ކައިވެނިކުރެވުނީ ޒިނޭގެ ދަރިއަކަށް ބަލިވެއިން އަންހެނަކާކަން އެނގުމުން އެކަން ސިއްރުކޮށްދީ ޢަމަލުކުރަން އޮތް ގޮތަށް ޢަމަލުކުރި މީހަކާމެދު އިމާމަށްފެނުނު އާދަޢާ ޚިލާފު ހުވަފެނުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 23ސ
ކައިވެނިކުރެވުނީ ޒިނޭގެ ދަރިއަކަށް ބަލިވެއިން އަންހެނަކާކަން އެނގުމުން އެކަން ސިއްރުކޮށްދީ ޢަމަލުކުރަން އޮތް ގޮތަށް ޢަމަލުކުރި މީހަކާމެދު އިމާމަށްފެނުނު އާދަޢާ ޚިލާފު ހުވަފެނުގެ ވާހަކަ-

މިސްކިތެއްގެ އިމާމަކަށް ހުވަފެނުގައި ފެންނަނީ އޭނާގެ އަވަށްޓެރިޔާ ސުވަރުގޭގައި ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އާއި އެންމެ އަރިއަހުގައިވާތަނެވެ. ޖެހިޖެހިގެން 3 ރޭ އެހުވަފެން ފެނުމުން އިމާމް ހިތަށް އެރިއެވެ. "މިހުވަފެނުގައި ޙަޤީޤަތެއްވާނެއެވެ. އެކަމަކު އޭނާއަކީ އެހާތަޤްވާވެރި މީހެއްކަމެއްވެސް ނުއެނގެއެވެ. ޢިލްމްވެރިއެއްވެސް ނޫނެވެ. އޭނާއަށް މިހާ ބޮޑު ނިޢުމަތެއް ޙައްޤުވީ ކޮންސަބަބަކާއިހުރެގެންބާވައެވެ!"  

މިސުވާލުތައް އުފެދުމުން އިމާމް އަވަސްޓެރިޔާއާއި ބައްދަލުކޮށް އޭނާގެ ކަންކަން އޮޅުންފިލުވިއެވެ. އޭނާ ކިޔައިދިން ވާހަކަތަކުން އިމާމަށް ފާހަގަކުރެވުނު ކަމަކީ: 

އޭނާ ޒުވާން އަންހެންކުއްޖަކާއި ކައިވެނިކުރިއެވެ. އޭނާގެ މައިންބަފައިންނަކީ ވަރަށް ތަޤްވާވެރި ބައެކެވެ. އެހެންވެ އަންހެންކުއްޖާއަކީވެސް އެފަދަ ކުއްޖަކަށްވާނެކަމުގެ އުންމީދުގައެވެ. ކައިވެނީގެ ފުރަތަމަ ރޭ ރޭކުރަން ތައްޔާރުވިތަނުން އަނބިމީހާ ގިސްލައި ރޮމުން ކިޔައިދިނެވެ.  

"އަހުރެންނަށް މާފުކުރާށެވެ! އަހުރެންނަށްވަނީ ވަރަށް ބޮޑު ކުށެއް ކުރެވިފައެވެ. އަހުރެންނަށް ލޯބިވެރިޔާއާއި ޒިނޭކުރެވުނެވެ. އަހުރެން މިއިނީ ބަލިވެއެވެ. އަހުރެން މިއިނީ ތައުބާވެގެންނެވެ. އަހުރެން ކައިވެނި މިކުރީ ދުނިޔެއަށް ލަދު ފޮރުވުމަށެވެ. ނަމަވެސް އެކަމުގެ ހުރި ނުބައިކަން ބޮޑުކަން ވިސްނުމުން ތެދަށް މިބުނީއެވެ. ޒިނޭގެ ދަރިއެއް ތިބާގެ ބޮލުގައި އަޅުވަން ބޭނުންނުވާތީއެވެ."  

އަނބިމީހާގެ ވާހަކަތައް އަޑުއިވުމުން އޭނާ ވިސްނައިލިއެވެ. އަހުރެން މީނާ ަވރިކޮށްލައިފިނަމަ އޭނާއާއި އޭނާގެ މައިންބަފައިން ދުނިޔެއަށް ފަޟީޙަތްވާނެއެވެ. އެހެންވެ އެކަމެއް ނުކުރާނަމެވެ. އެކަމަކު މިއީ ޞައްޙަ ކައިވެންޏަކަށް ނުވާތީ ގުޅުމެއްވެސް ނުހިންގާނަމެވެ. އެހެންވެ އަނބިމީހާގެ ގާތުގައި ބުނީ ޖެހިގެންހުރި ކޮޓަރީގައި އިނުމަށެވެ. އަދި ދެމަފިރިންގެ މެދުގައި ހިންގަން އޮތް ގުޅުން ހިންގަން ނުއެދުމަށެވެ. ވިހާ ގަދަވުމުން ކަންކަންކުރާނެ ގޮތަކާއިމެދު ވިސްނާނީ ކަމަށެވެ.  

ވިހާ ގަދަވުމުން އަލުން ކައިވެނިކުރިއެވެ. މީސްތްކުންގެ ކުރިމަތީގައި ހެދީ އެއީ ދެވަނަ ކައިވެނި ކަމަށެވެ. އަނބިމީހާގެ ސިއްރު ސިއްރެއްގެ ގޮތުގައި ބޭއްވީއެވެ. ފަޟީޙަތް ނުކުރީއެވެ. އޭނާ އެކަންކުރީ 2 ބޭނުމަކުއެވެ. އެއްބޭނުމަކީ މީހެއްގެ ޢައިބުތައް ފޮރުވައިދިން މީހެއްގެ އެފަދަ ކަމެއް ޤިޔާމަތް ދުވަހު ﷲ ތަޢާލާ ފޮރުއްވަވައި ދެއްވަވާނެ ކަމަށް އޮންނާތީ އެމަތިނިޢުމަތަށް އެދިގެންނެވެ. ދެވަނަ ބޭނުމަކީ އެއްވެސް ކުށެއް ނެތް ނިކަމެތި ކުއްޖަކު ބަލައިބޮޑުކުރުމުގެ ޘަވާބު ލިބިގަތުމެވެ.  

އަހުރެންގެ ބޭނުމަކީ ޒިނޭކުރަން ހިތްވަރުދިނުމެއް ނޫނެވެ. އެކަމަކު ޙާލަތުނިޔާކުރާ ގޮތަކުން ޒިނޭކުރެވި ޒިނޭގެ ދަރިއަކަށް ބަލިވެ އިންނަމަވެސް އެކަން އޮޅުވާލައި މީހެއްގެ ބޮލުގައި ދަރިފުޅު އެޅުވުމުގެ ބަދަލުގައި ކަންތައް ކުރަން އޮތްގޮތަށް ކަންތައް ކުރުމުން ކުރާނެ ފައިދާ މާބޮޑުވާނެކަން ބަޔާންކުރުމެވެ. އަދި މިބަޔާންކުރި ފަދަ ޙާލަތެއް ކުރިމަތިވެ އެކުގައި އުޅެން ބޭނުންނުވިނަމަވެސް އޭނާގެ ސިއްރު ފަޟީޙަތްނުކުރަން ބުނުމެވެ. މިޙާދިސާގައި އޭނާ ދަރިފުޅާއި ޙަވާލުވިނަމަވެސް ތިބާ ޙަވާލުވާން ބޭނުންނުވާނަމަ އެގޮތަށް ޙަވާލުނުވިޔަސް އޭނާ ފަޟީޙަތްކުރާ މީހަކީ ތިބާކަމަށް ނުވުމަށް ބުނުމެވެ. މާނައަކީ އެއްވެސް މީހެއްގެ އަޢިބުތައް ހާމަނުކުރަން ބުނުމެވެ. އެމީހަކު ކުރި ކުށަކުން އެމީހަކު ފަޟީޙަތްވުމަކީ އެމީހެއްގެ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން