ގެފުޅުގެ ތާރީޚް 3: އިބްރާހީމްގެފާނާއި ޢިސްމާއީލުގެފާނު ގެފުޅު ބިނާކުރެއްވުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 7މ 59ސ
ގެފުޅުގެ ތާރީޚް 3: އިބްރާހީމްގެފާނާއި ޢިސްމާއީލުގެފާނު ގެފުޅު ބިނާކުރެއްވުން

އިބްރާހީމުގެފާނު ގެފުޅު ބިނާކުރެއްވުން ޤުރްއާނުގެ ނައްޞުން ދަލީލު ލިބޭ ގޮތުގައި އެންމެ ފުރަތަމަ ގެފުޅު ބިނާ ކުރެއްވީ އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނެއެވެ.

އެދެބަފައިކަލުން ގެފުޅު ބިނާ ކުރެއްވި ވާހަކައަށް އިޝާރާތް ކުރައްވައި އަރަހުށި މާތްﷲ، ބަޤަރާ ސޫރަތުގެ 127 ވަނަ އާޔަތުގައި ވަޙީ ކުރައްވައިފައިވަނި މިދަންނަވާ ފަދައިންނެވެ. 

وَإِذْ يَرْفَعُ إِبْرَاهِيمُ الْقَوَاعِدَ مِنَ الْبَيْتِ وَإِسْمَاعِيلُ رَبَّنَا تَقَبَّلْ مِنَّا ۖ إِنَّكَ أَنتَ السَّمِيعُ الْعَلِيمُ ‎﴿١٢٧﴾‏

މާނައީ: [އަދި އިބްރާހީމްގެފާނާއި އިސްމާޢީލުގެފާނާ ދެބަފައިކަލުން ގެފުޅުގެ ބިންގާ އުފުއްލަވައި ބިނާކުރައްވަމުން ގެންދެވިހިނދު، ހަނދުމަކުރާށެވެ! (އެހިނދު  ދުޢާ ކުރެއްވިއެވެ.) އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.] 

ޞަޙީހުލް ބުޚާރީގައި ރިވާވެގެންވާ ގޮތުގައި އިބްރާހީމްގެފާނަށް އިސްމާޢީލުގެފާނު ލިބިވަޑައިގެންނެވުމުން، އެ ތުއްޕުޅު ދަރިކަލުންނާއި، ހާޖަރުގެފާނު މައްކާގައި ވަޒަންވެރި ކުރެއްވިއެވެ. އޭރު އެތަނަކީ ގަހެއް ރުކެއްނެތްތަނެކެވެ. އެއްވެސް މީހަކު ދިރި ނޫޅޭތަނެކެވެ. ނަމަވެސް މަރުވެފައިވާ ރައްތައް ދިރުއްވާ ކަށަކުޅަދުންވަންތަ ރަސްކަލާނގެ މައްކާގެ ބިން ދިރުއްވައި އެތަން އާބާދު ކުރެއްވީ އާދަޔާ ޚިލާފުގޮތަކަށެވެ.  އޭގެ ދެކަނބަލުން މައްކާގެ ބިމަށް ދޫކުރައްވައިފައި އިބްރާހީމްގެފާނު ވަޑައިގެންނެވީ ޝާމުކަރައަށެވެ. އިބްރާހީމްގެފާނު ގެފުޅު ބިނާކުރެއްވީ އިސްމާޢީލުގެފާނު ބޮޑުފުޅުވެވަޑައިގެންނެވުމަށްފަހުގައެވެ. އިސްމާޢީލުގެފާނު އަމަލީގޮތުން އެކަލޭގެފާނުގެ މާތް ބައްޕާފުޅަށް ގެފުޅު ބިނާ ކުރުމުގައި އެހީތެރިވެވަޑައިގެންނެވިއެވެ. 

ޞަޙީޙު ބުޚާރީގައި ރިވާވެގެންވާ ރިވާޔަތެއްގައިވަނީ އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ މަސްޖިދުލް ޙަރާމް ނުވަތަ މައްކާގައިވާ ގެފުޅުކަމުގައެވެ. އިމާމު ބުޚާރީ އެކަލޭގެފާނުގެ ޞަޙީޙުގައި ނަބީބޭކަލުންގެ ވާހަކަ ބަޔާންކުރެއްވި ފޮތުގައި ރިވާކުރައްވައިފައިވެއެވެ. އަބޫޛައްރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ.

قُلْتُ يَا رَسُولَ اللَّهِ‏.‏ أَىُّ مَسْجِدٍ وُضِعَ أَوَّلُ قَالَ ‏"‏ الْمَسْجِدُ الْحَرَامُ ‏"‏‏.‏ قُلْتُ ثُمَّ أَىٌّ قَالَ ‏"‏ ثُمَّ الْمَسْجِدُ الأَقْصَى ‏"‏‏.‏ قُلْتُ كَمْ كَانَ بَيْنَهُمَا قَالَ ‏"‏ أَرْبَعُونَ ‏"‏‏.‏ ثُمَّ قَالَ ‏"‏ حَيْثُمَا أَدْرَكَتْكَ الصَّلاَةُ فَصَلِّ، وَالأَرْضُ لَكَ مَسْجِدٌ ‏"‏‏

 ތިމަންކަލޭގެފާނު މާތް ރަސޫލާއަށް ދެންނެވީމެވެ. [އޭ ﷲ ގެ ރަސޫލާއެވެ! ބިމުގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތަކީ ކޮބައިތޯއެވެ؟] ޙަދީޘްކުރެއްވިއެވެ. [އަލްމަސްޖިދުލް ޙަރާމްއެވެ.] ތިމަންކަލޭގެފާނު ދެންނެވީމެވެ. [ދެން ކޮން މިސްކިތެއްތޯއެވެ؟] ޙަދީޘްކުރެއްވިއެވެ. [ދެން އަލްމަސްޖިދުލް އަޤްޞާއެވެ.] ތިމަންކަލޭގެފާނު ދެންނެވީމެވެ. [އެ ދެމިސްކިތް ދެމެދުގައި ކިހާ މުއްދަތެއްވޭތޯއެވެ؟] ޙަދީޘްކުރެއްވިއެވެ. [ސާޅީސް އަހަރެވެ.] އެއަށްފަހު ޙަދީޘްކުރެއްވިއެވެ. [ފަހެ، ނަމާދު ވަގުތު ޖެހޭ ހިނދު ތިބާ ކޮންމެ ތަނެއްގައި ވީނަމަވެސް ނަމާދުކުރާށެވެ. އެހެނީ މުޅި ބިން ލައްވައިފައިވަނީ ތިބާއަށްޓަކައި ނަމާދުކުރާ ތަނެއް (މިސްކިތެއް) ކަމުގައެވެ.] (صحيح البخاري،كتاب أحاديث الأنبياء،بَابُ قَوْلِ اللَّهِ تَعَالَى: {وَوَهَبْنَا لِدَاوُدَ سُلَيْمَانَ نِعْمَ الْعَبْدُ إِنَّهُ أَوَّابٌ} ޙަދީޘް 3425).

އިމާމު ބުޚާރީ ރިވާކުރައްވައިފައިވެއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم  ޙަދީޘް ކުރެއްވިއެވެ. ކަޢުބަތު اللَّهِގެފުޅު ބިނާކުރެއްވުމަށް އިބްރާހީމްގެފާނަށް އަމުރުކުރެއްވުމުން، އެކަލޭގެފާނު ދަތުރުކުރައްވައި މައްކާއަށް ވަޑައިގެން ދަރިކަލުން އިސްމާޢީލުގެފާނާ ބައްދަލުކުރައްވައި އެ ޚަބަރު ދެއްވިއެވެ. ޖަވާބުގައި ދަރިކަލުން އިސްމާޢީލުގެފާނު ދެންނެވިއެވެ. [ބައްޕާގެ އިލާހަށް ކިޔަމަންތެރިކަން އަދާކުރައްވާށެވެ.] އިބްރާހީމްގެފާނު ވިދާޅުވިއެވެ. [އެކަލާނގެ އަމުރުކުރައްވަނީ ދަރިފުޅުވެސް މިކަމުގައި ބައްޕައަށް އެހީތެރިވުމަށެވެ.] އިސްމާޢީލުގެފާނު ދެންނެވިއެވެ. [އަޅުގަނޑު އެހީތެރިވާހުށީމެވެ.]  އެ ދެބަފައިކަލުން އެމަސައްކަތް ފެއްޓެވިއެވެ. އިސްމާޢީލުގެފާނު ހިލަތައް ގެނެސްދެއްވަމުން ގެންދެވިއެވެ. އަދި އިބްރާހީމްގެފާނު ގެފުޅު ބިނާކުރައްވަމުން ގެންދެވިއެވެ. އެ ދެބަފައިކަލުން މި ދަންނަވާ ދުޢާކުރައްވަމުން ގެންދެވިއެވެ.  [އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެންގެ ކިބައިން (މިކަން) ޤަބޫލުކުރައްވައިފާނދޭވެ! ހަމަކަށަވަރުން، އިބަރަސްކަލާނގެއީ މޮޅަށް އައްސަވާވޮޑިގެންވާ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.]  އަދި ގެފުޅުގެ ބިނާ އުސްވެ، އިބްރާހީމްގެފާނު އެހިލަތައް އުފުއްލެވުމަށް ނުކުޅެދިވަޑައިގެންހިނދު، މިހިލަ (އެބަހީ: މަޤާމު އިބްރާހީމްގެ ނަންދެވިފައިވާ ހިލަ) އިސްމާޢީލުގެފާނު ގެންނެވިއެވެ. އެ ހިލަގެންނަވައި، އިބްރާހީމްގެފާނު އެ މައްޗަށް އަރާވަޑައިގަތުމަށްޓަކައި ބެހެއްޓެވިއެވެ. އެކަލޭގެފާނު އެ މައްޗަށް އަރާވަޑައިގެން ހުންނަވާ ގެފުޅު ބިނާކުރައްވަމުން ގެންދެވިއެވެ. އިސްމާޢީލުގެފާނު ބައްޕާފުޅުގެ އަތްޕުޅަށް ހިލަތައް ފޯރުކޮށްދެއްވަމުން ގެންދެވިއެވެ. އަދި އެގޮތުގެމަތިން ގެފުޅުގެ ވަށައިގެން މަސައްކަތްކުރައްވަމުން، އިސްވެ ބަޔާންވެގެންވާ ދުޢާ ދެބަފައިކަލުން ވިދާޅުވަމުން ގެންދެވިއެވެ. (ޞަޙީޙުލް ބުޚާރީ، ކިތާބު އަޙާދިޘުލް އަންބިޔާއު،باب ‏‏يَزِفُّونَ‏‏ النَّسَلاَنُ فِي الْمَشْىِ، ޙަދީޘް:3364).  

ތިރީގައި މިވާ ފޮޓޯއަކީ ޢަރަބްނިއުސް.ކޮމް އިން ނަގައިފައިވާ ފޮޓޯއެކެވެ. ފޮޓޯ ނެގި ތާރީޚެއްކަމުގައި ބުނެފައި އޮތީ މީލާދީން 1881 ވަނަ އަހަރެވެ. ފޮޓޯ ނަގައިފައިވަނީ މިޞްރަށް އުފަން މުޙައްމަދު ޞާދިޤު ބޭ ( Muhammad Sadiq Bey) އެވެ. މި ފޮޓޯއިން އެޒަމާނުގައި ޙަރަމްފުޅު ސަރަޙައްދު އޮތް ގޮތް ފެނެއެވެ. މިފޮޓޯ މިވަނީ އޭއައި ބޭނުންކޮށްގެން ސާފުކޮށްފައެވެ.  (https://www.arabnews.com/node/1491651/lifestyle). 

gefulhu

އިބްރާހީމްގެފާނާއި ޢިސްމާޢީލުގެފާނަށްފަހު ދެން އައި ޒަމާންތަކުގައި ގެފުޅު ބިނާކުރެއްވި ފަރާތްތަކާ ބެހޭ ގޮތުން ޚިލާފު ހުރެއެވެ. އިބްރާހީމްގެފާނަށްފަހު ޢަމާލިޤުންނާއި، ޖުރުހުމް ޤަބީލާގެމީހުންނާއި، ޤުޞައްޔު ބިން ކިލާބު އަދި ޢަބްދުލްމުއްޠަލިބުގެފާނު ގެފުޅު ބިނާކުރެއްވި ކަމަށް އައިސްފައިވާ ރިވާޔަތްތައް ހުރެއެވެ. ނަމަވެސް އިސްލާމްވެބް.ނެޓް ގައި ބަޔާންކޮށްފައިވަނީ އިބްރާހީމްގެފާނަށްފަހު ދެން ގެފުޅު ބިނާކުރިކަމަށް ޞައްޙަ ގޮތުގައި ރިވާވެފައިވަނީ ޤުރައިޝުންކަމުގައެވެ. އެއީ މާތް ރަސޫލާ صلّى اللّـه عليه وسلّم  ގެ ޒަމާނުގައެވެ. (އިސްލާމްވެބް.ނެޓް، 2003).

(ނުނިމެ)

މިއަދު އޮންލައިން