ޢާއިޝަތު ރަފާޙް ޢަލީ
އަޅުގަނޑުމެން ދުނިޔޭގެ އުޅޭއިރު ހެޔޮ ޢަމަލުތައް ގިނަ ގިނައިން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ. ﷲ ތަޢާލާ ކީރިތި ޤުރްއާނުގެ ޛާރިޔާތު ސޫރަތުގެ 56 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
وَمَا خَلَقْتُ الْجِنَّ وَالْإِنسَ إِلَّا لِيَعْبُدُونِ ﴿٥٦﴾
މާނައީ: ތިމަންރަސްކަލާނގެއަށް އަޅުކަންކުރުމަށް މެނުވީ، ތިމަންރަސްކަލާނގެ ޖިންނީންނާއި، އިންސީން ނަހައްދަވަމެވެ. (56)
އެހެންކަމުން ބަރަކާތާއި ބާއްޖަވެރިކަން ހޯދުމަށްޓަކައި އަޅުގަނޑުމެންނަށް ބައެއް އަޅުކަންތައް ކުރެވިދާނެއެވެ. އޭގެތެރެއިން ބައެއް ކަންކަން މިލިޔުމުގައި ބަޔާން ކޮށްލާނަމެވެ.
ޞަދަޤާތް ދިނުން:
ޞަދަޤާތް ކުރުމަކީ ވަރަށް މާތް އަޅުކަމެކެވެ. ދުނިޔެއާއި އާޚިރަތުގައި އެކަމުގެ ފައިދާ ކުރާނެ އަޅުކަމެކެވެ. ހެޔޮ ބަހަކީވެސް ޞަދަޤާތެކެވެ.
ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ހަދީޘުކުރެއްވިއެވެ.
إِذَا مَاتَ الإنْسَانُ انْقَطَعَ عنه عَمَلُهُ إِلا مِنْ ثَلاثةٍ إلا من صَدَقَة جَارِيَة أوَعِلْم يُنْتَفَعُ بِهِ أوَوَلَد صَالِح يَدْعُو لَهُ
މާނައީ: ”އިންސާނާ މަރުވުމުން ތިންކަމަކުން މެނުވީ އެހެންހުރިހާ ގޮތަކުން އޭނަގެ ޢަމަލުތައް ކެނޑިގެންދެއެވެ. އެއީ ހިނގަހިނގާ ހުންނަ ޞަދަޤާތެއް ނުވަތަ ފައިދާކުރަނިވި ޢިލްމެއް ނުވަތަ އޭނާއަށް ޓަކައި ހެޔޮދުޢާ ކުރާ ޞާލިޙް ދަރިއެއްމެނުވީއެވެ.
ކެތްތެރިވުން:
ކެތްތެރިކަމަކީ ﷲ ޙަރާމްކުރެއްވި އެންމެހާ ކަންކަމުން ދުރުހެލިވެގެން ހުރުމާއި، ﷲ ވާޖިބު ކުރެއްވި ކަންކަން ކުރުމުގައި ދެމިހުރުމާއި، އަދި އެއިލާހުގެ މިންވަރުފުޅާއި މެދު ރުހިގެންހުރުމެވެ. ކެތްތެރިވާ މީހުންނަށް ﷲ ތަޢާލާ ވަރަށް ގިނަ އަޖުރު ދެއްވައެވެ.
މުޙައްމަދު ސޫރަތުގެ 31 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
وَلَنَبْلُوَنَّكُمْ حَتَّىٰ نَعْلَمَ الْمُجَاهِدِينَ مِنكُمْ وَالصَّابِرِينَ وَنَبْلُوَ أَخْبَارَكُمْ
މާނައީ: "އަދި ތިޔަބައިމީހުންގެ ތެރެއިން جهاد ކުރާ މީހުންނާއި، ކެތްތެރިވާ މީހުން، ތިމަންރަސްކަލާނގެ ދެނެވޮޑިގެންވެ، އެކަން ހާމަވެއްޖައުމަށްދާނދެން އަދި ތިޔަބައިމީހުންގެ خبرތައް އަންގަވައި ފާޅުކުރައްވައިފުމަށްދާނދެން ހަމަކަށަވަރުން، ތިމަންއިލާހު ތިޔަބައިމީހުން امتحان ކުރައްވާހުށީމެވެ."
މީގެ އިތުރުން ޒުމަރު ސޫރަތުގެ 10 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ.
إِنَّمَا يُوَفَّى الصَّابِرُونَ أَجْرَهُم بِغَيْرِ حِسَابٍ
މާނައީ: "ކެތްތެރިންނަށް އެއުރެންގެ ދަރުމަ ދެއްވާހުށިކަން ކަށަވަރީ حساب އެއްނެތިއެވެ. “