަން ކަމުގައި ވީނަމަވެސް އަނބިން ކަމުގައިވީނަމަވެސް މިހެން ގޮސް ހުރިހައި ކަމެކެވެ.  

އެމީހުންނަށް ރަސޫލް (ﷺ) ދެއްވި ޖަވާބުގައި ޙަދީޘްފުޅު ކުރެއްވެވީ އެއް އަތްޕުޅަށް އިރު، އަނެއް އަތްޕުޅަށް ހަނދު ލައިދިން ނަމަވެސް ދީނަށް ގޮވައިލެއްވެވުން ދުނިޔޭގައި ހުންނެވިހައި ދުވަހަކު ހުޓަވައި ނުލައްވަވާނެ ކަމަށެވެ. އަދި ފުއްޞިލަތު ސޫރަތް ކިޔަވައި ވިދާޅުވާން ފެށްޓެވިއެވެ. ކިޔަވައިވިދާޅުވަމުން ގޮސް 13 ވަނަ ޢާޔަތް ކިޔަވައި ވިދާޅުވާން ފެށްޓެވުމުން، "ފުދިއްޖެއޭ، އިތުރަށް ވިދާޅުނުވާށޭ" ދަންނަވައި އަނގަނގަފުޅުމަތީގައި އަތް އެޅުމަށްފަހު އަވަސް އަވަހަށް، ބާރަށް މުޝްރިކުން ދުވެ ފިލީއެވެ.  

އެ އާޔަތުގެ މާނައިގައިވަނީ " ފަހެ، އެއުރެން ފުރަގަސްދީ އެނބުރިގެންފިނަމަ، ފަހެ، ކަލޭގެފާނު (އެއުރެންނަށް) ވިދާޅުވާށެވެ! عاد ބާގައިމީހުންނާއި ثمود ބާގައިމީހުންނަށް އައި ހޮނުގުގުރީގެ عذاب ފަދަ عذاب އެއް، ތިޔަބައިމީހުންނަށް އަތުވެދާނެކަމަށް إنذار ކުރައްވަމެވެ." މިފަދައިންނެވެ.  

އެމީހުން އެހައި ބޮޑު ބިރެއް ގަނެ ދުވެ ފިލީ ކީއްވެގެން ހެއްޔެވެ؟ އެއީ އެއާޔަތުގައިވާ ފަދަ ގަދަ ފަދަ ޢަޛާބެއް ފޮނުއްވަވައިފާނެ ކަމުގެ ބިރަށެވެ.  

މައްސަލައަކީ އެދުވަހު ރަސޫލް (ﷺ) އަރިއަހަށް ދިއަ މައްކާގެ މުޝްރިކުންގެ ބޮޑުން ފަދަ ބައަކު މިއަދު މުސްލިމުންގެ ތެރޭގައިވެސް ތިބޭ ކަމެވެ. ﷲ ތަޢާލާ މިންވަރު ކުރައްވަވައިފާނެ ކޯފާއެއްގެ ވާހަކަ އަޑުއިވުމުން ދެކަންފަތުގައި އަތް އަޅާ ބައަކު ތިބޭ ކަމެވެ. އެފަދަ ވާހަކައެއް ދެކެވޭ އަޑު އިވޭއިރަށް އެތަން ދޫކޮށް ފިލާ މީހުން އުޅޭ ކަމެވެ.  

މިއަދު އެފަދަ އަޑުތައް ނުއަހައި އުޅެވިދާނެއެވެ. ނަމަވެސް ކުރިއަށް އޮތީ އެއަށްވުރެ އެތައް ގުނައެއް ބޮޑުވެގެންވާ ގަދަފަދަ ޢަޖާބާއި ކުރިމަތިލާން ޖެހިދާނެ ދުވަސް ކަމާއިމެދު ބިރުވެތިވާށެވެ!  

އެއީ މުޝްރކުންގެ ބޮޑުންގެ ޙާލުހުރިގޮތެވެ. އެމީހުން ބުނަނީ ޤުރްއާން ޤަބޫލުނުކުރާ ކަމަށެވެ. އެއީ ޙަޤީޤަތް ނަމަ އަޑުއަހަން އެހައިވަރަކަށް ބިރުގަންނަނީކީއްވެގެން ހެއްޔެވެ؟ ދެން އޮތް ކަމަކީ އަހަރެމެން މިތިބީ ހަމަ އެޤުރްއާން ޤަބޫލުކޮށްގެންނެވެ. އުފެދޭ ސުވާލަކީ ޤުރްއާނުގެ އަޑު އިވުމުން އަހަރެންގެ ހިތަށް ބިރުވެރިކަން ނުވަނަނަނީ ކއްވެގެން ހެއްޔެވެ؟ މިއީ ހަމަ ކޮންމެ މުސްލިމަކުވެސް އަމިއްލަ ނަފްށާއި ކޮށްލުން މުހިންމު ސުވާލެއް ނޫންހެއްޔެވެ؟

 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން