ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި އީމާންވެގެން ހުރި
މީހަކުނަމަ ފާފަކުރަން އަބަދުވެސް ބިރުގަންނާނެއެވެ. ޚާއްޞަކޮށް ﷲ ތަޢާލާ ޙުރުމަތްތެރިކުރައްވަވައި މަތިވެރިކުރައްވަވާފައިވާ ދުވަހެއްގައި ފާފަކުރަން ބޮޑަށް ބިރުގަންނާނެއެވެ. އެހެން ނޫންނަމަ އެއީ ވަރަށް ބޮޑު މައްސަލައެކެވެ.
ﷲ ތަޢާލާ ޙުރުމަތްތެރިކުރައްވަވައި
މަތިވެރިކުރައްވަވާފައިވާ ދުވަހެއްގައި ފާފަކޮށްފިނަމަ ޢަޛާބު ބޮޑުވެގެންދާނެއެވެ. އެއީ އެދުވަހުގެ ޙުރުމަތަށް ތިބާ އިޙްތިރާމްނުކުރީތީއެވެ. އެއްވެސް ބިރެއްނެތި އެފަދަ ދުވަހެއްގައި ފާފަކުރީތީއެވެ.
ދެން މިބަލައިލަނީ ޢީދު ދުވަހަށެވެ. ޢީދު
ދުވަސްވެސް ހިމެނެނީ ﷲ ތަޢާލާ އެންމެ މަތިވެރިކުރެއްވެވި 10 ދުވަހުގެ ތެރޭގައެވެ. ޢީދު ދުވަހަކީ އުފާވެރިކަމުގެ ދުވަހެކެވެ. ނަމަވެސް އެއުފާވެރިކަން ލިބިގަންނަން އޮތީ ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ގޮތަށެވެ. ހުއްދަކުރައްވަވާފައިވާ އިންތަކުގެ ތެރޭގައެވެ. އެއިރުން އެއުފާކުރުންވެސް ހިމެނިގެންދާނީ ކުރެވޭ އަޅުކަމެއްގެ ގޮތުގައެވެ. އިންތަކުން ބޭރުވެވުމުން އެކުރެވެނީ ވަރަށް ބޮޑު ފާފައެކެވެ.
ވީމާ ޢީދު ދުވަހުލާ ފޭރާމާއި ތިމާ ބައިވެރިވާ ކަންކަމާއި ކުޅޭ ކުޅިވަރުތަކަށް ސަމާލުވާށެވެ. ޘަވާބު ލިބޭނެ ކަމެއް (ދީނުގަ ހުއްދަ ކަމެއް) ނޫނީ ނުކުރާށެވެ! މިހެން ބުނީމާ އެއްދުވަހަކު ކުރެވުނު ސުވާލަކީ ޢީދުދުވަހާއި ޖެހިގެން އަންނަ 2 ދުވަހުގެ ޙުކުމަކީ ކޮބައިތޯއެވެ؟ އެދެދުވަހަށްވެސް އޮތީ އެއް ޙުކުމެކެވެ. އެޙުކުމަކީ ބަދަލުވާނެ ޙުކުމެއް ނޫނެވެ. ދިރިހުރިހާ ހިނދަކަށް ދެމިގެންދާނެ ޙުކުމެކެވެ.
--މަޢުލޫމާތު: ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން