ފާފަކުރެވޭ މީހުން އެކަމުން ސަލާމަތްކުރަން އެންމެ ބޮޑަށް ބޭނުންވާނީ އެހީތެރިކަން! ބުނެލާ ބަހަކުން ނުވަތަ ދޭ ނަޞީޙަތަކުން ނުފުދޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ފާފަކުރެވޭ މީހުން އެކަމުން ސަލާމަތްކުރަން އެންމެ
ބޮޑަށް ބޭނުންވާނީ އެހީތެރިކަން! ބުނެލާ ބަހަކުން ނުވަތަ ދޭ ނަޞީޙަތަކުން
ނުފުދޭނެ!

 މަގުގެއްލިފައިވާ މީހަކަށް ނަޞީޙަތްދިނުމުން

ޤަބޫލުނުކުރާނަމަ ދެން ކުރެވޭނީ ކޮންކަމެއްތޯ؟ މިއީ ވަރަށް ގިނައިން ކުރިމަތިވާ ސުވާލެކެވެ. އެހެންވެ މިކަމުގެ މައްޗަށް ބަލައިލާނަމެވެ. އިން ޝާ ﷲ

 މީހެއްގެ ދަރިއަކު ފާފަކުރާނަމަ ނުވަތަ

ނަމާދުނުކުރާނަމަ އޭނާގެ މައިންބަފައިންގެ ގާތުގައި އެވާހަކަ ދެއްކުމުން އެންމެ ގިނައިން ލިބޭ ޖަވާބަކީ "ވަރަށް ގިނައިން ނަޞޭޙަތްދެމެވެ. ބަސްޤަބޫލުނުކުރަނީއެވެ. އިޞްލާޙް ނުވަނީއެވެ." އަހުރެން ބުނާނީ މިއީ ވަރަށް ޒިންމާދާރުކަންކުޑަ ޖަވާބެއް ކަމަށެވެ. ސަބަބު އަހުރެންގެ ތަޖުރިބާއިން މިބުނެދެނީއެވެ.

އަހުރެމެންގެ ތެރެއިން ގިނަބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ ފާފަކުރެވޭ މީހުންގެ ގާތުގައި އެކަން ނުކުރަން ބުނެ ނަޞޭޙަތް ދިނުމުން ފުދުނީކަމަށެވެ. ނަޞޭޙަތް ދިނުމުން އެއީވެސް މިންވަރެކެވެ. ނަމަވެސް ބައެއް ޙާލަތްތަކުގައި އެވަރަކުން ނުފުދެއެވެ. އެމިހާއަށް ފާރަވެރިވެ އެހީތެރިވާންވެސް ޖެހެއެވެ. ޚާއްޞަކޮށް އެމީހުންނަކީ ފާފަކުރަން އާދަވެފައި ތިބި ބައެއް ނަމައެވެ. ނަމާދުނުކުރަން އާދަވެފައި ތިބި ބައެއް ނަމައެވެ.  

މިރޭގެ ދަރުސް ފަށާނީ މިބުނި ބަހުގެ ވަރަށް ކުޑަކުޑަ މިސާލަކުންނެވެ. މީގެ 3 އަހަރުކުރިން ޝަޢްބާން މަހެއްގެ ކުރީކޮޅު ކުރި ދަތުރެއްގައި ބައްދަލުވި މީހެކެވެ. އޭނާ ބުނި ގޮތުން އޭނާއަކީ ބައެއް ޒާތުގެ ފާހިޝް އަމަލުކުރަން ދެވިހިފާފައި ހުރި މީހެކެވެ. އެކަންކަން ނުކުރާނަމަ އޭނާއަށް ދިރުމެއް ނުވެއެވެ. ހުންނަނީ މަރުވެފައި ހުންނަ މީހެއް ފަދައިންނެވެ. އޭނާ ބުނީ އިޞްލާޙްވެ ރޯދަ ހިފަން ބޭނުންވާ ކަމަށެވެ. ނަމަވެސް ރޯދަ މަހުވެސް ބައެއް ދުވަސް ދުވަހު ވެސް އޭނާއަށް ރޯދަ ދޫކުރެވޭކަމަށެވެ.  

އަހަރެން އޭނާގެ ކިބައިން ދެ ކަމަކަށް އެދުނީމެވެ. ފުރަތަމަ ކަމަކީ އެފަދަ އަމަލުތައް ކުރުން މުޅިން ހުއްޓައިލުމަށް ޢަޒުމް ކަނޑައެޅުމެވެ. ދެވަނައަށް އަހަރެން އެދުނީ އަހަރެންގެ ފޯނު ނަގައިދިނުމަށެވެ. އެ 2 ކަންތައް ކޮށްދިނުމަށް އޭނާ ވައުދުވިއެވެ.  

ރަމަޟާން މަސް ފެށުމުން ފުރަތަމަ ހަފްތާގައި ކޮންމެ ދުވަހަކު އެކި ވަގުތުތަކުގައި އަހަރެން އޭނާއަށް ފޯނުކުރީމެވެ. ހުންނަނީ ރޯދައަށްތޯ ސުވާލުކުރީމެވެ. ރޯދަ ދޫނުކުރުމަށާއި ރޯދަ ވީއްލުމަށްފަހުގައިވެސް އެއްވެސް ފާފައެއް ނުކުރުމަށް އަހަރެން ހިތްވަރު ދިނީމެވެ. އެއިގެ ފަހުން 2 ދުވަހުން 3 ދުވަހުން އަހަރެން އޭނާއަށް ގުޅީމެވެ. އެގޮތަށް ގުޅަމުން ގޮސް ފަހު ދިހައިގައި ގުޅުމުން ބުނީ މިއިނީ އިއްތިކާފަށް މިސްކިތުގައި ކަމަށެވެ.  

މިއަދު އޭނާއަކީ މީސްތަކުން އިޞްލާޙްކުރަން ގަދައަޅައި މަސައްކަތްކުރާ މީހެކެވެ. ލިބޭ އާމްދަނީން ބައެއް އެކަމަށް ހޭދަކުރާ މީހެކެވެ. އަދި އޭނާ އިޞްލާޙްވެ އެގޮތުގައި މަސައްކަތް ފެށިފަހުން ކުރާ މަސައްކަތް ކާމިޔާބުވެ ކުރިއަރަމުން އައިސް ފާއިތުވި 3 އަހަރު ތެރޭ އޭނާގެ މަސައްކަތަށް ވަނީ 2 ގުނަ ކުރިއެރުން ލިބިފައެވެ. އޭނާ ބުނާ ގޮތުން އިޞްލާޙްވުމުގެ މަސައްކަތް އޭނާ ފެށީ 50 ވަރަކަށް މުވައްޒިފުން ގެންގުޅެމުންނެވެ. މިއަދު އޭނާގެ ވަޒީފާގައި 200 އާއި ގާތްކުރާ އަދަދަކަށް މުވައްޒިފުން އެބަ ތިއްބެވެ. ވިޔަފާރި ވަނީ އެތައް ގުނައަކަށް ފުޅައުވެފައެވެ.  

މިއީ މިއަދު ހަމަ ކޮންމެ މީހަކުވެސް ޢިބްރަތް ޙާޞިލުކުރުން ރަނގަޅު މިސާލެކެވެ. އޭނާ އިޞްލާޙްވުމުގެ އެންމެ ބޮޑު ބާރަކަށް އެވީ އެމީހާއަށް ފޯނުން ގުޅައި އޭނާގެ ޢަމަލުތަކަށް ފާރަވެރިވެވުނުކަމެވެ.  

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން