އެކުވެރިންނަށް ޝެޢާކޮށްލެއްވުމަކީވެސް ރަޙްމަތް ލައްވަވާނެކަމެއް! އެންމެ ރޯދައަކުން 2 އަހަރުގެ ފާފަތައް ފުއްސަވައިދެއްވަވަން އޮތް ރޯދަ ނުހިފާ ދޫކޮށްލަން ހެޔޮނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 20ސ
އެކުވެރިންނަށް ޝެޢާކޮށްލެއްވުމަކީވެސް ރަޙްމަތް ލައްވަވާނެކަމެއް! އެންމެ ރޯދައަކުން 2 އަހަރުގެ ފާފަތައް ފުއްސަވައިދެއްވަވަން އޮތް ރޯދަ ނުހިފާ ދޫކޮށްލަން ހެޔޮނުވާނެ!

މިއަހަރުގެ ޙައްޖުދުވަސް ނުވަތަ ޢަރަފާތަކީ މާދަމާ (26) ވާ އަންގާރަދުވަހެވެ. އެދުވަހު ހިފާ ރޯދައިގެ ޘަވާބާއިމެދު ޙަދީޘްފުޅުގައި އޮތީ އެދުވަހު ހިފާ ރޯދައިގެ ސަބަބުން އިސްވެދިއަ އަހަރާއި ކުރިއަށް އަންނަން އޮތް އަހަރުގެ ފާފަތައް ފުއްސަވައިދެއްވަވާނެކަމަށް ތިމަން ރސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) އުންމީދުކުރައްވަވާ ކަމަށެވެ.  

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޢަރަފާތުދުވަހު ރޯދަހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އަދި އިސްވެ ބަޔާންކުރި ފަދައިން 2 އަހަރުގެ ފާފަތައް ފުއްސަވައިދެއްވެވުމަށް އޮތް މަގެކެވެ. ނިމިގެންދިއައަހަރު އެނގިހުރެގެންނާއި ނުއެނގިހުރެ ކިތައްހާސް ފާފަ ކުރެވިފައިވާނެތޯއެވެ؟ އަދި އަންނަން އޮތް އަހަރުގެ ޙާލަކީ ކޮބައިކަން އެނގެނީ ކާކަށް ހެއްޔެވެ؟  

މިޙަދީޘްފުޅުން ލިބޭ އެންމެ ބޮޑު އެއް އުފާވެރިކަމަކީ ކުރިއަށް އޮތް އަހަރުތެރޭގައި އެމީހަކު މަރުވިނަމަވެސް އެމީހަކު ހިމެނިގެންދާނީ އެއަހަރު ކުރެވުނު ފާފަތައް ފުއްސަވައިދެއްވަވާފައިވާ އަޅެއްގެ ގޮތުގައިކަމެވެ. ނަމަވެސް މިއީ ފާފަކުރަން ލިބޭ ލައިސަންސެއް ކަމަށް ދެކެގެން ނުވާނެއެވެ. ގަދައަޅައި މަސައްކަތްކުރަންވާނީ ފާފައެއް ނުކުރުމަށެވެ. ސަބަބަކީ އެކަން މިބުނި މަގުން ދެކެފިނަމަ އެއީ ކުރެވޭ ބޮޑުކުށެެކެވެ. އެފަދަ ނިޔަތެއް އޮވެގެން ހިފާ ރޯދަ ގާތީ ރޯދައަކަށް ނުވުމެވެ. ސަބަބަކީ ﷲ ތަޢާލާ ޤަބޫލުފުޅުކުރައްވަވާނީ ހެޔޮ ނޮިޔަތުގައި ކުރާ އަޅުކަމެވެ. އަދި ރޯދަ ހިފިނަމަވެސް އެކަން ﷲ ތަޢާލާ ޤަބޫލުފުޅު ކުރެއްވެވިކަންވެސް މިދުނިޔޭގައި އަހުރެމެންނަށް ނުއެނގޭނެތީއެވެ.  

ހަމައެއާއިއެކު ބުނެލަން އޮތީ ﷲ ތަޢާލާގެ ޙަމްރަތުގައި އެންމެ އިތުރުކަން ބޮޑުވެގެންވާ 10 ދުވަހުގެ ތެރެއިން ބާކީ މިއޮތީ މިއަދާއިއެކު އެންމެ 3 ދުވަހެވެ. ވީމާ ވީހާ ގިނައިން ހެޔޮ ޢަމަލުތައް ކުރަން ގަދައަޅައި ަމސައްކަތްކުރާށެވެ. ވެވުނު ވަރަކުން ޢާއިލީ ގުޅުން ބަދަހިކޮށް ހެޔޮ ޢަމަލުތައް ކުރިންވެސް ގިނަކުރާށެވެ!  

ޝައިޚް އިބްރާހީމް ރާފިޢުގެ ބަސްފުޅެއް! 

"الامام احمد ابن حنبل رحمه الله އެކަލޭގެފާނުގެ ދަރިކަލުންނަށް ވަޞިއްޔަތް ކުރައްވަމުން ވިދާޅުވިއެވެ.

“يا بني، انوِ الخير، فإنك لا تزال بخير ما نويتَ الخير.”

މާނަ ؛”އޭ ދަރިފުޅާއެވެ! ހެޔޮ ކަންކަމަށް ނިޔަތްގަންނާށެވެ! އެހެނީ ތިބާ ހެޔޮކަންކަމަށް ނިޔަތް ގަނެގެން އުޅޭހާ ހިނދަކު ތިބާ ވަނީ ހެޔޮކަމުގެ މަތީގައެވެ!"

- ابن مفلح، الآداب الشرعية –  

ވީއިރު މިހާރުއްސުރެވެސް ޢަރަފާތު ދުވަހު ރޯދައަށް ހުރުމުގެ ގަސްތުގެ މަތީގައި ހުންނާށެވެ! އޭރަށް އުޛުރަކާއި ލައިގެން އެދުވަހު ރޯދަ ހިފޭ ގޮތް ނުވިޔަސް ان شاء الله އެދުވަހު ގެ ރޯދައިގެ ޘަވާބު ލިބޭނެއެވެ!

 

މިއަދު އޮންލައިން