އަހުރެންގެ ގާތަށް ކައުންސިލިންގެ ހޯދަން އަންނަ ގިނަ ބައެއްގެ އެންމެ ބޮޑު އެއްޝަކުވާއަށް ބަލައިލާނަމެވެ. "އަހުރެންނަށް ކުށެއް ކުރެވުނެވެ. ބޭވަފާތެރިވެވުނެވެ. އެކުށަށް ބައިވެރިޔާ މާފުވެސްކުރިއެވެ. ނަމަވެސް ކުރިން ދިން ލޯތްބެއް ނުދެއެވެ. ކުރިން ކުރިވަރާ ގާތަކަށްވެސް އިތުބާރެއް ނުކުރެއެވެ. އެހެންވެ މިއުޅެނީ ވަރަށް ބޮޑު ހިތްދަތިކަމެއްގައެވެ."
ރަނގަޅަށް ވިސްނާށެވެ! ބޭވަފާތެރިވުމަށް މާފުކުރުމަކީ ކުރަން އެންމެ އުނދަގޫ ކަންތަކެވެ. އަދި ހިތްވަރުކޮށްފައި މާފުކުރިނަމަވެސް އެކަން ހަނދާން ނައްތައިލުމަކީ ގިނަ ބައަކަށް ކުރެވޭ ކަމެއްވެސް ނޫނެވެ. ދަރިން ތބުމުން ނުވަތަ ލޯބިވާވަރުން މާފުކުރިނަމަވެސް އެކަމުން ހިތަށް ލިބޭ އަނިޔާ އެތައް އަހަރަކަށް ދިރިހުރެއެވެ. ބައެއް ފަހަރު ޢުމުރަށްވެސް ފިރިހުރެއެވެ.
ހިތާމައަކީ ޖަޒުބާތުގައި ޖެހެވި ބޭވަފާތެރިވެވޭކަމެވެ. ގިނަ ބައަކު ބޭވަފާތެރިވަނީ އެކަން ސިއްރުކުރެވޭނެކަމަށް ވިސްނައިގެންނެވެ. ހިތާމައަކީ ބޭޒާރުވެއްޖެނަމަ ކުރިމަތިވާނެ ކަންކަމަށް ވިސްނައިނުލެވޭ ކަމެވެ.
ގިނަބައަކު އެބާވަތުގެ ކަންކަން ކުރަނީ ބައިވެރިޔާއާއި ވަކިވުމުގެ ނިޔަތަކުވެސް ނޫނެވެ. ޖަޒުބާތުގައި ޖެހެވެނީއެވެ. ހަވާ ނަފުސް އެދުންތަކަށް ދީލައިލެވެނީއެވެ. ވީމާ އަހުރެން އެންމެންނަށްވެސް ދޭނަޞީޙަތަކީ ބޭވަފާތެރިވުމަކީ އަމިއްލައަށް ދިރިއުޅުން އަލިފާންގަނޑަކަށް ވައްޓައިލުން ފަދަ ކަމެއްކަމެވެ. އެކަން ނުކުރުމެވެ.
ދިރިއުޅެމުންދާއިރު ކުށްކުރެވޭނެއެވެ. ނަމަވެސް ބޭވަފާތެރިވުމަކީ އެއްގޮތަކަށްވެސް ނުކުރާނެ ކަމެއް ކަމަށް ހަދައިގެން އުޅޭށެވެ. އެއިރުން އެމީހަކަށް ސަލާމަތުން ހުރެވޭނެއެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން