ފާޙިޝް ޢަމަލުތަކާ ވާހަކަތަކަށް ކާފިރުންގެ ތެރޭގަ ތިބި ހެޔޮވިސްނޭ ގިނަ ބައަކު ނޫނެކޭ ބުނުން އިތުރުވަނީ! އަހުރެމެންނަށް މިތިބެވެނީ ކޮން ހިސާބެއްގައިތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 6ސ
ފާޙިޝް ޢަމަލުތަކާ ވާހަކަތަކަށް ކާފިރުންގެ ތެރޭގަ ތިބި ހެޔޮވިސްނޭ ގިނަ ބައަކު ނޫނެކޭ ބުނުން އިތުރުވަނީ! އަހުރެމެންނަށް މިތިބެވެނީ ކޮން ހިސާބެއްގައިތަ؟

ބުރުގާ އެޅުން ކަމަކު ނުދެއެވެ. މޫނު ބުރުގާއަށް ބޮޑަށް ނަފްރަތުކުރެއެވެ. އެއީ ލިބިފައި ހުންނަ މަޢުލޫމާތުގެ ސަބަބުންނެވެ.

ބިރުވެރި ކަމެއްގެ ގޮތުގައި ވިސްނޭތީއެވެ. އެހެންކަމާއިއެކުވެސް  އެމީހުންގެ ހަށިގަނޑު ނިވާކޮށް ފޮރުވަން ބޭނުންވާ ކާފިރުން ގިނަވާން ފަށައިފިއެވެ. ކާފިރުންގެ ތެރޭގައި ތިބި ހެޔޮވިސްނޭ މީހުން އެކަންކަމަށް ދޭސަމާލުކަން އިތުރުކުރަން ފަށައިފިއެވެ.  

މިވާހަކަ މިހެން ބުނީމާ ބައެއް މީހުންނަށް ނުވަތަ ގިނަބައަކަށް ޤަބޫލުކުރަން އުނދަގުވެދާނެއެވެ. ނަމަވެސް ޙަޤީޤަތަކީ ފާޙިޝް ވާހަކަދައްކާ މީހުން ބާކީވެ ފޭލްވާން ފަށައިފިކަމެވެ. ޚާއްޞަކޮށް ބަރަހަނާ ވީޑިއޯ އާއި ފޮޓޯ ފޮނުވާ މީހުން އަންނަނީ ބޮޑުތަނުން ފޭލްވަމުންނެވެ. މިދައްކަނީ އެބާވަތުގެ ދަށުދަރަޖައިގެ ޢަމަލުތައް ކުރާ މީހުންގެ އަގު، އެބާވަތުގެ ޢަމަލުތައް ކުރަން ބޭނުންނުވާ، އަޚްލާޤީ މިންގަނޑުތަކުގައި ދިރިއުޅެން މަސައްކަތްކުރާ މީހުންގެ ކުރިމަތީގައި ދަށްވަމުން އަންނަ ކަމުގެ ވާހަކައެވެ.  

މުސްލިމް ނޫން ބައެއް ޤައުމުތަކުގައި ކުރެވިފައިވާ ބައެއް ދިރާސާތަކުން އެނގޭ ގޮތުގައި ފާޙިޝް ޢަމަލުތައް ކުރުމާއި ދުރުހެލިވާން ގިނަ ބައަކު އަންނަނީ މަސައްކަތްކުރަމުންނެވެ. އެހެންވެ އެކުވެރިންގެ ތެރެއިން ފާޙިޝް ވާހަކަދައްކާ މީހުންނާއި ބަރަހަނާ މަންޒަރު ޝެއާކުރާ މީހުންނާއި ގުޅުން ބާއްވަން ގިނަބައަކު ބޭނުމެއް ނުވެއެވެ.  

މިފެންނަނީ އެންމެ ކުރީޒަމާނުގައިވެސް އެކަން އޮތްގޮތެވެ. އެޒަމާނުގައި ދިރިއުޅުނު މުޝްރިކުންވެސް ފާޙިޝް ޢަމަލުތައް ކުރާ މީހުން ބަލައިނުގަނެ މުޖުތަމަޢުން ބާކީކުރިއެވެ. އެމީހުންނަށް އުޅެންޖެހުނީ ރަށްބޭރުގައި ފޭލިގެ ޖަހައިގެންނެވެ.  

ފާޙިޝް އަމަލުތައް ކުރުމަކީ މުސްލިމުންނަށް ޙަރާމް ކަމެކެވެ. މުސްލިމުން ނޫން މީހުންގެ ތެރެއިން ހެޔޮވިސްނޭ މީހުން، އެމީހުން އަމިއްލައަށް ފާޙިޝް ޢަމަލުތައް ކުރުމާއި ދުރުހެލިވަނީ އެކަމުގެ ސަބަބުން ލިބޭ ޞިއްޙީ ގެއްލުންތަކާއި ރަނގަޅު ޢާއިލީ ދިރިއުޅުމަކަށް ހުރަސްއެޅޭކަން އެމީހުންނަށްވެސް ޤަބޫލުކުރެވޭތީއެވެ.  

އެހެންކަމަށްވާއިރު މުސްލިމުން މިފަދަ ކަންކަމަށް ސަމާލުކަންދީ ﷲ ތަޢާލާއަށް ބިރުވެތިވާންޖެހޭނެ މިންވަރު ހިތަށް ގެންނާށެވެ! އަހުރެންގެ އިލްތިމާސަކީ އެބާވަތުގެ ކަންކަން ކުރާ އެއްވެސް މީހަކާއި އެކުވެރިކަންވެސް ނުބޭއްވުމެވެ. އެމީހުންނަކީ ޝައިޠޯނާގެ އެޖެންޓުން ކަމުގައިވާތީއެވެ. އާޚިރަތް ކާމިޔާބުކުރެވެން އޮތީ އެއިރުންނެވެ.  

ހޭލުންތެރިވާށެވެ! ޒަމާން ފަސްވަމުން އައިވަރަކަށް ފާޙިޝް ޢަމަލުކުރުން ޢާންމުވާނެއެވެ. ބިރެއްނެތި އެކަންކަން ކުރުން ގިނަވާނެއެވެ. ނަމަވެސް ﷲ ތަޢާލާއަށް ބިރުވެތިވާ މީހުން ދުނިޔޭގައި ތިބިހައި ދުވަހަކު ﷲ ތަޢާލާގެ ޢަޛާބަށް ބިރުވެތިވާ ބައަކު އުޅޭނެއެވެ. އަދި އަޚްލާޤީ ރިވެތި ސިފަތައް ލިބިގަންނަން މަސައްކަތްކުރާ ބައަކުވެސް އުޅޭނެއެވެ. މަސައްކަތްކުރަންވީ އެފަދަ މީހުންގެ ތެރެއިން ވުމަށެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން