ޢާއިޝަތު ރަފާޙް ޢަލީ
އިލްމުވެރިން ފާހަގަކުރައްވާ އެއްކަމަކީ، ޛިކުރުކުރުމާއި ދުއާކުރުމުގެ ތަފާތު ގޮތްތައް ރަސޫލާ ﷺ އަހަރެމެންނަށް އުނގަންނައިދެއްވާފައި ވީނަމަވެސް އެކަމަށް ފަރުވާކުޑަކުރެވޭކަމެކެވެ. އަބަދުކުރެވޭ ކަމެއްކަމަށް ދެކެގެން އަޅައިނުލެވޭކަމެވެ.
އުބައްޔު ބިން ކައުބު ރަޟިޔަﷲ އަންހުގެ ރިވާޔަތުން އެނގޭ ގޮތުގައި، ދުޢާގައި ގިނައިން ސަލަވާތް ކިޔެވުމަކީ ދުނިޔެއާއި އާޚިރަތުގެ ކަންކަން ފުއްދަވައިދެއްވާ ކަމެއް ކަމެވެ. އިބްނު ތައިމިއްޔާ ރަހިމަހުﷲ ވިދާޅުވާ ގޮތުގައި، އުބައްޔުގެފާނު ވަކި ކަމަކަށް އެދިވަޑައިގެން ކުރައްވަމުން ގެންދެވި ދުއާގެ ބަދަލުގައި ސަލަވާތް ކިޔަވަން ފެއްޓެވުމުން، ﷲ ސުބުޙާނަހޫ ވަތަޢާލާ އެކަލޭގެފާނުގެ އެދުން ފުއްދަވައިދެއްވިއެވެ.
އެހެންކަމުން، ތިބާ ދުނިޔަވީ ކަމަކަށް އެދި ދުއާކުރާއިރު، އޭގެ ބަދަލުގައި ނުވަތަ ދުއާގެ ބޮޑު ބައެއްގައި ސަލަވާތް ކިޔެވުން ކިހާ ފައިދާހުރި ހެއްޔެވެ؟ އޭރުން ތިބާއަށް ފެންނަން ހުރި ބަރަކާތާއި، ނުފެންނަ ހުރި ބަރަކާތްތައްވެސް ލިބިގެންދާނެއެވެ.
އާޚިރަތުގެ ބާއްޖަވެރިކަމާ ގުޅޭގޮތުން ރަސޫލާ ﷺ ހަދީޘްކުރައްވާފައިވަނީ، މުސްލިމަކު އެކަލޭގެފާނުގެ މައްޗަށް ސަލަވާތް ކިޔަވާހާ ހިނދަކު، މަލާއިކަތް ބޭކަލުން އެމީހަކަށްޓަކައި ދުއާކުރައްވާނެ ކަމަށެވެ. އެހެންކަމުން، ސަލަވާތް ކިޔެވުން މަދުކުރުމާއި ނުވަތަ ގިނަކުރުމަކީ ތިބާއަށް އޮތް އިޚްތިޔާރެކެވެ. މާނައަކީ ﷲ ގެ ހަޟްރަތުގައި ތިބާގެ ދަރަޖަ މަތިވެރިކުރުމަށްޓަކައި ރަސޫލާ ﷺ ގެ މައްޗަށް ގިނަގިނައިން ސަލަވާތް ކިޔެވުމަށް އަވަސްވެގަންނާށެވެ.
- ޑރ. ޢުމަރު ސުލައިމާނުގެ ދަރުސަކުން
- މިއަދުނޫސް