އެއްވެސް ޝައްކެއް ނެތެވެ. ތިބާކުރާ ކަންކަމާއި ކުރާނެ ކަންކަން ﷲ ތަޢާލާ ދެނެވޮޑިގެންވެއެވެ. އެއީ ލިބިވޮޑިގެންވާ ޢިލްމްފުޅުގެ މަތިވެރިކަން ބޮޑުކަމުންނެވެ. ހަމައެއާއިއެކު ޤަބޫލުކުރަންޖެހޭ ކަމެއް އެބައޮތެވެ. އެއީ އިންސާނުންނަށް ﷲ ތަޢާލާ އިޚްތިޔާރުތަކެއް ދެއްވަވާފައިވާ ކަމެވެ.
ކައިވެންޏަށް ބެލިނަމަވެސް ކޮންމެ މީހަކަށްވެސް ކޮންމެ މީހަކާއިވެސް ކައިވެނިކުރެވިދާނެއެވެ. އެއީ އެކަމުގެ އިޚްތިޔާރު ދެއްވަވާފައިވާތީއެވެ. ވިސްނަންވީ ކައިވެނިކުރުމުގެ ކުރިން ބަލަންޖެހޭ ކަންތައްތަކެއް ﷲ ތަޢާލާ ބަޔާންކުރައްވަވާފައިވާ ކަމެވެ. ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަންކަން ޙަދީޘްފުޅު ކުރައްވަވާފައިވާކަމެވެ.
ވީމާ ﷲ ތަޢާލާ ތިމާއަށް ހެޔޮރަޙުމަތް ލައްވަވާނެކަމަށް ވިސްނައިގެން ކައިވެނިކުރަންވާނީ އެކަންކަމަށް ބެލުމަށްފަހުގައެވެ. އެކަންކަމަށް ނުބަލައި ކައިވެނިކުރުމުން ކުރިމަތިވާ މައްސަލަތައް އެއީ އެމީހަކު އަމިއްލައަށް ލިބިގަންނަ ކަންކަމެވެ.
މިޘާލަކަށް އެއީ ތަޤްވާވެރިއެއް ނޫނެވެ. ކުރީގެ ބައިވެރިޔާއަށް ކަންކަންކުރީ ވަރަށް އިހާނެތިކޮށެވެ. އެފަދަ މީހަކާ ކައިވެނިކުރަންވާނީ ވަރަށް ބޮޑަށް ވިސްނައިފައެވެ. ތިމާ މިހާރުމިހުރީ އިޞްލާޙްވެގެން ކަމަށް ބުނުމަކުން އަދި ނުފުދޭނެއެވެ. އިޞްލާޙްވިކަން ޢަމަލުތަކުން ދެއްކެންވާނެއެވެ.
ހަމައެކަނި ކައިވެނީގައެއްވެސް ނޫނެވެ. ކޮންމެ ކަމެއްވެސް ﷲ ތަޢާލާއަށް ވަކީލުކުރަން އޮތީ ސަބަބުތަކުގައި ހިފަހައްޓައިގެން ހުރެއެވެ. ތިމާކުރަންޖެހޭ ކަންކަން ފުރިހަަމކުރުމަށްފަހުގައެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން