ހެނދުނާ ހަވީރުގެ ޛިކުރުތައް ކިޔަންވީ ވަޤުތު-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 43ސ
ހެނދުނާ ހަވީރުގެ ޛިކުރުތައް ކިޔަންވީ ވަޤުތު-

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين

ހެނދުނާއި ހަވީރު ކިޔުމަށް ގިނަ ޛިކުރުތަކެއް ރަސޫލާ صلى الله عليه وسلمގެ ސުންނަތުން ޘާބިތުވެފައިވެއެވެ. ނަމަވެސް މިޛިކުރުތައް ކިޔުމަށް އެންމެ އެދެވިގެންވާ ވަގުތަކީ ކޮބައިތޯ ޢިލްމުވެރިންވަނީ ބަހުޘްކުރައްވާފައެވެ. އެއީ އެކަމާ ބެހޭގޮތުން ވާރިދުވެފައިވާ އާޔަތްތަކާއި ޙަދީޘްތަކާއި އަދި ޢަރަބި ބަހުގެ ޢިލްމުވެރިން އެވަގުތުތައް ޝަރަޙަކުރައްވާފައިވާ ގޮތަށް ބިނާކޮށެވެ. 

މިގޮތުން ހެނދުނުގެ ޛިކުރުތައް ފެށޭ ވަގުތަކީ ފަޖުރުލުމުންކަމުގައި ގިނަބޭފުޅުން އެއްބަސްވެވަޑައިގަންނަވައެވެ. ނަމަވެސް ނިމޭ ވަގުތާ ބެހޭގޮތުން ޢިލްމުވެރިންގެ 3 ޤައުލެއްވެއެވެ. 

1.       އެ ވަގުތުނިމެނީ އިރުއެރުމުންނެވެ. 

2.       މިކަމުގެ އަޞްލު ވަގުތަކީ ފަޖުރުލީއްސުރެ އިރުއަރަންދެނެވެ. ނަމަވެސް ދުވާލުގެ ވަގުތެއްގައިކިޔަސް އެކަމުގެ ފައިދާކުރާނެއެވެ.  

3. އެ ވަގުތުނިމެނީ އިރުއޮއްސުމުންނެވެ. 

އަދި ހަވީރުގެ ޛިކުރުތަކާ ބެހޭގޮތުންވެސް 3 ޤައުލެއްވެއެވެ. 

1.     ޢަޞުރު ފަހުން ފެށުމަށްފަހު އިރުއޮއްސުމުން އެ ވަގުތު ނިމެއެވެ. 

2.     އިރުއޮއްސުމަށްފަހު ފަށާފައި އިރުއެރުމުންއެ ވަގުތު ނިމެއެވެ 

.

3.     އެކަމުގެ އަޞްލު ވަގުތު ފަށަނީ އަޞުރު ވަގުތު ވަނުމުންނެވެ. ނަމަވެސް ރޭގަނޑުގެ ވަގުތެއްގައި ކިޔަސް އެކަމުގެ ފައިދާކުރާނެއެވެ. 

މިޤައުލުތަކުގެ ތެރެއިން އިބްނުލް ޤައްޔިމް رحمه الله “الوابل الصيب من الكلم الطيب”(1)  އޭ ކިޔުނު ފޮތުގައި ބުރަވެވަޑައިގެންފައިވާ ޤައުލަކީ ހެނދުނުގެ ޛިކުރުތައްކިޔުމުގެ ވަގުތަކީ ފަތިސްނަމާދާއި އިރުއެރުމާދެމެވެ. އަދި ހަވީރުގެ ޛިކުރުތައް ކިޔުމުގެ ވަގުތަކީ އަޞުރުނަމާދާއި އިރުއޮއްސުމާދެމެދުއެވެ. އެގޮތުން ތިރީގައި އެވަނީ އެފޮތުގައިވާ އިބްނުލް ޤައްޔިމް رحمه الله ލިޔުއްވާފައިވާ ބަސްފުޅުގެ ތަރުޖަމާއެވެ. 

އިބްނުލް ޤައްޔިމް رحمه الله ގެ ބަސްފުޅު

އެ ދެ ވަގުތުވަނީ ފަތިސްނަމާދާއި އިރުއެރުމާދެމެވެ. އަދި ޢަޞުރުނަމާދާއި އިރުއޮއްސުމާދެމެދުއެވެ. 

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.

﴿ يَا أَيُّهَا الَّذِينَ آمَنُوا اذْكُرُوا اللَّـهَ ذِكْرًا كَثِيرًا[٤١] وَسَبِّحُوهُ بُكْرَةً وَأَصِيلًا[٤٢]﴾ سورة الأحزاب

މާނައީ: "އޭއީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުޅައުމަކުން الله ހަނދުމަކުރާށެވެ. (41) އަދި ހެނދުނާއި ހަވީރު އެއިލާހަށް ތަސްބީޙަ ކިޔާ އުޅޭށެވެ."

. (42) 

الأَصِيْلُ އާ ބެހޭގޮތުން އަލްޖައުހަރީ ވިދާޅުވެފައިވެއެވެ: އެއީ ޢަޞުރުފަހުން އިރުއޮއްސިއްޖައުމަށްދާންދެން އޮންނަ ވަގުތެވެ. އޭގެ ޖަމްޢުއަކީ: أُصُل وآصال وأصائل…

އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ. 

﴿وَسَبِّحْ بِحَمْدِ رَبِّكَ بِالْعَشِيِّ وَالْإِبْكَارِ ﴾ [سورة غافر ٥٥]

މާނައީ: "އަދި ކަލޭގެފާނުގެ ރައްބަށް ހަވީރާއި ހެނދުނު ޙަމްދާއެކު ތަސްބީޙަ ވިދާޅުވާށެވެ."

ފަހެ الإِبْكَار އަކީ: ދުވާލުގެ ކުރީކޮޅެވެ. އަދި العَشِيُّ އަކީ: އޭގެ ފަހުކޮޅެވެ. 

އަދިވެސް އެއިލާހު ވަޙީކުރައްވާފައިވެއެވެ.

﴿وَسَبِّحْ بِحَمْدِ رَبِّكَ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ الْغُرُوبِ﴾ [سورة ق٣٩]

މާނައީ: "އަދި އިރު އެރުމުގެ ކުރީގައްޔާއި އޮއްސުމުގެ ކުރީގައި، ކަލޭގެފާނުގެ ރައްބަށް ޙަމްދާއެކު ތަސްބީޙަވިދާޅުވާށެވެ." 

ހެނދުނުވުމުން ނުވަތަ ހަވީރުވުމުން މިފަދައިން އަދި އެފަދައިން ކިޔާށޭ  އައިސްފައިވާ ޙަދީޘްތަކުގެ ތަފްސީރަކީ މިއީއެވެ. ހަމަކަށަވަރުން އޭގެ މުރާދަކީ: އިރުއެރުމުގެ ކުރިންނާއި އަދި އިރުއޮއްސުމުގެ ކުރިންނެވެ. އަދި އެކިޔަންވީ ފަތިސް[ނަމާދު] ފަހުންނާއި ޢަޞުރު[ނަމާދު] ފަހުންނެވެ. 

– އިބްނުލް ޤައްޔިމް رحمه الله ގެ ބަސްފުޅު ނިމުނީ – 

ހެނދުނާ ހަވީރުގެ ޛިކުރުތައް އޭގެ ވަގުތުގައި ކިޔުމަށް ހަނދާންނެތުން ނުވަތަ މަޝްޣޫލުވުން

މިކަމާ ބެހޭގޮތުން ފަޟީލަތުއްޝައިޚް ޢަބްދުއްރައްޒާޤް އަލްބަދްރު حفظه الله ވިދާޅުވެފައިވެއެވެ. 

” إن شاء الله، އެކަމަކީ ހަމަކަށަވަރުން ވަރަށްވެސް ތަނަވަސްވެގެންވާކަމެކެވެ.

އަޅަކު އެ[ޛިކުރުތައް] އޭގެ ވަގުތުގައި ކިޔުމަށް ހަނދުމަނެތިއްޖެނަމަ ނުވަތަ ކަމެއްދިމާވެއްޖެނަމަ، ހެނދުނުގެ ޛިކުރުތައް އިރުއެރުމަށްފަހު އަދި ހަވީރުގެ ޛިކުރުތައް އިރުއޮއްސުމަށްފަހު ކިޔުމަކީ މައްސަލައެއް ނޫނެވެ." (2) 

والله أعلم.

______________________

1 الوابل الصيب لإبن القيم (تحقيق سليم الهلالي) / ص: 165-166 / طبعة: دار ابن الجوزي

2 فقه الأدعية والأذكار ل(أ.د.عبدالرزاق البدر) / جزء: 2 / ص:12 / طبعة: وزارة الشؤون الإسلامية…

 

- ދިސަލަފިއްޔާ

 

މިއަދު އޮންލައިން