ގިނަ ފިރިހެނުން އަނބިން ގިނަކުރަނީ އެކަމުން ލިބޭ ހިތްހަމަޖެހުން ބޮޑުވާނެކަމަށް ވިސްނިގެންނެވެ. ކޮންމެހެން އަނބިމީހާގެ ކިބައިން ތިމާގެ ބޭނުންތައް ނުފުދިގެނެއް ނޫނެވެ. މިއަދުގެ ޙާލަތުގައި މިއީ ވިސްނައިލަން ޖެހިފައި އޮތް ކަމެކެވެ.
ތަނަވަސްކަން ހުރިނަމަ ގިނަ އަނބިން ހޯދުމަކީ މައްސަލައެއް ނުވަތަ އެކަން ކޮށްގެންނުވާނެކަމަކަށް ނުބުނަމެވެ. އަހުރެން މިދައްކަނީ ގިނަ އަނބިން ހޯދުމުން ގިނަބައަކަށް ކުރިމަތިވާ މައްސަލަތަކުގެ ވާހަކައެވެ.
ފުރަތަމަ މިބަޔާންކުރަނީ ދުނިޔޭގެ ނިޞްބަތުންވެސް ތަނަވަސް މީހަކު ބުނެފައިވާ ބަސްކޮޅެކެވެ.
"ގިނަ އަންހެނުންތަކުގެ ފަހަތުން ނުދުވެ އެއް އަންހެނަކު އިޚްތިޔާރުކުރާށެވެ! އޭނާ ތިބާ އިތުރަށް މުއްސަނދިކުރުވާނެއެވެ. ގިނަ އަންހެނުންތަކުގެ ފަހަތުން ދުވާނަމަ އެމީހުން ތިބާ ފަޤީރުކުރުވާނީއެވެ."
ތަކުރާރުވެސް ކޮށްލާނަމެވެ! "އަންހެނުންތަކުގެ ފަހަތުން ނުދުވެ އެއް އަންހެނަކު އިޚްތިޔާރުކުރާށެވެ! އޭނާ ތިބާ އިތުރަށް މުއްސަނދިކުރުވާނެއެވެ. ގިނަ އަންހެނުންތަކުގެ ފަހަތުން ދުވާނަމަ އެމީހުން ތިބާ ފަޤީރުކުރުވާނީއެވެ." މިއީ ދިރިއުޅުމަށް އެންމެ އަގުހުރި ނަޞޭހަތެވެ. ގިނަ ބައަކު ނިކަމެތިވެ ފަޤީރުވަމުން އެދަނީ މި ނަޞީޙަތުގައި ނުހިފެހެއްޓޭތީއެވެ.
ދެއަންތބަށް ކައިވެނިކުރުމަކީ އަންހެނުންވާ ޤުރްބާނީއެކެވެ. އެކަމުގެ ސަބަބުން މައްސަލަތަކާއި ކުރިމަތިވާނެކަން އެނގޭތީއެވެ. ވީމާ ގިނަ އަންހެނުން ދެއަތްނބަށް ކައިވެނިކުރާނީ އޭނާގެ ދިރިއުޅުމަށް އެކަމުން ފައިދާކުރާނެނަމައެވެ. ތަނަވަސްކަމާއިއެކު ދިރިއުޅުމުގެ އުންމީދުގައެވެ. ވީމާ އޭނާއަށް ޚަރަދުތަކެއް ކުރަންޖެހޭނެއެވެ. އެކަމުގެ އަސަރު ޖީބަށް ކުރާނެއެވެ.
ހަމައެއާއިއެކު ތަޖުރިބާއިން އެނގެނީ ގިނަ އަނބިން ތިބިނަމަ ފިރިމީހާގެ ތަނަވަސްކަން އިތުރުކުރަން އަނބިންގެ ސަމާލުކަން ކުޑަވާކަމެވެ. އަދި ޚަރަދުކުޑަކުރަންވެސް މަސައްކަތް ނުކުރާ ކަމެވެ. އެއީވެސް ފިރިމީހާގެ ޖީބަށް ބާރުބޮޑުވެގެންދާ ކަމެކެވެ.
މިމައްސަލަތައް ހުރިނަމަވެސް ތަނަވަސްކަމަށް ދަހިވެތިނުވާ، ފިރިމީހާއަށް ލިބޭ މިންވަރަށް ޝުކުރުވެރިވާނެ ހެޔޮލަފާ އަންހެނަކު ލިބިއްޖެނަމަ ދެއަންތބަށް ކައިވެނިނުކުރާކަށް ނުބުނަމެވެ. ނަމަވެސް ބުނަންޖެހެނީ އެފަދަ އަންހެނުން މިހާރު ވަރަށް މަދުކަމެވެ.
މިވާހަކަ މިހެން މިބުނަނީ ދުނިޔެއަށް ބެލިނަމަވެސް ކާމިޔާބު އަދި އެންމެ އުފަލުގަ އުޅޭ ގިނަ ފިރިހެނުންނަކީ އެކަކަށް ލޯބިދީގެން އޭނާއާއެކު ދިރިއުޅެން މަސައްކަތްކުރާ މީހުންކަން އެނގޭތީއެވެ. ކާމިޔާބު މިގުޅުވަނީ ތަނަވަސްކަމާއެވެ. ތަނަވަސްކަން ނެތި ހިތްހަމަޖެހިގެން ހުންނަން އުނދަގޫވާނެތީއެވެ. ވީމާ ގިނަ އަނބިން ހޯދާނަމަ މިކަންކަމަށް ފުންކޮށްވިސްނައިލުން ބުއްދިވެރިއެވެ.
--ތަޖުރިބާކާރު ޢިލްމްވެރިއެއްގެ ބަސްފުޅަކުން