ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އަވަހާރަވި ރަސޫލާ ޞޢޥ ގެ އަނބިކަނބަލުން އުއްމުލް މުއުމިނީން މައިމޫނާ ރަޟިޔަالله ޢަންހާގެ ސިޔަރަތުގަ ލިބިގަންނަންޖެހޭ ފިލާވަޅުތަކެއްވޭ!

ކިޔުމަށް ހޭދަވާނީ 8މ 38ސ
ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު އަވަހާރަވި ރަސޫލާ ޞޢޥ ގެ އަނބިކަނބަލުން އުއްމުލް މުއުމިނީން މައިމޫނާ ރަޟިޔަالله ޢަންހާގެ ސިޔަރަތުގަ ލިބިގަންނަންޖެހޭ ފިލާވަޅުތަކެއްވޭ!

އަލީ އިހްސާން ފިރާޤް

އުއްމުލް މުއުމިނީން މައިމޫނާ ރަޟިޔަالله ޢަންހާއަކީ ރަސޫލާ صلّى اللّـه عليه وسلّم އެންމެ ފަހުން ކާވެނިބައްލަވައިގެންނެވި އަނބިކަނބަލުންނެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ ކާވެނި ބައްލަވައިގަތީ ހިޖްރައިން 7 ވަނަ އަހަރުގެ ތެރޭގައެވެ. މައްކާގެ ރައްބޭރުގައިވާ ސަރިފު އޭ ކިޔުނު ތަނެއްގައެވެ. އެކަމަނާއަށް ރަސޫލާ صلّى اللّـه عليه وسلّم އާއެކު ހޭދަކުރެވިފައިވަނީ ގާތްގަނޑަކަށް އެންމެ ތިން އަހަރެވެ.

މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގަތުމުގެ ކުރިން އެކަލޭގެފާނު އެކަމަނާއަށް ޙަދީޘް ކުރެއްވިއެވެ. [ކަމަނާ މައްކާގައި އަވަހާރައެއް ނުވާނެއެވެ.] ރަސޫލާ صلّى اللّـه عليه وسلّم އާ ކާވެނި ބައްލަވައިގަތްފަހުން މައިމޫނަތުގެފާނު އުޅުއްވީ މަދީނާގައެވެ. މަސްޖިދުއްނަބަވީ ކައިރީގައި ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއަށް ބިނާކޮށްދެއްވި ކޮޓަރިކޮޅުގައެވެ.

ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެވަޑައިގެންނެވުމުން މައިމޫނަތުގެފާނު ވަރަށް ހިތާމަފުޅު ކުރައްވާ ޒީނަތްތެރިކަމުން ދުރުވެވަޑައިގެން އިންނަވާކަމުގައިވެއެވެ. އޭގެފަހުން އެކަމަނާގެ އެންމެހާ ވަގުތުތަކެއް ހުސްކުރައްވާފައިވަނީ އަޅުކަން ކުރެއްވުމަށްޓަކައެވެ. ރަސޫލާ صلّى اللّـه عليه وسلّم ގެ ސުންނަތަށް ތަބާވެވަޑައިގެން ގިނަގިނައިން ސިވާކު ކުރައްވާ (ދަތްއުނގުޅުއްވާ) އުޅުއްވިއެވެ. އެކަމަނާ ގެކޮޅުގައި އުޅުއްވި ގޮތް ލޯފުޅުން ދެކެވަޑައިގެންނެވި އެއްބޭކަލަކީ އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ޔަޒީދު ބްނުލް އަޞުމްއެވެ. އޭނާ ވިދާޅުވެފައިވެއެވެ.

[ރަސޫލާގެ އަނބިކަނބަލުން މައިމޫނާގެ ސިވާކު ދަނޑިކޮޅު އަބަދުވެސް އޮންނަނީ ފެނަށްލައި ފޯކޮށްފައެވެ. ގެކޮޅުގެ މަސަކަތްޕުޅެއް ކުރެއްވުމަށް ނުވަތަ ނަމާދުކުރެއްވުމުގައި މަޝްޣޫލުވެވަޑައިގެން ނޫޅުއްވާނަމަ އެކަމަނާ އެ ސިވާކު ދަނޑިކޮޅު ނަންގަވައި މިސްވާކު ކުރައްވަން ފައްޓަވައެވެ.] (އިބްނު ސަޢުދު، 1995، ޞ 98). އެޒަމާނުގައި ދަތްއުނގުޅަން ގިނައިން ބޭނުން ކުރަނީ އަރާކު ގަހުގެ ދަނޑިކޮޅެކެވެ.

އުއްމުލް މުއުމިނީން މައިމޫނާ ރަޟިޔަالله ޢަންހާ އިސްލާމީ އުއްމަތުގެ ހަތަރު ޚަލީފާއިންގެ ދައުރު ދެކެވަޑައިގެންނެވިއެވެ. އަމީރު މުޢާވިޔަތުގެފާނުގެ ޚިލާފަތުގެ ދުވަސްވަރުންވެސް ބައެއް އެކަމަނާ ދެކެވަޑައިގެންނެވިއެވެ. ނަމަވެސް އެކަމަނާ އެއްވެސް ކަހަލަ ސިޔާސީ ކަމެއްގައި ބައިވެރިވެވަޑައެއް ނުގަންނަވައެވެ. ޙައްޖާއި ޢުމްރާގެ އަޅުކަން އަދާކުރެއްވުމަށް މެނުވީ އެކަމަނާ އެއްވެސް ގޮތަކަށް ގެކޮޅުން ބޭރަށް ވަޑައިގެން ނޫޅުއްވައެވެ (މުސްޢަދު، 2000، ޞ 216).

ޙައްޖަށް ވަޑައިގެންފިނަމަ އެކަމަނާގެ އާދަފުޅަކީ މުޅި ދަތުރުމަތީގައިވެސް އަރަހުށި މާތްﷲ ޒިކުރު ކުރައްވައި ތަލްބިޔާ ވިދާޅުވުމެވެ. ޢަބްދުالله ބިން ޢައްބާސް ރަޟިޔަالله ޢަންހު މިނިވަންކުރެއްވި އަޅެއްކަމުގައިވާ ކުރައިބު ވިދާޅުވެފައިވެއެވެ. [އިބްނު ޢައްބާސް ތިމަންނައަށް މައިމޫނަތުގެފާނުގެ ޖަމަލުގެ ލަގަނުގައި ހިފައިގެން ދަތުރު ކުރުމަށް ފޮނުއްވިއެވެ. މައިމޫނަތުގެފާނު ދަތުރުފުޅުމަތީގައި ޢަޤަބާއަށް ހިލަ އުކައިފުމަށް ދާންދެން ތަލްބިޔާ ވިދާޅުވިއެވެ.] (އިބްނު ސަޢުދު، 1995،ޞ 98).

ހިޖްރައިން 51 ވަނަ އަހަރު އުއްމުލް މުއުމިނީން މައިމޫނާ ރަޟިޔަالله ޢަންހާ ޙައްޖަށް ވަޑައިގެންނެވިއެވެ. ޙައްޖުގެ މަނާސިކުތައް ފުރިހަމަ ކުރަވައި ނިންމެވިފަހުން އެކަމަނާއަށް އަވަހާރަވުމުގެ އާލާސްކަންފުޅު ޖެހިވަޑައިގެންނެވިއެވެ. ޔަޒީދު ބްނުލް އަޞުމްގެ އަރިހުން ރިވާވެފައިވެއެވެ. މައިމޫނާ ރަޟިޔަالله ޢަންހާ ގެ އާލާސްކަންފުޅު ބޮޑުވުމުން އެކަމަނާ ވިދާޅުވިއެވެ. [އަހަރެން މިރަށުން ގެންދާށެވެ. އަހަރެން މިރަށުގައި މަރުނުވާނެކަމަށް ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރައްވަނިކޮށް އަޑުއެހީމެވެ.]

ދެން އުއްމުލް މުއުމިނީން މައިމޫނާ ރަޟިޔަالله ޢަންހާ ގޮވައިގެން ދަތުރުކުރެއްވި ބޭކަލުންނަށް ސަރިފޭ ކިޔުނު ތަނަށް ދެވުނުތަނާ އެކަމަނާ އަވަހާރަވެއްޖެއެވެ. އެތަނަކީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ އެކު އެންމެ ފުރަތަމަ ރޭކުރެއްވި މަންޒިލެވެ. އަރަހުށި މާތްالله އެކަމަނާގެ ބާއްޖަވެރި ކާވެނިކުރެވުނު ތަނަކީ އެކަމަނާ އަވަހާރަވެ ފަސްދާނުވަޑުވާނެތަން ކަމުގައި ލެއްވިއެވެ (މުސްޢަދު، 2000، ޞ 216).

އުއްމުލް މުއުމިނީން މައިމޫނާ ރަޟިޔަالله ޢަންހާ ގެ މައްޗަށް އިމާމުވެވަޑައިގެން ކަށުނަމާދުކުރެއްވީ އެކަމަނާއަށް ބޮޑުދައިތަ ވިދާޅުވާ ބޭކަލެއްކަމުގައިވާ ޢަބްދުالله ބިން ޢައްބާސް ރަޟިޔަالله ޢަންހު އެވެ. އެކަމަނާގެ ހަށިކޮޅު ފަސްދާނުލާން ގެންދާންފެށުމުން އެކަލޭގެފާނު ވިދާޅުވިއެވެ. [ތިޔައީ رسول اللّـه صلّى اللّـه عليه وسلّم ގެ ޙުރުމަތްތެރި އަނބިކަނބަލުންގެ ހަށިކޮޅެވެ. ތިޔަ ހަށިކޮޅު ނުތަޅުވައި މަޑުމައިތިރިކަމާއި އޯގާވެރިކަމާ އަދަބުވެރިކަމާއެކު ގެންދާށެވެ] (صحيح مسلم، كتاب الرضاع، بابجَوَازِ هِبَتِهَا نَوْبَتَهَا لِضَرَّتِهَا ،ޙަދީޘް ނަންބަރު 1465).

ޔަޒީދު ބްނުލް އަޞުމް ވިދާޅުވެފައިވެއެވެ. [މައިމޫނަތުގެފާނު ފަސްދާނުވެޑުވީ ސަރިފުގައެވެ. އެއީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާއާ އެކު އެންމެ ފުރަމަތަ ރޭކުރެއްވި މަންޒިލެވެ. އޭރު އެކަމަނާވަނީ ޙައްޖުގެ އަޅުކަމުގެ ތެރޭގައި އިސްތަށިފުޅު އިސްތަށިކޮޅުތައްވެސް ބާލުއްވައިފައެވެ. އެކަމަނާގެ ހަށިކޮޅު ކައްވަޅުފުޅުގައި ވެޑުވީ އަހަރެންނާއި ޢަބްދުالله ބިން ޢައްބާސް އެވެ. އެކަމަނާ ޤަބުރުފުޅު ވެޑުވުމުން އިސްތަށިފުޅު މާ ތިރިއަށް ދިޔުމުން ތިމަންގެ ރިދާ ބޮޑިކޮށްލައިފައި އެކަމަނާގެ އިސްތަށިފުޅުގެ ދަށަށް ލެއްވުމުން ޢަބްދުالله ބިން ޢައްބާސް އެ ރިދާ ނަގައިފައި އެއްލަވައިލެއްވިއެވެ. އެއަށްފަހު ހިލައެއް ގެންނަވައި އެ ހިލަ މަތީގައި އެކަމަނާގެ އިސްތަށިފުޅު ބޭއްވެވިއެވެ (އިބްނު ސަޢުދު، 1995،ޞ 98.)

އަދިވެސް ޔަޒީދު ބްނުލް އަޞުމް ވިދާޅުވެފައިވެއެވެ. ތިމަންނާ އާއި ތަލްޙަތުގެފާނުގެ ދަރިކަލުން މައްކާއިން އަންނަނިކޮށް ޢާއިޝަތުގެފާނާ ބައްދަލުވިއެވެ. ތިމަންގެ ކައިރީގައި ހުރި ތަލްޙަތުގެފާނުގެ ދަރިކަލުންނަކީ ޢާއިޝަތުގެފާނުގެ އުޚުތުގެ ދަރިކަލެކެވެ. އޭގެ ކުރިން ތިމަންމެން ދެމީހުންވަނީ މަދީނާގެ ބަގީޗާއަކަށްވަދެ ހުއްދަ ނުހޯދާ އެތަނުން މޭވާ ބިނދެގެން ކައިފައެވެ. އެޚަބަރު ޢާއިޝަތުގެފާނަށްވެސްވަނީ ލިބިވަޑައިގެންފައެވެ. އެކަމާ އެކަމަނާ، އެކަމަނާގެ އުޚުތުގެ ދަރިކަލުންނަށް ކޯފާއިސްކުރައްވާ ނުރުހުންވެވަޑައިގެން އެއްޗެހި ވިދާޅުވެ ނަޞޭހަތްދެއްވިއެވެ. އެއަށްފަހު ތިމަންގެ ގާތަށް އެނބުރިވަޑައިގެން ނުހަނު ބަލާޢާތްތެރި ޢިބާރާތުން ނަސޭޙަތްދެއްވިއެވެ.

އެކަމަނާ ވިދާޅުވިއެވެ. [ الله ތަޢާލާ ތިބާ ހެޔޮކަމުގެ މަގަށް ނެރުއްވާ ތިބާއަކީ ނަބިއްޔާގެ ގެކޮޅުގެ އަހްލުވެރިއެއްކަމުގައި ލެއްވިކަން ތިބާއަށް ނޭނގޭ ހެއްޔެވެ؟ މައިމޫނާ އަވަހާރަވެއްޖެއެވެ. އަދި ތިބާގެ ލަގަން ތިބާގެ ކޮނޑުމައްޗަށް ދޫކޮށްލެވިއްޖެއެވެ. ހަމަކަށަވަރުން މައިމޫނާއަކީ އަހަރެމެންގެ ތެރޭގައި ހުންނެވި އެންމެ ތަޤްވާވެރި، ގާތް ތިމާގެ ކަމުގެ ގުޅުން ޤާއިމު ކުރައްވާ ކަމަނާއެވެ](އިބްނު ސަޢުދު، 1995،ޞ 98).

ކުރިން ދެންނެވުނު ފަދައިން، ޔަޒީދު ބްނުލް އަޞުމްކީ ކީރިތި ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލުން މައިމޫނަތުގެފާނަށް ބޮޑުދައިތަ ވިދާޅުވާ ބޭފުޅެކެވެ. އަދި އޭނާއާއެކު ދެން ހުރި ޒުވާނަކީ ޢާއިޝަތުގެފާނަށް ބޮޑުދައިތަ ވިދާޅުވާ (އެކަމަނާގެ އުޚުތު އުއްމު ކުލްޘޫމްގެ ދަރިކަލުން) ޢަބްދުﷲ އިބްނު ޠަލްޙާއެވެ. މި ދެކުދިން މަދީނާގެ ބަގީޗާއަކަށް ވަދެ، ހުއްދަ ނުހޯދާ މޭވޭ ކެއުމުން ޢާއިޝަތުގެފާނު ކޯފާއިސްކުރައްވައި ނަސޭޙަތްދެއްވިއެވެ. އެދެކުދިންނަކީ ރަސޫލާ صلّى اللّـه عليه وسلّم ގެ އަނބިއަނބިކަނބަލުންނަށް ބޮޑުދައިތަ ވިދާޅުވާ، ނަބަވީ ގެކޮޅުގެ ހިޔާވަހިކަމާ ގުޅިފައިވާ ދެކުދިންކަމުގައިވާތީ، އެކުދިންގެ އަޚްލާޤު އެއަށްވުރެ ހަރުދަނާވެ، ނަމޫނާއަކަށް ވާންޖެހޭނެކަމަށް އެކަމަނާ ދެކެވަޑައިގެންނެވިއެވެ.

މި ހާދިސާގައި ޢާއިޝަތުގެފާނު ބޭނުންކުރެއްވި ބަލާޣާތްތެރި މިސާލު ބަހަށް ބަލާއިރު، ޖަމަލުގެ ކަރުގައި އޮންނަ ލަގަން އޭގެ ބުރަކަށި މައްޗަށް ދޫކޮށްލުމުން، އޭތި އެއްވެސް މިސްރާބެއްނެތި ހިނގައިދެއެވެ. ހަމައެފަދައިން، ޒުވާނަކު ބަލަހައްޓާނެ މީހަކު ނެތިއްޖެނަމަ، ލިބޭ މިނިވަންކަމުގެ ނުބައި ބޭނުންކޮށް، ގިނަފަހަރު އޮންނާނީ ނުބައިމަގަކަށް އެޅިފައެވެ. ޔަޒީދު ބަލަހައްޓަވައި ތަރުބިއްޔަތު ކުރެއްވީ މައިމޫނަތުގެފާނެވެ. މައިމޫނަތުގެފާނު އަވަހާރަވުމުން، ޔަޒީދަށް ނަޞޭހަތްދީ ކުށްކުރުމުން ދުރުކޮށްދޭނެ ބެލެނިވެރިއަކު ނެތި، ދާނެ މިސްރާބަކަށް ދާން ހިފެހެއްޓުމެއްނެތް މިނިވަންކަމަކާއެކު އުޅެން ފުރުސަތު ލިބުނީއެވެ. އެހެންކަމުން، ޢާއިޝަތުގެފާނު ހަނދާންކޮށްދެއްވީ މައިމޫނަތުގެފާނު ފަދަ ތަޤުވާވެރި ބޭކަނބަލެއްގެ ފަރާތުން ލިބުނު މަތިވެރި ތަރުބިއްޔަތުގެ ބޭނުން ހިފައިގެން، އަމިއްލަ ޒިންމާ ނަގައިގެން ކުރިއަށް ދިޔުމަށެވެ. އެކަމަނާގެ މި ހަރުދަނާ ނަޞޭޙަތުގެ ސަބަބުން ޔަޒީދު އިޞްލާޙުވެ، ފަހުން އޭނާ ވެގެންދިޔައީ މަދީނާގެ ބޮޑު ޢިލްމުވެރިއަކަށެވެ. އިތުބާރު ހުރި މުޙައްދިޘަކަށެވެ.

ރެފަރެސް 1. އިބްނު ސަޢުދު، މުޙައްމަދު. (1995). ވިމެން އޮފް މެޑީނާ (ޢާއިޝާ ބިވްލީ، ތަރުޖަމާނު). ލަންޑަން: ތާހާ ޕަބްލިޝާސް 2. މުސްޢަދު، މުޙައްމަދު ފަތުޙީ. (2000). ދަ ވައިވްސް އޮފް ދަ ޕްރޮފެޓް މުޙައްމަދު: ދެއަރ ސްޓްރައިވްސް އެންޑް ދެއަރ ލައިވްސް. ގާހިރާ: އިސްލާމިކް އިންކް ޕަބްލިޝިންގ އެންޑް ޑިސްޓްރިބިއުޝަން.

މިއަދު އޮންލައިން